26 Aug 2019, 23:55
ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ޝެފުންގެ މުބާރާތެއް ކަމަށްވާ "އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވި ދިވެހި ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިދިޔަ ބުދައިން ހޮނިހިރުގެ ނިޔަލަށް ކުރިއަށް ދިޔަ އެ މުބާރާތުގައި ރާއްޖޭގެ ޓީމަށް ވަނީ ބްރޮންޒް މެޑަލްއެއް ލިބިފައެވެ.
އެ ޓީމު މިއަދު ރާއްޖެ އައުމާއެކު ޓޫރިޒަމް މިނިސްޓްރީން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެ ޓީމްއަށް މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހް އާއި ޑެޕިއުޓީ މިނިސްޓަރު އަސްއަދު ރިޒާގެ އިތުރުން މިނިސްޓްރީގެ ސީނިއާ އޮފިޝަލުން ހިމެނެއެވެ.
އެ މުބާރާތުގައި ރާއްޖެއިން ބައިވެރިވީ ޝެފް ގިލްޑް އޮފް މޯލްޑިވްސް ޖަމްއިއްޔާގެ ފަރާތުންނެވެ.
އެ ޖަމްއިއްޔާގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ މުބާރާތުގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ހަ ޝެފުން ހިމެނޭ ކަމަށެވެ.
މިއީ ރާއްޖެއިން މިހާތަަނަށް ބައިވެރިވި އެންމެ ބޮޑު މުބާރާތްވެސް މެއެވެ. ރާއްޖޭގެ ޓީމްގައި ކުރިން އެހެން މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަ ހޯދި ޝެފުންވެސް ހިމެނެއެވެ. އޭގެ އިތުރުން އެ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި ދިވެހި ކައްކާއެއް ކަަމަށްވާ އިސްހާގް ސޯލިހް ވަނީ ހިމެނިފައެވެ.
ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕްއަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމްކުރަނީ ޗައިނީސް ޝެފުސް އެސޯސިއޭޝަންގެ ފަރާތުންނެވެ. މި މުބާރާތަކީ ޗައިނާގެ ރަހަތަކަށް ހާއްސަކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީން ގަބޫލްކުރާ ހަމައެކަނި މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ ކެއުންތައް ޕްރޮމޯޓްކުރުމެވެ.