ފުވައްމުލަކު މާލެގަމް ޕްރީސްކޫލުގެ ސައުންޑް ސިސްޓަމެއް ވަގަށް ނަގައިފި އެވެ.

މާޅެގަމް ކައުންސިލްގެ ރައީސް އަލީ އަބްދުﷲ ދީދީ މިއަދު ވިދާޅުވީ މާލެގަމް ކައުންސިލުން ހިންގާ އެ ޕްރީ ސްކޫލުން ވަގަށް ނަގާފައިވަނީ 20،000ރ. ގެ އަގުހުރި ސައުންޑް ސިސްޓަމެއް ކަމަށާއި، ސައުންޑް ސިސްޓަމް ވަގަށް ނެގިކަން އެނގުނީ އިއްޔެ ސްކޫލް އިދާރާ ހުޅުވަން ދިޔަ ވަގުތު ކަމަށެވެ.

"އިއްޔެ އަޅުގަނޑުމެން ސްކޫލް އިދާރާ ހުޅުވަން ދިޔަ ވަގުތު ފެނުނީ އެތަން ފަޅާލާފައި ހުއްޓާ. އަޅުގަނޑުމެން އޮފީސް ތެރެއަށް ވަދެ ބަލާލިއިރު ސައުންޑް ސިސްޓަމް ވެސް ވަނީ ވަގަށް ނަގާފައި،" އަލީ އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސައުންޑް ސިސްޓަމަކީ ސާކު ސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި އެރަށު މާޅެގަމު އަވަށުގެ ފަރާތުން ބައިވެރިވާ ޒުވާނުންނާއި ކުދިން ޕްރެކްޓިސް ކުރުމަށް ބޭނުން ކުރަމުން އައި ސާމާންތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.