26 Aug 2019, 17:24
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބޮޑެތި އިސްލާހުތަކަކާ އެކު މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އެކުލަވާލި ވަގުތީ ކޮމިޓީއިން ގަވާއިދު އިސްލާހުކޮށް ނިންމައި ތަޅުމަށް ހުށަހެޅި ފަހުން މިއަދު މަޖިލީހުގެ ތަޅުމުގައި ވެސް ވަނީ 52 އިސްލާހެއް ގަވާއިދަށް ހުށަހަޅާފަ އެވެ.
މަޖިލިސް ގަވާއިދަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވާ ނަމަ މުސާރައިގެ ދެބައިކުޅަ އެއްބައި ކެނޑޭ ގޮތަށް އިސްލާހު ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން މިނިވަން މުއައްސަސާތަކުގެ މެމްބަރުން އައްޔަން ކުރާ ގޮތުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މަޖިލީހުގެ މުވައްޒަފުންގެ ޕެނަލަކުން މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކަށް ކުރިމަތިލާ މީހުންގެ ޝަރުތު ހަމަވޭތޯ ފުރަތަމަ ބަލަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ. ކޮމިޓީއަށް ހުށަހަޅަން ޖެހޭނީ އެ ޕެނަލުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާ މީހުންގެ ނަންތަކެވެ.
އޭގެ އިތުރުން މަޖިލީހަށް ސަލާން ބުނާ މެމްބަރުންނާއި ރަސްމީ ދަތުރުފުޅެއްގައި ހުންނަވާ މެމްބަރު އަދި ހާޒިރުނުވާ މެމްބަރު އެނގޭ ގޮތަށް މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން އިއުލާނު ކުރަންވާނެ ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސް އެއްކޮށް ލިބިވަޑައިގަންނަވާނީ 75 ޕަސެންޓް ކޮމިޓީ ބައްދަލުވުމަށް ހާޒިރުވާ ނަމަ ކަމަށް މަޖިލިސް ގަވައިދަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ޕާލިމެންޓްރީ ގްރޫޕުތައް ހިންގުމަށް ބޭނުންވާ ހަރަދާއި ބައްދަލުވުން ބާއްވާނެ އޮފީސް އަދި ޕީޖީ ގުރޫޕުގެ ކަންކަމަމަށް މުވައްޒަފުން އަދި ބޭނުންވާނެ ވަސީލަތްތައް މަޖިލީހުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް މަޖިލިސް ގަވައިދަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.
މަޖިލިސް ގަވައިދު ފާސްކޮށްފައިވަނީ މިއަދު ޖަލްސާއަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިސްތިފާގުންނެވެ.