26 Aug 2019, 23:26
ސަޕްލިމަންޓްރީ ބަޖެޓުން ގައުމީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ އިތުރުވުމާއި އާ މަޝްރޫއުތައް ވެސް ފެށޭތަން ފެންނާނެ ކަމަށާއި އާ ހަރަދުތަކުން މާލީ ބާޒާރަށް ލޮޅުންތަކެއް ނާންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީއިން ހުށަހަޅާފައި ވަނީ، މިއަހަރު ފާސްކޮށްފައިވާ 30.25 ބިލިއަން ރުފިޔާގެ ބަޖެޓަށް ހަރަދުގެ ގޮތުގައި އިތުރު 1.70 ބިލިއަން ރުފިޔާ ހިމަނައި ބަޖެޓް 31.95 ބިލިއަން ރުފިޔާއަށް ބޮޑު ކުރާށެވެ.
ކޮމިޓީގައި އެ ބަޖެޓް ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓްގެ ބަހުސް މަރުހަލާ މިރޭ މަޖިލީހުގައި ފެށިއިރު، ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިގެން މެންބަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ، އިތުރަށް ހަރަދުކުރަން ހުށަހެޅީ މީގެ ކުރިން ލަފާކުރެވިފައި ނުވާ ވަރަށް ވުރެ ގިނައިން ބޭރުގެ ހިލޭ އެހީ ލިބިފައި ވާތީ އެ ފައިސާއިން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހަރަދު ކުރުމުގެ ގޮތުން ކަމަށެވެ. އަދި މީގެ ކުރިން ފާސްކުރި ބަޖެޓަކީ، މި ސަރުކާރުގެ ވައުދުތައް އެންމެ އެކަށީގެންވާ ގޮތުގައި ފުއްދޭ ގޮތަށް ފަރުމާކޮށްފައިވާ ބަޖެޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ސައުދީ ފަންޑުން ހިލޭ އެހީގެ ގޮތުގައި އިތުރު 40 މިލިއަން ޑޮލަރު ލިބިފައިވާއިރު 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް އިންޑިއާއިން ދީފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި އެސްއެމްއީ ބޭންކުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލޯނު ދިނުމަށް އެސްބީއައިއިން 25 މިލިއަން ޑޮލަރުގެ ކުރިޑިޓް ފެސިލިޓީއެއް ލިބިފައިވާކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި މަޖިލީހުން ހުއްދަ ލިބިގެން މި އަލަށް ލިބުނު އެހީގެ ފައިސާއިން ހަރަދުތައް ވެސް ކުރަން. އެހެންވެ އަޅުގަނޑުމެން މި މަޖިލީހުގެ ހުއްދައަކަށް އައީ. މި ފައިސާ ބޮޑު ބައެއް ހަރަދު ކުރާނީ ތައުލީމާއި ސިއްހަތް އަދި ކުދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަލަށް ކުރާ ހަރަދުތައް:
- ތައުލީމީ ލޯނާއި ސްކޮލަޝިޕަށް: 300 މިލިއަން ރުފިޔާ
- ޓާޝަރީ ފަސް ހޮސްޕިޓަލް ތަރައްގީ ކުރަން: 294.5 މިލިއަން ރުފިޔާ
- އެސްއެމްއީ ބޭންކުން ލޯން ދޭން: 350 މިލިއަން ރުފިޔާ
- ކަރަންޓާއި ދަތުރުފަތުރުގެ އަގުހެޔޮކުރަން: 189.4 މިލިއަން ރުފިޔާ
- ހުޅުމާލެ ހޮސްޕިޓަލްގެ ތަރައްގީއަށް: 150 މިލިއަން ރުފިޔާ
- ނާސްތާ ޕްރޮގްރާމްއަށް: 81 މިލިއަން ރުފިޔާ
- އާ އިދާރާތަކަށް ދިނުމަށް: 18.7 މިލިއަން ރުފިޔާ
މިނިސްޓަރު އަމީރު ވިދާޅުވީ، މިހަރަދުތައް އިތުރަށް ކުރި ނަމަވެސް، ބަޖެޓް ޑެފިސިޓް ނޫނީ ދަރަނިވާ ބައި ފޫބައްދަން ދިވެހި މާކެޓަށް ވިއްކަން ޖެހޭނީ 506 މިލިއަން ޑޮލަރުގެ ޓީބިލް ކަމަށެވެ. އަދި މިހާތަނަށް ވެސް ބަޖެޓް ދަރަނި ފޫބައްދަމުން ދަނީ އިންޑިއާ ސަރުކާރުން ދިން 50 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުން ދީފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލްގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ޓީބިލް ވިއްކައިގެން ކަމަށް ވެސް މިިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން، ބަޖެޓް ދަރަނި ފޫބައްދަން ރާއްޖޭގެ މާލީ ބާޒާރަށް ބަރޯސާވާން ޖެހޭވަރު ވަރަށް ވެސް ކުޑަ ކަމަށްމިނިސްޓަރު ވިދާޅުވި އެވެ.
ސަޕްލިމަންޓްރީ ބަޖެޓާ އެކު ބަޖެޓް ޑެފިސިޓަށް 986.4 މިލިއަން ރުފިޔާ އިތުރުވެ، މުޅި ބަޖެޓްގެ ޑެފިސިޓް 4.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 61.6 ޕަސެންޓެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓް ޑެފިސިޓް އިތުރުވި ނަމަވެސް، އޭގެ ބޮޑު ބައި ފޫބައްދަނީ، ބޭރުގެ މާކެޓަށް ޓީބީލް ވިއްކައިގެން ކަމުން ރާއްޖޭގެ ބޭރު ފައިސާގެ މާކެޓަށް ނޭދެވޭ ބަދަލެއް ނާންނާނެ އެވެ. އެގޮތުން ސާކް ފެސިލިޓީއެއްގެ ދަށުން 200 މިލިއަން ޑޮލަރުގެ ފޮރިން އެކްސްޗޭންޖް ފެސިލިޓީއަކާއި އިންޑިއާގެ ސެންޓްރަލް ބޭންކް އާރުއައިބީއާ އެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް އެމްއެމްއޭއިން ހަދާފައިވުމުން، ބޭރު ފައިސާގެ ބާޒާރު ތާށިނުވެ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައި މިހާރުވެސް އިދޭ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 60 ޕަސެންޓްގައި ހިފަހައްޓަން. އަޅުގަނޑުމެންގެ އަމާޒަކީ އޭގެ ޑިނޯމިނޭޓާ ބޮޑުކުރުން. އޭގެ މާނައަކީ ގައުމީ އުފެއްދުންތެރިކަން ބޮޑުކޮށް، އިގްތިސާދީ އިތުރު ހަރަކާތްތަކެއް އުފެދި އެކްސްޕެންޝަނަކަށް ދިޔުން. މީގެއިން ލިބޭނެ 60 ޕަސެންޓްގައި ދަރަނި ބެހެއްޓުމުގެ ފުރުސަތު،" މިނިސްޓަރު ވިދާޅުވި އެވެ.
އިގްތިސާދީ އެހެން ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އަގުތައް މައްޗަށް ދާ މިންވަރު އިންފްލޭޝަން އެވްރެޖްކޮށް 0.7 ޕަސެންޓްގައި މުޅި އަހަރު ދުވަހު ހިފެހެއްޓޭނެ ކަމަށެވެ.
ޓޫރިސްޓުން އަންނަ މިންވަރުވެސް 14 ޕަސެންޓް އިރުރުވެފައިވާ އިރު ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު، ބެޑް ނައިޓްސް ވެސް 15 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ނުހެދި ހުރި ރިސޯޓްތަކާއި ގެސްޓްހައުސް ވިޔަފާރިއަށް ދޫކުރާ ލޯނުގެ ސަބަބުން ޓޫރިސްޓުންނަށް ހިދުމަތް ދޭ އެނދާއި ޕްރޮޕަޓީތަކުގެ އަދަދު އިތުރު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއްގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން މިހާރު ލަފާކުރާ އަދަދަށް ވުރެވެސް އިތުރުވާނެ ކަމަށް ބެލެވޭ،" މިނިސްޓަރު ވިދާޅުވި އެވެ. "...އަޅުގަނޑު ޔަގީންކަން އަރުވަން މި ބަޖެޓްގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓަށް ލޮޅުމެއް ނާންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ، ސަޕްލިމަންޓްރީ ބަޖެޓާ އެކު އާ އުމުރާނީ މަޝްރޫއުތައް ފެށިގެން އަންނަތަން ފެންނާނެ ކަމަށެވެ. އަދި މިއަހަރު ނިމޭއިރު ދަރަނި ދެއްކުމަށް ވެސް 2.2 ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާ 11:00 ގައި ނިންމާލިއިރު، ސަޕްލިމަންޓްރީ ބަޖެޓްގެ ބަހުސްގެ މަރުހަލާ މަޖިލީހުގައި އަދި ނުނިމެ އެވެ. އެހެންކަމުން އެ ބަޖެޓް މަޖިލީހުގެ ތަޅުމުން ފާސްކުރާނީ މާދަމާ އެވެ.