06 Nov 2011, 13:04
މުޒްދަލިފާ (އޮކްޓޯބަރ 6): މައްކާގެ މުޤައްދަސް ބިންތަކުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ގެންދާ ހަތަރު މިލިޔަނެއްހާ ޙައްޖުވެރިން ޢަރަފާތުގެ ބިމުގައި އިއްޔެގެ މުޅި ދުވަސް ހޭދަކުރުމަށްފަހު އިއްޔެގެ އިރުއޮއްސުމާއެކު މުޒްދަލިފާއަށް ހިނގައްޖެ އެވެ.
ރޭ ހައްޖުވެރިން ތިބީ މުޒްދަލިފާގަ އެވެ. މުޒްދަލިފާގައި ހައްޖުވެރިން ރޭގެ މަޣްރިބް ނަމާދާއި ޢިޝާނަމާދު ކޮށްފައިވަނީ ޖަމްއުކޮށްނާއި ޤަސްރުކޮށެވެ. މުޒްދަލިފާގައި ރޭގެ ބޮޑުބައެއް ހޭދަކުރުމަށްފަހު ނުވަތަ ފަތިސްވަންދެން މުޒްދަލިފާގައި ތިބުމަށްފަހު ޖަމްރާތަކަށް ހިލައުކުމަށާއި ހަދްޔު ކަތިލުމަށްޓަކައި މިއަދު ހެނދުނު ހައްޖުވެރިންވަނީ އަނެއްކާވެސް މިނާއަށް ގޮސްފަ އެވެ.
މިނާގައި އުޟްޙިޔާ ކަތިލައި ޖަމްރާތަކަށް ހިލައުކުމުގައި ހައްޖުވެރިން މަޝްޣޫލުވުމުގެ އިތުރުން ބޯކޮށުމާއި ބޯބޭލުމުގެ ކަންތައް ވެސް މިއަދު (ޢީދުދުވަހު) ކުރިޔަށް ގެންދާނެ އެވެ. އަދި އަވަހަށް ޙައްޖު ނިންމާލަން ބޭނުންވާ ޙައްޖުވެރިން (ތަޙައްލުލްއަސްޣަރު) ނުވަތަ އިޙްރާމް މިއަދު މޮހާނެ އެވެ. އަދި ތަވާފުލްއިފާޟާކޮށް ސަފާއާއި މަރްވާގައި ސަޢްޔު ކުރުމަށްޓަކައި ޙައްޖުވެރިން މިއަދު މައްކާއަށް ދާނެ އެވެ. ޙައްޖުގެ އަޅުކަން މުޅިން ނިންމާލާނީ މައްކާގައި (ތަޙައްލުލްއަކްބަރު) ނުވަތަ އެއްކޮށް އިޙްރާމް މޮހެލުމުންނެވެ.
ޙައްޖުވެރިން ޢަރަފާތުގެ ބިމުގައި އިއްޔެވަނީ ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމަށްވާ ޢަރަފާތުގެ ބިމުގައި ތިބުމުގެ ވާޖިބު އަދާކޮށްފަ އެވެ. ހައްޖުވެރިން ޢަރަފާތުގެ ބިމުގައި އިއްޔެވަނީ ރަޙްމާންވަންތަ ރަސްކަލާންގެއަށް ދުއާ އާއި ޛިކްރު ކުރުމުގައި މުޅި ދުވަސް ހޭދަކޮށްފަ އެވެ. ޢަރަފާތުގެ ބިމުގައި އެމީހުން ވަނީ އިއްޔެގެ މެންދުރު ނަމާދާއި ޢަސްރު ޖަމްޢުކޮށްނާއި ޤަސްރުކޮށް ކޮށްފަ އެވެ.
އިއްޔެގެ މެންދުރެއްހާއިރު ޢަރަފާތުގެ މަސްޖިދުއްނަމިރާގައި މައްކާގެ ޙަރަމްފުޅުގެ އިމާމް ޢަބްދުލްޢަޒީޒް އާލުއްޝައިޚް ވަނީ ޢަރަފާތު ދުވަހުގެ ޚުތްބާ ވިދާޅުވެފަ އެވެ. މިޚުތްބާގައި އޭނާވަނީ މުސްލިމުންގެ އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު ފިތުނަ އުފެދެމުންދާ ކަމުގެ އިންޒާރު ދެއްވައި އެކަމާމެދު ހޭލުންތެރިވުމަށް ގޮވާލައްވާފަ އެވެ. (ސަޢޫދީ މީޑިޔާ)