27 Aug 2019, 01:01
ސަރުކާރު ހިންގާ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ބޭރުކުރަންދެން ތިބޭނެ ކަމަށާއި ޖުމްހޫރީ ޕާޓީން ބޭނުން ވަނީ ޕާޓީ ބޮޑު ކުރަން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާޙިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގެ އިސްފަރާތްތަކެއް މިރޭ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ވަނީ ގުޅިވަޑައިގެންފައެވެ. އެކަމާ ގުޅޭ ގޮތުން ކޯލިޝަންގައި މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ޖުމްހޫރީ ޕާޓީއަށް ޝޯޝަލް މީޑިއާގައި ފާޑު ވިދާޅުވަމުންނެވެ.
ޖުމްހޫރީ ޕާޓީއަށް މިރޭ މެމްބަރުން ސޮއިކުރެއްވުމަށް އެ ޕާޓީ އިދާރާ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ ކޯލިޝަނުން ވަކިވާން ނޫން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ އަމާޒަކީ، ޕާޓީއަށް މެމްބަރުން އިތުރުކޮށް، ޕާޓީ ބޮޑު ކުރަން ކަމަށް ގާސިމް ވިދާޅުވިއެވެ.
"ހަމަގައިމުވެސް އަޅުގަނޑު ޔަގީންކަން އަރުވަން އަޅުގަނޑުމެން ކޯލިޝަނަކުން ބޭރެއް ނުވާނަމޭ. އަޅުގަނޑުމެން އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޖޭޕީން އަބަދުވެސް މަސައްކަތް ކުރާނަން. އެކަމަކު ޖޭޕީ ބޮޑުވާންވެސް މަސައްކަތްވެސް ކުރާނެ. ޖޭޕީއަށް ތާއަބަދަކު އެއްގޮތަށް ނޯވެވޭނެ ކަން ހަދުމަފުޅު ބަހައްޓަވަން ވާނެ،" ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކުރާ ކަމަކީ އެއްވެސް ބޭފުޅަކު ހީނުކުރައްވާތި ކޯލިޝަނުން ބޭރުވުމަށް ކުރާ ކަމެއް ކަމަށް. ނޫން، އެހެން ނޫން. މިއަދުގެ ސަރުކާރުން އިސްލާމް ދީނުގައި ރާއްޖޭގެ ގާނޫނުއަސާސީއާއި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައިގެން ކުރިޔަށް ދާނަމަ ރައީސް ސޯލިހާއެކު ކުރިއަށް ދާނަން،"
ގާސިމް ވިދާޅުވީ، ޕާޓީއަށް މެމްބަރުން އިތުރުކޮށް ކުރިއަށް އޮތް އިންތިބާހުތަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީ [މެމްބަރުން] 8000 އަށް ތިރި ވީމަ 10،000 މެމްބަރުން ހަމަ ކުރަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އަދި ރާއްޖޭގެ އެންމެ ތިރީގައި އޮންނަ ޕާޓީއަކަށް ނުވެ، އެންމެ ފުރަތަމަ ނުވިނަމަވެސް ދެވަނަ އަށް ބޮޑު ޕާޓީއަށް ވުމަށްޓަކައި މަސައްކަތް ކުރަން. އަޅުގަނޑުމެން އުންމީދު އޮންނަންވާނެ އެންމެ ބޮޑު ޕާޓީއަށްވެސް ހަދަން. އެހާ ހިސާބަށް މައްސަކަތްކޮށްގެން ކިރިޔާ ހުރިތާވެސް ޖެހޭނީ،" ގާސިމް ވިދާޅުވިއެވެ.
ކުރިން 12،000 އަށްވުރެ ގިނަ މެމްބަރުން ތިބި ޖޭޕީގެ މެމްބަރުންގެ އަދަދު 8،000 މެމްބަރުންނަށް ތިރިވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މެއި މަހު އާންމު ކުރި މެމްބަރުންގެ ދަފްތަރުން ދައްކާގޮތުން މިހާރު ޖޭޕީގައި ތިބެނީ 9،859 މެމްބަރުންނެވެ.
ގާސިމް ވިދާޅުވީ، ޖޭޕީ ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެށްގެ ޖޭޕީގެ ގޮއްޕެއް ގައިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މި މަސް ނިމި މަޖިލިސް ޗުއްޓީއަށް ދިޔުމުން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މިރޭ ބޭއްވި ޖަލްސާގައި ޖޭޕީއަށް ސޮއިކުރައްވާފައި ވަނީ، ނިމިދިޔަ ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދު އަދި ހޯމް މިނިސްޓަރަކަށް ހުންނެވި އަޒްލީން އަހްމަދާއި ޕީއެންސީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި، އިދިކޮޅު ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު، އަހްމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހެވެ.