އީދު ނަމާދު ނިމުމާ އެކު ބޮޑު ތަކުރުފާނު މަގުގައި ޓޯޔާޑާ އިންވެގެން ހުންނަ ޓައިސޭ ކޮށްޓަށް މީހުން ޖަމާވާން ފަށައިފި އެވެ. ގޭޓުން އެތެރެއަށް ވަތް އިރު ވެސް ބަކަރީގެ ގޮވުމުގެ އަޑު އިވެ އެވެ. އެތެރެއަށް ވަދެގެން ދިޔައިރު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ސިއްހަތު ރަނގަޅު ދެ ގެރި އެވެ.

"މި ދޭތިވެސް ކަތިލާނެ،" އެ ދެގެރި ވެސް ކަތިލާނެތޯ ސުވާލުކުރުމުން އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވި އެވެ.

އުލްހިޔާ ކަތިލާ ވަގުތު ކުޑަތަން ވަމުން އައިވަރަކަށް ޓައިސޭ ކޮށީގައި ދިޔައީ ބާރުބޮޑުވަމުންނެވެ. ބަކަރިތައް ކަތިލަން ފެށުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ބަކަރި ކަތިލާ ތަން ބަލަން ޖަމާވެ ފިތި ބާރުވި އެވެ. ކޮންމެ ބަފަޔަކުވެސް އަދި މަޔަކުވެސް ތިބީ އެމީހުންގެ ކުޑަދަރިފުޅުވެސް ގޮވައިގެން އައިހެވެ. އެއް ބަޔަކު ފޮޓޯ ނެގުމުގައި އުޅޭއިރު އަންހެނުން ބަކަރި ކަތިލާތަން ނުފެށިގެން ޝަކުވާ ކުރަނީ އެވެ.

"އަހަރުމެން ވަރަށް ކުރިން އައިސްފިން، އެކަމަކު އަދިވެސް އަހަރުމެންނަކަށް ނުފެނޭ،" އެތަނުގައި ހުރި އަންހެނަކު ޝަކުވާކުރި އެވެ. "މީގެ ކުރިން އުލްހިޔާ ކަތިލާތަނެއް ނުދެކެން،"

ބަކަރިތައް ކަތިލާ ނިމެން ގާތްވުމުން ގެރި ކަތިލުމަށް، އެ މަސައްކަތުގައި އުޅުނު މީހުން މިސްރާބު ޖެހި އެވެ. އެއީ އެއްވެފައިވާ އެތައް ބަޔަކަށް ހާއްސަ އަދި މަޖާ ވަގުތުކޮޅެކެވެ. އެކަކު އަނެކަކު ކޮޑަށް އަރައިގެން ނަމަވެސް އެ މަންޒަރު ބަލަން މީހުން ވަނީ ފިތި ބާރުވެފަ އެވެ. ގެރި ދުއްވައިގަންނަން އުޅޭހެން ހީވުމުން އެންމެން އެކީއެކަށް ފަހަތަށް ޖެހެ އެވެ. ގެރި މައިތިރިކޮށް އަރިއަކަށް ބާއްވައިގެން ގެރި ކަތިލީ ފަސްވަރަކަށް މީހުން އޭތި އޮބަހައްޓައިގެންނެވެ. ކަތިލި ވަގުތު ކޮންމެވެސް ވަރަކަށް ވަށައިގެންވާ މީހުންގެ ގަޔަށް ލޭވެސް ބުރި އެވެ.

"މިއީ މަޖަލަކަށް ކުރެވޭ ކަމެއް ނޫން. މިކަމަކީ ފާފަތައް ފުއްސެވުމާއި ގަދަވެގެންވާ ސުންނަތެއްގެ ގޮތުގައި ކުރެވޭ ކަމެއް. މިކަމުގެ ފައިދާ ގިޔާމަތް ދުވަހުން ކުރާނެ،" އެ ގެރި ކަތިލުމަށް ފަހު އެއްވެފައިވާ މީހުންނާ މުހާތަބުކޮށް ސޭހު އިބްރާހިމް ފަރީދު ވިދާޅުވި އެވެ.

ދިވެހިނަށް އައު ނަމަވެސް އަލްހާ އީދާ ދިމާކޮށް އުލްހިޔާކަތިލުމަކީ އިސްލާމީ ގިނަ ގައުމުތަކުގައި ކުރާކަމެކެވެ. ދިވެހިންގެ ތެރޭގައި އެއްގޮތަކަށްވެސް ނެތް އެއާދަ އަލުން ދިރުވުމަށް ގިނަ ބަޔަކަށް ބައިވެރި ވެވޭގޮތަށް އުލްހިޔާ ކަތިލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިންނެވެ.

އެފައުންޑޭޝަންގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވީ އެ ޖަމްއިއްޔާއިން އެކަނިވެސް ދެ ގެރިއާއި 65 ބަކަރި ކަތިލާއިރު އެކި މީހުން އުލްހިޔާގެ ގޮތުގައި އެތަނަށް ގެނެސް ކަތިލި ބަކަރިއާ އެކު އުލްހިޔާގެ ގޮތުގައި ގާތްގަނޑަކަށް 300 ބަކަރި އެ ޖަމްއިއްޔާއިން އެއްވެސް އަގެއް ނުނަގައި ކަތިލުމަށްފަހު ނޮޅައި ދޭނެ ކަމަށެވެ. އެ ބަކަރިތަކުގެ މަހާއި އެކު ބާއްވާ ބޮޑިބަތް ކެއުމުގެ ހަފްލާއެއް މިރޭ މާފަންނު މަދަރުސާގައި ބާއްވާނެ ކަމައްވެސް ފައުޒީ ވިދާޅުވި އެވެ.

ގިނަ މަސައްކަތްތަކެއް ކުރާ އެ ޖަމްއިއްޔާއިން ބުނީ ދަތި ކަމަކަށް ނުވާނަމަ އަންނަ އަހަރު، އުލްހިޔާގެ ގޮތުގައި ކަތިލުމަށް ޖަމަލެއް ރާއްޖެ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ގިނަ ބަޔަކު މިފަދަ ކަން ކަމަށް ހަރަދުކުރެއްވުން. އަޅުގަނޑުމެން އަންނަ އަހަރަށް އެބަބަލަން އެއީ އެދަގޫ ކަމަކަށް ނުވާނަމަ ޖަމަލެއް ރާއްޖެ ގެންނަން،" ޝޭހު ފަރީދު ވިދާޅުވި އެވެ.