ފަރުނީޗަރާއި ގިނަ ލަކުނޑިތަކެއް ހުރި ހެންވޭރު ގެއެއްގައި މިއަދު ރޯވި އަލިފާންގަނޑު އިތުރު ދެ ގެއަކަށް ފެތުރި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މީޑިއާއަށް މައުލޫމަތު ދެއްވި އޮފިޝަލަކު މިއަދު ވިދާޅުވީ ހެންވޭރުގެ ގެއެއްގައި ރޯވި އަލިފާންގަނޑު ހަ ބުރިއަށް ނަގާފައިވާ ދެ ގެއަކަށް ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ހަ ބުރިއަށް އިމާރާތްކޮށްފައިވާ ހ. ދަންވަރުގެއާގެ ކިޔާ ގެއެއްގަ އެވެ.

ނަމަވެސް އެގޭ މީހުން ބުނީ "ފުރަތަމަ އަލިފާން ރޯވީ ހ. ކަރަންފޫ ގޭގައި" ކަމަށާއި ފަހުން އެގެއާ އިންވެގެން ހުރި ދަންވަރުގެއާގެ އާއި ހ. އިޝާޒުގެ އަށް އަލިފާން ފެތުރުނީ ކަމަށެވެ. ދެ އިމާރާތުން މީހުން ހުސްކޮށްފައިވާއިރު، އެ ދެ އިމާރާތުގެ ފުރަތަމަ ފަންގިފިލަޔާއި ދެ ވަނަ ފަންގިފިލާގައި ވަނީ އަލިފާން ރޯވެ އަދައިފަ އެވެ.

ކަރަންފޫގޭގައި ރޯވި އަލިފާންގަނޑު އެސަރަހައްދަށް ފެތުރުމުން ހ. އިޝާޒުގޭގައި އުޅުނު އުމުރުން 99 އަހަރުގެ މުސްކުޅި އަންހެނަކަށް ދުމުގެ އަސަރުކޮށް، ހާލު ދެރަވެގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މިއަދު ހެނދުނު 10:15 އެހާކަންހާއިރު ރޯވި އަލިފާންގަނޑު އާންމުންނާއި އެމްއެންޑީއެފާއި ފުލުހުންނާ ގުޅިގެން ނިއްވާލެވިފައި ވަނީ ގަޑިއެއްހާއިރު ތެރޭގަ އެވެ. އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ދިޔަ ހަތަރު ވަރަކަށް ފެން ލޮރީ މަގުތަކުން ނުވަދެވި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހުނެވެ. އެއީ މަންޒަރު ބެލުމަށް އެ ސަރަހައްދުގެ މަގުތަކަށް މީހުން ޖަމާވުމުންނާއި ޓެރެފިކް ބާރުބޮޑުވުމުން ފެން ލޮރީތަކަށް އެ މަގުތަކަށް ނުވަދެވުނީ އެވެ.

އެމްއެމްޑީއެފްގެ ފަޔާ ލޮރީތަކުން އެ ސަރަހައްދަށް ވަދެވެންދެއް ފެން ބާލިދީތަކުން ފެންޖަހައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރީ އާންމުންނާއި ފުލުހުންނެވެ. ހ. ކަރަންކާގޭ ފުރާޅުމަތީގައި ތިބެގެން ސަފަކަށް އެތުރިލައިގެން ތިބެ ފުލުހުންނާއި އާމުން ގެންދިޔައީ ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ފެން ޖަހަމުންނެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އެމްއެންޑީއެފްގެ ފަޔާ ލޮރީތަކުން ފެން ޖަހައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރި އެވެ. އަދި އެއްކޮށް އަލިފާން ނިއްވާލެވުނުއިރު، އެގޭގެ ބައެއް ފާރުތައް ވަނީ ވެއްޓިފައި އެވެ.

އެގެތަކުގައި އަލިފާން ރޯވަމުންދިޔައިރު ދިފާއީ ބާރުތަކުން އަލިފާން ނިންވުމުގެ މަސައްކަތް ކުރި ތަން ބަލާލުމަށްޓަކާ މާލޭގެ މޭޔަރު އަދި ހުޅުހެންވޭރުގެ ކައުންސިލަރު މައިޒާން އަލި މަނިކާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އާއި އެންއެންޑީއެފްގެ މާލެ އޭރިޔާގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދު އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ.

..................................................................
11:58
އަލިފާނުގެ ދުމުގެ އަސަރުކުރުމުގެ ސަބަބުން 99 އަހަރުގެ އަންހެނަކު ވަނީ ހާލުގޯސްވެގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

11:04
ފުލުހުން މީޑިއާ އޮފިޝަލް ޝިޔާމް ވިދާޅުވީ ބެލެވޭ ގޮތުގައި އެންމެ ފުރަތަމަ ރޯވެފައިވަނީ ހ. ދަންވަރުގޭ ބައެއްގައި ކަމަށާއި މިހާރު އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

11:04
އަލިފާން ފުރަތަމަ ރޯވެފައިވަނީ ހ. ކަރަންފޫގޭ ގުދަނެއްގައި ހުރި ފަރުނީޗަރުތަކެއްގަ އެވެ. ގުދަނުގައި ރޯވި އަލިފާންގަނޑުގެ އެގެއާ އިންވެގެން ހުރި އިތުރު ތިން ގެއަކަށްކޮށް، އެެގެތަކުގައި ހިފި އަލިފާންގަނޑު ވެސް މިހާރު ވަނީ މުޅިން ނިއްވާލައިފަ އެވެ.

10:52
ކަރަންކާގޭ މަތީގައި ފުލުހުން ސަފަކަށް އެތުރިގެން ތިބެ ބާލިދީތައް ބޭނުންކޮށްގެން ދަނީ ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ފެންޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

10:50
މިހާދިސާގައި އަލިފާން ރޯވި ތިން ގޭން ވެސް މީހުން ހުސްކުރުމަށްފަހު އެގެތަކުގެ ތެރޭގައި އެއްވެސް މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ކުރަމުން އެބަދެ އެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

10:45
އަލިފާންގަނޑު ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ސަންގެ ނޫސްވެރިޔާ ބުންޏެވެ.

10:41
އެންމެ ފުރަތަމަ އަލިފާން ރޯވި ކަރަންފޫގޭ ގުދަން އަނދައި ހުލިވެ، ބިމާ ހަމަވެއްޖެ އެވެ. އަލިފާންގަނޑު ނިއްވުމުގެ މަަސައްކަތް ފަށައިގެން ކުރިއަށް އެބަދެ އެވެ.

10:40
ހ. ކަރަންފޫގޭ ގުދަނުގައި ރޯވި އަލިފާންގަނޑު އެގެއާ ޖެހިގެން ހުރި ތިން ގެެއަކަށް ފެތުރި އަނދަމުން އެބަދެ އެވެ.

10:34
ކަރަންފޫގެއާ ޖެހިގެން ހުރި ހަ ބުރީގެ ގެއެއްގައި ވެސް ވަނީ އަލިފާން ހިފައިފަ އެވެ. އަދި އެސަރަަހައްދުގައި ޖާގައިގެ ދަތިކަން ހުރި ގޮތުން އަލިފާން ނިންވުމުގެ މަސައްކަތް ކުރުމަށް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

10:30
އަލިފާން ރޯވެފައިވާ ކަރަންފޫގެއާ ޖެހިގެން ހުރި ދެ ގެއިން ވެސް މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ.

10:23
އަލިފާން ފުރަތަމަ ރޯވެފައިވަނީ ހ. ކަރަންފޫގޭގައި ހުރި ގުދަނެއްގައި ކަމަށާއި އެސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ ލޮރީތައް ގޮސްފައިވާ ކަމަށް ވެސް އެސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.

10:23
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ އަލިފާން ރޯވެފައިވަނީ ހ. ދަންވަރުގޭ ބައެއްގައި ކަމަށެވެ.

10:19
ހެންވޭރު ދަންވަރުގޭގަ އާއި އެގެއާއި ޖެހިގެން ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަނދަމުން އެބަދެ އެވެ. ފުލުުންވެސް ވަނީ މިކަން ކަށަަވަރުކޮށްދީފަ އެވެ.
( ތަފްސީލް އަންނަނީ )

ލިޔުމާ ގުޅޭ ވީޑިއޯ:

http://www.youtube.com/watch?v=Z5ILfr9_fmo..................................