26 Aug 2019, 15:45
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކުގައި ތެދުބަހުން ވާހަކަދައްކަން ޖެހޭނެ ކަމަށް ބުނެ މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހު ފާސްނުކޮށް ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކުމުގެ އަދަބުތައް ބަޔާން ކުރާ މަޖިލިސް ގަވައިދުގެ 58 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރަން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އެވެ.
މަޖިލިސް ގަވައިދުގެ 58 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކުވެސް ވަކި އުސޫލުތަކަކަށް ތަބާވާންވާނެ ކަމަށެވެ. މެމްބަރު ސަލީމް ހުށަހެޅުއްވީ އެ އުސޫލުތަކުގެ ތެރެއަށް ތެދުބަހުން ވާހަދެއްކުން ހިމަނައި ގަވައިދު އިސްލާހު ކުރުމަށެވެ.
ނަމަވެސް އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 47 މެމްބަރުން ވަނީ މިއަދު ވޯޓު ދީފަ އެވެ.
ތެދުބަހުން ވާހަކަދައްކަން ޖެހޭނެ ކަމަށް މަޖިލިސް ގަވައިދުގައި ހިމަނަން ޖެހޭ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރުންނެވެ. އެއީ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ.
ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވޯޓުދެއްވީ އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށެވެ.
މަޖިލީހުގައި ވާހަކަ ދެއްކުމުގެ އަދަބުތައް
- (ހ) މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު އޭނާއާއި މަޖިލީހުގެ ރައީސާދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކުވެސް އެދެމެދުން ހުރަސް ނުކުރުން.
- (ށ) ހުށަހެޅިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.
- (ނ) އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގައި ބަސްމޮށުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމަތަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން ޖަލްސާގެ ރިޔާސަތާ މުހާތަބުކޮށް، ވާހަކަދެއްކުން.
- (ރ) މެންބަރެއްގެ ނަންގަންނަން ޖެހިއްޖެނަމަ ނަންގަންނަންވާނީ، އިޙްތިރާމާއެކުގައި، "އެ މެންބަރެއްގެ ދާއިރާއާ ހަވާލާދީ، އެ ދާއިރާގެ އިއްޒަތްތެރި މެންބަރު، އެހެން ބުނުމަށްފަހު، ދެން އެ މެންބަރެއްގެ ނަން" ނުވަތަ "އިއްޒަތްތެރި މެންބަރު، އެހެން ބުނުމަށްފަހު، ދެން އެ މެންބަރެއްގެ ނަން" ކިޔާ އުސޫލުންނެވެ.
މަޖިލިސް ގަވައިދަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅާފަ އެވެ. މިހާރު މަޖިލީހުގައި ކުރިއަށް ދަނީ އެ އިސްލާހުތަކަށް ވޯޓަށް އެހުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކުރާ ބައެއް ފަރާތްތަކުން ކޮމިޓީތަކަށް ދޮގު މައުލޫމާތު ދޭ މައްސަލައެއް ހޫނުވެ ވަރަށް ފަހުން ވަނީ މައްސަލަތައް ބަލަން ނިންމާފަ އެވެ. އަދި އެއް މައްސަލައެއް ފުލުހުންނަށްވެސް ހުށަހެޅި އެވެ.