27 Aug 2019, 01:34
ސިޔާސީ މައިދާނުގައި ދެން "ކިންގަކަށް" ވާނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހީމް ކަމަށް އިދިކޮޅު ޕީޕީއެމް އިން ވަކިވެވަޑައިގެން މިރޭ ޖޭޕީއާ ގުޅީވަޑައިގެންނެވި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ މައި އިދާރާގައި ކުރީގެ ސަރުކާރުގެ އިސްވެރިންތަކެއް ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އަލީ އާރިފު ވިދާޅުވީ، ވޭތުވެދިޔަ ރިޔާސީ އިންތިހާބުތައް އެހެން ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެއްވުމަށް ގާސިމް މައްސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ގާސިމް އަކީ އެ އިންތިހާބު ކާމިޔާކުރައްވާނެ ފަރާތް ކަމަށް އޭނާ ވިދާޅިވިއެވެ.
"އިރާދަކުރެއްވިޔާ، ރާއްޖޭގައި ދެން ވެރިކަމަށް އަންނާނީ، ކުރީގައި ވެރިކަން ދެއްވުމަށްޓަކައި [ނުވަތަ] ކިންގް މޭކާއެއްގެ ރޯލް ގާސިމް އަދާކުރެއްވި، ދެން އިރާދަ ކުރެއްވިޔާ ކިންގްއަކަށް ވެވަޑައިގަންނަވާނީ ގާސިމް އިބްރާޙިމް. އިންޝާﷲ އެދުވަސް އަޅުގަނޑުމެން ދެކޭނަން،" މިރޭ ޖޭޕީއަށް ސޮއި ކުރެއްވި އަލީ އާރިފު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި އަލީ އާރިފު ވާހަކަ ދައްކަވަނީ: ގާސިމް އަކީ "ކިންގަކަށް ހަދާނަން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަލީ އާރިފު ވިދާޅުވީ، ގާސިމަކީ، ރައްޔިތުން ދެކެ ލޯބިވާ، ރައްޔިތުންނަށް އެކި ރޮގު ރޮގުން އެކި ހައްސިއްޔަތުތަކުން ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ވޭތުވދިޔަ 10 އަހަރު ސިޔާސީ މަސައްކަތް ކުރެއްވީ ވަރަށް އިޚްލާސްތެރިކަމާއެކު ކަމަށާއި ހަމަ އެގޮތަށް އިޚްލާސްތެރިކަމާއެކު ސިޔާސީ މަސްރަހުގައި ގާސިމްގެ މައްސަކަތަށް ފުރިހައަށް އެއްބާރުލުން ދެއްވާނެ ކަމަށް އަލީ އާރިފު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަ ދެއްކެވި އިނގުރާދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޖޭޕީއާ އޭނާ ގުޅުނީ ވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެންމެ ގާބިލް ބޭފުޅަކީ ގާސިމްކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. އަދި ޖޭޕީ ހިމެނޭ ކޯލިޝަންގެ ސަރުކާރަށްވެސް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކުރައްވަން ނިންމެވި ނިންމުމަކީ، ގައުމަށް ސިޔާސީގޮތުން އެންމެ ރަނޑގަޅު ހިދުމަތެއް ކުރެވޭނީ ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައ ކަމަށް ދެކޭތީ،" ފަލާހު ވިދާޅުވިއެެވެ.