26 Aug 2019, 12:46
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ދެކޮޅަށް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް މަޖިލީހުގެ މެމްބަރުން ވަރަށް ބޮޑަށް ދެކޮޅު ހަދައި، އެ މައްސަލައަށް ފާޑުވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން އެކަމާ ދެކޮޅަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
މެމްބަރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި އޮތީ، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ހަމަޖެއްސުމަކީ އިސްލާމް ދީނުގެ އަސްލުތަކާއި އަދި ޝަރީއަތާ ހިލާފުކަމެއް ކަމަށެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 52 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް ބަހުސަށް ހުޅުވާލުމާއެކު ހުރިހާ މެމްބަރުން ވަނީ އެ މައްސަލަ މަޖިލީހަށް ބަލައިގަތީ އެއަށް ތާއީދު ކުރާތީ ނޫން ކަމަށް ވިދާޅުވެފައެވެ.
"މައްސަލަ ބަލައިގަތީ ރައްޔިތުންނަށް އޮޅުން އަރާފާނެތީ"

މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް -- ފޮޓޯ، މަޖިލިސް
ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ އެއީ ކުއްލި މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި މައްސަލަ ބަލައިގަތީކީ މައްސަލައަށް ތާއީދު ކުރާތީ ނޫން ކަމަށެވެ.
"އަޅުގަނޑުމެން މި ބަހުސްގައި ބައިވެރިނުވެ ދޫކޮށްލައިފި ނަމަ، ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އޮޅުން އަރާފާނެތީ. ހަމަ އެއާއެކު އޮޅުން އެރުވުމަށް ބަޔަކު މަސައްކަތް ކުރަމުން ދާނެތީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ، ތެދުވެރި މަސައްކަތް ކޮށްގެން ކަމަށާއި، ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ނޫން ކަމަށެވެ. އަދި ބަހުސްގައި ބައިވެރިވީ ރާއްޖޭގެ 70 ޕަސެންޓު މީހުން ގަބޫލުކުރާ ގޮތް ހާމަކުރުމަށް ކަމަށާއި، ނޫންނަމަ މި މައްސަލަ މަޖިލީހަށް ބަލައިނުގަންނާނެ ކަމަށެވެ.
އާޒިމް ވަނީ ދުނިޔޭގައި މުސްލިމް އާބާދީ އެންމެ ބޮޑެތި ގައުމުތަކުގައި އަންހެނުން ފަނޑިޔާރުކަން ކުރަމުން އަންނަކަން ފާހަގަ ކުރައްވައިފަ އެވެ.
"އަންހެނުން ހުރިހާ މަރުހަލާއަކަށް އަންނާނެ، ތައްޔާރުވާން ފަށާ"

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފައިލް ފޮޓޯ/ މަޖިލިސް
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ރާއްޖޭގެ ގާނޫނަކާ ނުވަތަ އިސްލާމް ދީނާ ވެސް ހިލާފު ކަމެއް ނޫން ކަމަށެވެ.
"މި ހިލާފު ވަނީ ހަމައެކަނި ގަދީމީ، ބޯދާ، ވިސްނުމުގެ މީހުންގެ ވިސްނުމާ އެކަނި. އަންހެނުންނަށް ނަފުރަތު ކުރާ މީހުންގެ ވިސްނުމާ މި ހިލާފުވަނީ. އަންހެނުންގެ ބާރުވެރިކަމަށް ބިރުގަންނަ މީހުންގެ ވިސްނުމާ އެކަނި މި ހިލާފު ވަނީ،" ޖޯޝުގައި ވާހަކަ ކުރިއަށް ގެންދަވަމުން އީވާ ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމަށް ވެސް އަދި އަންހެނުން އަންނާނެ ކަމަށާއި، ރާއްޖޭގައި ހުރިހާ މަރުހަލާއެއްގައި އަންހެނުން ކުރިއަރާނެ ކަމަށް އީވާ ވިދާޅުވި އެވެ. އެކަމަށް ތައްޔާރުވެ، ފަރިތަވާން އީވާ ވަނީ މިއަދު ގޮވާލައްވައިފަ އެވެ. މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ އީވާ ވާހަކަ ނިންމާލެއްވީ، ކުއްލި މައްސަލަ ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވަމުން އެވެ.
"އަޅުގަނޑު ދެން ބަލާން ބޭނުމީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ނޮޅިވަރަމް ދާއިރާއިން ދެން އިރާދަކުރެއްވިއްޔާ އަންނާނީ އަންހެނަކު. ދެން އަންނަ ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާއިން އަންނާނީ އަންހެނެއް. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ސުޕްރީމް ކޯޓުގައި ނޮޅިވަރަމްގެ އަންހެނުން ތިބޭނެ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ވެރިކަމާ ނޮޅިވަރަމް އިން އަންހެނަކު ހަވާލުވާނެ،" އީވާ ވިދާޅުވި އެވެ.
ރައީސްގެ ނިންމެވުމަށް ތާއީދު ކުރައްވައި އީވާ ވިދާޅުވީ އެއީ ބުއްދިވެރި، އިންސާފުވެރި، މޮޅު އަދި މަޖުބޫރު ނިންމުމެއް ކަމަށެވެ. އީވާގެ މި ވާހަކައަށް މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުން ވަނީ އަތް ޖަހައި ތަރުހީބު ދެއްވައިފަ އެވެ.
"އަންހެން ދަރިންނަށް ފުރުސަތު ހޯދައިދޭން މުޅި މަޖިލިސް ތެދުވަން ޖެހޭ"

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ބަހުސްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ހިލާފު އުފެދިފައިވާ މިފަދަ މައްސަލައެއްގައި އެކި ގޮތްގޮތަށް ރައުޔުތައް އައިސްފައި ވާއިރު، ކުރިއަށް ދާން ޖެހޭނީ އެންމެ ފުޅާ ދާއިރާއެއްގައި އަންހެނުންނަށް ހައްގުތައް ހޯދައިދިނުމަށް އޮތް ރައުޔެއްގައި ހިފައިގެން ކަމަށެވެ.
ދުނިޔޭގެ އިސްލާމީ އެހެން ގައުމުތަކުގައި އަންހެން ފަނޑިޔާރުން ތިއްބެވިކަން ފާހަގަ ކުރައްވައި ރޮޒައިނާ ވިދާޅުވީ، ރާއްޖެ އޮތީ މާބޮޑަށް ވެސް ފަހަތުގައި ކަމަށާއި ރައީސްގެ ނިންމެވުމަށް ސާބަސް ދީ އަތް ޖަހަން ޖެހޭ ކަމަށެވެ.
"މާބޮޑަށް ލަސްވެއްޖެ. އަޅުގަނޑުމެންގެ އަންހެން ދަރިންނަށް ފުރުސަތު ހޯދައިދޭން މުޅި މަޖިލިސް އެކުގައި ތެދުވަން އެބަޖެހޭ،" ރޮޒައިނާ ވިދާޅުވިއެވެ.
"ހަތަރު އަންހެނުން 83 ފިރިހެނުންނަށް ވުރެ ބޮޑަށް މަސައްކަތް ކުރަން"

ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު -- ފައިލް ފޮޓޯ/ މަޖިލިސް
ބަހުސްގައި ވާހަކަ ދައްކަވަމުން ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބުހުތާން ދޮގެއް ކަމަށެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ކުއްލި މައްސަލަ ހުށަހެޅި އިރު، އަންހެން މެމްބަރުން މަޖިލީހަށް "ޓޮޕް ލައިގެން، ފައިވާނަށް އަރައިގެން" އަންނަ ކަމަށް ވިދާޅުވެފައި ވާތީ ޖީހާން ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ.
"އަޅުގަނޑުމެން ހަތަރު އަންހެނުން ޓޮޕު ލައިގެން، ފައިވަނަށް އަރައިގެން ވިޔަސް، ކަށްޓަށް އަރައިގެން އަޔަސް، މިތަނުގައި ތިއްބެވި 83 ފިރިހެން މެމްބަރުންނާ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް މަސައްކަތް ކުރަމުންދާކަން މިދަނީ ސާބިތު ކޮށްދެމުން،" ޖީހާން ވިދާޅުވި އެވެ.
އިސްލާމީ ގައުމުތަކުގައި އުއްތަމަ ފަނޑިޔާރު ކަމަށް އަންހެނުން ހަމަޖައްސަމުން އަންނަކަން ފާހަގަ ކުރައްވައި ޖީހާން ވިދާޅުވީ ރާއްޖެ އަދިވެސް އުޅެނީ ވަރަށް ބޯދާ ވިސްނުމެއްގައި، ވަރަށް ފަހަތުގައި ކަމަށެވެ.
"ގާނޫނާ ހިލާފު ވާނީ އަންހެނަކަށް ވީތީ ނަން ނުފޮނުވާނަމަ"

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން --- ފޮޓޯ/ މަޖިލިސް
ބަހުސްގައި ބައިވެރިވެވަޑައިގެން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނާ ހިލާފުވުމަކީ އަންހެނަކަށް ވީތީ، ފަނޑިޔާރުކަމަށް އަންހެނެއްގެ ނަން ނުފޮނުވުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ފަނޑިޔާރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް ވުން ލާޒިމު ނޫންކަން ވެސް މެމްބަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި މިއީ މާކުރިން ނިމިފައިވާ ބަހުސެއް ކަމަށާއި، އިތުރަށް މިވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.
"މިހާރުވެސް 10 އަންހެން ފަނޑިޔާރުން އެބަތިބި. މި 10 ފަނޑިޔާރުން އައްޔަން ކުރެވިގެން ދިޔަ އިރު މި ބޭފުޅުން ނޫޅޭ އުޑު ބޮލަށް ވެއްޓިގެންނެއް. މިއީ ޗިކަން ލިކަންގެ ވާހަކައެއް ނޫން. އަޅުގަނޑުމެން ނެތިން ޗިކަން ލިކަންގެ ފަހަތުން ޓޯރާ ބޯރާގެ ހޮހޮޅައަކަށް ވަދެ ތިބޭކަށް،" ހިސާން ވިދާޅުވި އެވެ.
"މިއީ ޓޯރާ ބޯރާގެ ހޮހޮޅައަކުން އައި ކުއްލި މައްސަލައެއް"

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމު ވިދާޅުވީ މިއަދު ކުއްލި މައްސަލަ ބަލައިގަތުމަށް ދިން ވޯޓަކީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ދޭން ބޭނުންނުވެ އިންނަވައި ދެއްވި ވޯޓު ކަމަށެވެ. މީކާއީލް ވިދާޅުވީ "ޓޯރާ ބޯރާއިންގެ ހޮހޮޅައަކުން" އައި މިފަދަ ކުއްލި މައްސަލައެއްގައި ވޯޓު ދޭން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށެވެ.
"އަންހެނެއްގެ ރަހިމުގައި ނުވަ މަސް ކޮށް، އޭނާ ވިހޭމާ ދުނިޔެއަށް އައިސް އަންހެނަކު ކާން ދިނީމާ ކައިގެން، ބޯން ދިނީމަ ބޮއެގެން، ރަނގަޅަށް ތަރުބިއްޔަތުވެ، ރަނގަޅަށް ގައިގައި މަސް ޖަހާލާ ބޮޑުވީމާ ދެން މި ބުނަނީ އޭނާއާ ދިމާލަށް ތިއީ އިންސާނެއް ނޫނޭ. މިއީ ކިހާ ލަދުވެތި ކަމެއްތޯ. މިއީ އަޅުގަނދުމެން މިތަނުގައި ކުރަން ޖެހޭ ފަދަ ބަހުސެއްތޯ؟" މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ވިދާޅުވީ މިއީ އަންހެން ދަރިއަކު ހުރި މީހަކަށް ހުށަހަޅަން ކެރޭ ވަރަށް ވުރެ ލަދުވެތި، ދަށު ދަރަޖައިގެ މައްސަލައެއް ކަމަށާއި، 21 ވަނަ ގަރުނުގައި ރާއްޖޭގައި ބަހުސް ކުރެވިގެން ވެސް ވާނެ މައްސަލައެއް ނޫން ކަމަށެވެ.
މީކާއީލް ވިދާޅުވީ ދެން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހަށް އިތުރު ދެ މީހެއްގެ ނަން ހުށަހެޅިއްޖެ ނަމަ، އެބަޔަކަށް ވޯޓު ނުދެއްވާނެ ކަމަށާއި، ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ލިބޭނީ މިހާރު ރައީސް ޖޭއެސްސީއަށް ނަން ފޮނުއްވާފައިވާ އަންހެން ދެ ފަނޑިޔާރުންނަށް އެކަނި ކަމަށެވެ.
"ރާއްޖޭގެ ވެރިކަމަށް ވެސް އަންހެނުން މާ ރަނގަޅުވާނެ"

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ، މަޖިލިސް
ކުއްލި މައްސަލަ ބަލައިގަތީ އެއަށް ތާއީދު ކުރާތީ ނޫން ކަން ފާހަގަ ކުރައްވައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އަންހެނުންނާ ދޭތެރޭ މިހާ ނިކަމެތިކޮށް ވިސްނާ ބަޔަކު ތިބީތީ ހައިރާންވެ އަންތަރީސް ވާކަމަށެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ބެލި ނަމަވެސް، އަދި ވަޒީރުންގެ މަޖިލީހަށް ބެލި ނަމަވެސް، އަންހެނުންގެ ދައުރު މާ ރަނގަޅު ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައީސްކަމަށް ވެސް ބޮޑު ތަނުން ރަނގަޅު ވާނެ އަންހެން ބޭފުޅަކު،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އަންހެން ބޭފުޅަކު ފަނޑިޔާރު ކަމަށް ލައިގެން، ފާފަވެރިވާން ޖެހޭ ވަރުގެ ކަމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އަންހެނުންނަށް ނުކުރެވޭނެ ކަމެއް އޮވެގެން ނުވާނެ ކަމަށެވެ.
"އަންހެނުންނަކީ ކައްކަން ތިބެން ޖެހޭ ބައެއް ކަމަށް ދެކިގެން ނުވާނެ"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް --- ފައިލް ފޮޓޯ/ މަޖިލިސް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ކުއްލި މައްސަލައާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. ޝަރީފް ވިދާޅުވީ މިހާރު ޒަމާން ބަދަލުވެއްޖެ ކަމަށާއި، ފިރިހެނުންނާ އެއްވަރަށް އަންހެނުން ވެސް ތައުލީމު ހާސިލްކޮށް، އިޖްތިމާއީ މައިދާނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް ދައްކާ ވާހަކައަކީ، ވަރަށް ހަނި ގޮތަކަށް ޤުރްއާން ތަޖުރަމާ ކޮށްގެން ދައްކާ ވާހަކައެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެއް ޒަމާނެއްގައި އަންހެނުން ބަދިގޭގައި ކައްކަން ތިބީމާ އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ ދެން އަބަދު އަންހެނުން ތިބެން ޖެހޭނީ ގޭގައި ބަދިގޭގައި ކައްކާށޭ. އެ ވިސްނުން ނިމުމަކަށް ގެންނަން އެބަޖެހޭ،" އަޑުހަރުކޮށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވި އެވެ.
"ނަރަކައަށް ދަނީ އަންހެން ފަނޑިޔާރަކަށް ވީތީއެއް ނޫން"

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު --- ފޮޓޯ/ މަޖިލިސް
މިއަދު ކުރިއަށް ދިޔަ ބަހުސްގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ފަނޑިޔާރުން ނަރަކައަށް ދަނީ ވަކި ޖިންސަކަށް ވީތީ ނޫން ކަމަށާއި، ނަރަކައަށް ދަނީ ފަނޑިޔާރުކަމުގެ އިލްމު ނެތި ހުކުމް ކުރާ ފަނޑިޔާރުންނާއި، އިލްމު ހުރެ ގޯސްކޮށް ހުކުމް ކުރާ ފަނޑިޔާރުންކަން އެނގެން އޮންނަ ކަމަށެވެ.
ފަނޑިޔާރުންގެ ހުންނަން ޖެހޭ މައިގަނޑު ޝަރުތަކީ ފަނޑިޔާރުކަމުގެ އިލްމު ހުރުމާއި، ނަޒާހަތްތެރިކަމާއި އަދުލުވެރިކަން ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
"އަންހެނަކަށް ނުވަތަ ފިރިހެނަކަށް ވުމެއް ނޫން މުހިންމީ،" ސިރާޖު ވިދާޅުވި އެވެ.
މިއަދުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެން ހުރިހާ މެންބަރުން ވެސް ވަނީ، ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ސޯލިހު ދެ އަންހެން ބޭފުޅުންގެ ނަންފުޅު ފޮނުއްވުމުން އެކަމަށް ތާއީދު ކުރައްވައި އެއީ ރައީސް ނެންގެވި ހިތްވަރު ގަދަ ނިންމެވުމުގެ ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ.