27 Aug 2019, 07:18
އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ދިނުމަށް ތައާރަފްކުރި ހެލްތު އިންޝުއަރެންސް ސްކީމް "މެރަނާ" ގައި މިހާތަނަށް ބައިވެރިވެފައިވަނީ އެންމެ 1900 އެއްހާ މީހުން ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
މެރަނާ ސްކީމް ތައާރަފްކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ސްކީމްގެ ހިދުމަތް އަދި ދެމުން ގެންދަނީ އިންޑިއާ އަދި ސްރީލަންކާގައި އެކަންޏެވެ. އެ ހިދުމަތް އަދި މެލޭޝިއާގައި ނުފަށަ އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގާ "ސަން" އަށްވިދާޅުވީ މެރަނާ ސްކީމްއަށް އެކަށީގެންވާ ވަރާ ގާތަށްވެސް ތަރުހީބެއް ނުލިބޭ ކަމަށެވެ.
" ލަންކާއިން އިނީ 1500. އިންޑިއާގައި އިނީ 222، ދެން މެލޭޝިއާގައި އިނީ 160 ވަރު. ގާތް ގަނޑަކަށް 1900 މީހުން ޓޯޓަލީ ރެޖިސްޓްރީވެފައި މިއިނީ." ޝަފީގާ ވިދާޅުވި އެވެ.
މެރަނާ ސްކީމްއާ މެދު ލަންކާގައި ދިރިއުޅޭ ދިވެހިން މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެގޮތުން އެ ސްކީމްގެ ދަށުން ސިއްހީ ފަރުވާ ހޯދުމުގައި ލުއިތަކެއް ނުލިބޭ ކަމަށާއި ސްކީމްގެ ކަވަރޭޖް މާ ކުޑަ ކަމަށް ބުނެ ޝަކުވާކޮށްފައިވެ އެވެ.
ޝަފީގާ ވިދާޅުވީ، ލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ސިއްހީ ހިދުމަތް ދޭ އަގު ބޮޑުވުމުން މެރަނާ ސްކީމުން އަގުގެ އެއްބައި ކަވަރު ކުރި ނަމަވެސް އަތުން ބޮޑު އެއްޗެއް ދައްކަން ޖެހޭކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކަށް ބަލައިގެން މެރަނާ ސްކީމް ރިވައިޒް ކުރުމުގެ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް ޝަފީގާ ފާހަގަ ކުރެއްވި އެވެ.
"މެރެނާއަކީ ފުލްކޮށް ކަވަރުކުރާ ސްކީމެއް ނޫން އަސްލުގާ. އޭގައި އަޅުގަނޑުމެން ކަވަރޭޖު ދެނީ ހަމައެކަނި މިސާލަކަށް ރާއްޖޭގެ އޭޑީކޭ ހޮސްޕިޓަލަށް މީހަކު އައިމަ އަޅުގަނޑުމެން މިދެނީތާ ލިމިޓްތަކެއް. އެލިމިޓްތައް ދިނީމާ ވާގޮތަކީ އަސްލު ލަންކާގައި އަގުތައް ވަރަށް ބޮޑެތި ވާނެ. އެހެންވީމާ ކަވަރޭޖް ކުޑަވާނެ އަސްލުގަ. އެއީ އޭގަ އަންނަ އިޝޫއަކީ އޭތީގެ ރިވިޝަނެއްގެ މަސައްކަތްވެސް އަޅުގަނޑުމެން އެބަކުރޭ،" ޝަފީގާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި މުޅިންހެން ވެސް ހުންނަނީ ޕްރައިވެޓް ހޮސްޕިޓަލްތަކަށް ވާއިރު، އެ ތަންތަނުގެ ހިދުމަތްތަކަށް އަރާ އަގު އެއްކޮށް ސްކީމްގެ ތެރެއިން ކަވަރުނުކޮށް ދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ އާންމު ސިއްހީ ހިދުމަތުގެ އިންޝްއަރެންސް ނިޒާމަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"މިހާރު މާލޭގައި ހުންނަ މީހަކު ޕްރައިވެޓް ހޮސްޕިޓަލަކަށް ވަނީމަ އެމީހާއަށް އާސަންދައިން އެ ސާވިސްއަކަށް ލިބޭ އަދަދު އެކޮޅުގައި ވަނަސް ލިބޭނެ. އެކޮޅުގައި ކޮންމެ ގޮތެއްވިޔަސް ޕްރައިވެޓް ހޮސްޕިޓަލް ހުންނާނީ. ގަވަމަންޓް ހޮސްޕިޓަލެއް ނުހުންނާނެ. މާލޭގައި ގަވަމަންޓް ހޮސްޕިޓަލަށް ދިޔައިމާ ހިލޭ ލިބޭނެ. އެކަމަކު ޕްރައިވެޓް ތަނަކަށް ދިޔައިމަ ފުދޭވަރެއްގެ ބޮޑު އަދަދެއް އެމީހާ ދައްކަން ޖެހޭނެ. ހަަމަ އެކަހަަލަ ގޮތަކަށް އެއޮތީ." ޝަފީގާ ވިދާޅުވި އެވެ.
މެރަނާ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ބޭސް ފަރުވާއަށް އަހަރަކު 150،000 ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި އެނދުމަތިނުކޮށް ހޯދާ ނުވަތަ އައުޓްޕޭޝަންޓް ހިދުމަތަށް 10،000 ރުފިޔާ ކަނޑައަޅާފައިވާ އިރު، އެޑްމިޓްކޮށްގެން ދޭ އިމްޕޭޝަންޓް ހިދުމަތްތަކަށް އެޑްމިޝަން ހިމަނައިގެން ޖުމްލަ ކަވަރޭޖާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ.
ސްކީމްގެ އުސޫލު އޮންނަ ގޮތުން، އައުޓްޕޭޝަންޓް ހިދުމަތް ހޯދާ ވަގުތު ޕޭޝަންޓް ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހޭނެ އެވެ. އަދި 60 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް އާސަންދަ އަށް ހުށަހެޅުމުން އެ ހަރަދުވި ފައިސާ އެ ކުންފުނިން އެމީހަކަށް ޖަމާކޮށްދޭނެ އެވެ. އެހެން ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާއެއް ހޯދާ ނަމަ ފައިސާ ނުދައްކައި ހަމައެކަނި އައިޑީކާޑް ދެއްކުމުން ހިދުމަތް ލިބޭނެ އެވެ.
މެރަނާ ސްކީމްގައި ބައިވެރިވެވެނީ އެ ގައުމެއްގައި ދިރިއުޅޭތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ދިވެހިންނަށެވެ.
ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ފުޅާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.