ސަލްމާން ޚާން އަދި ޒުވާން ބަތަލާ އާލިއާ ބަޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު 'އިންޝާﷲ' އަންނަ އަހަރުގެ ފިތުރު ޢީދަށް ތާވަލުކުރި ނަމަވެސް އެ ފިލްމު އަޅުވާ ތާރީހަށް ބަދަލު ގެނެސްފިއެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ބަތަލު ސަލްމާން ހާން ކުރި ޓްވީޓެއްގައި ބުނީ ފިލްމު ފަސްކޮށްފައިވާ ކަމަށެވެ. ފިލްމު ފަސްކުރި ނަމަވެސް ފިލްމު އަޅުވާނެ ތާރީހެއް އަދި ފަސް ކުރި ސަބަބެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ސަލްމާން ބުނީ އެ ފިލްމު އީދު ދުވަހު ރިލީޒް ނުކުރި ނަމަވެސް އޭނާގެ އެހެން ފިލްމެއް ފެނިގެންދާނެ ކަމަށެވެ.

ސަލްމާންގެ ފިލްމުތައް މުޅިން ވެސް ރިލީޒްކުރަނީ އީދު ބަންދާ ދިމާކޮށެވެ. ސަލްމާން ގަބޫލުކުރާ ގޮތުގައި އީދަކީ އޭނާގެ ފިލްމުތަކަށް "ލަކީ" ދުވަސްވަރެކެވެ.

ބަންސާލީ ޕްރޮޑަކްޝަން އިން ކުރި ޓްވީޓެއްގައި ބުނީ މިވަގުތު ފިލްމުގެ މަސައްކަތް މިވަގުތަށް އެއްކޮށް ހުއްޓާލާފައިވާ ކަމަށާއި ފިލްމާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.

'އިންޝާﷲ' ވެގެންދާނީ 19 އަހަރަށްފަހު ބަންސާލީގެ ފިލްމަކުން ސަލްމާން ފެނިގެންދާ ފުރަތަމަ ފަހަރަށެވެ. ސަލްމާން އާއި ބަންސާލީ އެންމެ ފަހުން އެކުގައި މަސައްކަތް ކޮށްފައި ވަނީ 1999 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު 'ހަމް ދިލް ދޭ ޗުކޭ ސަނަމް' ގައެވެ. އަދި 'އިންޝާﷲ' އަކީ އާލިއާ ބަޓް، ބަންސާލީއާ އާއެކު އަދި ސަލްމާން އާއެކު ވެސް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.