ސަރުކާރުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައި މަސްވެރިކަމާ ބެހޭ ބިލުން ދަގަނޑު ޖަހައިގެން ބޯވަ ނެގުން މަނާ ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ދަގަނޑު ޖަހައިގެން ބޯވަ ނެގުން މަނާ ކުރެވޭ ކަމަށް ބުނެ އެކަމަށް މަޖިލިސް މެމްބަރުންނާއި އާންމުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީ ޑިރެކްޓަރު އަހްމަދު ޒިޔާދު ވިދާޅުވީ، ހަތަރު ބާވަތެއްގެ މަސްވެރިކަން ބިލުގައި މަނާ ކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ބާވަތަކީ ސްޕިއާފިޝީން ނުވަތަ ދަގނަޑު ބޭނުންކޮށްގެން ބާނާ މަސް ކަމަށެވެ.

"ބިލްގައި އޮތް ގޮތަކީ، ދޫކުރާ ދަގަނޑު ބޭނުންކޮށްގެން ކުރާ މަސްވެރިކަން. ދޫކުރާ ދަގަނޑު އަޅުގަނޑުމެން ވާނެ މާނަ ކުރާ ބައިގައި މާނަ ކޮށްފައި. އޭގެ މާނަ ކުރެވެނީ، އެއްވެސް ކަހަލަ ޕްރޮޕާޝަން މެކޭނިޒަމް ނުވަތަ އެއަށް ބާރެއް ދީގެން، [ނުވަތަ] ހަމައެކަނި އަތް ނޫން ގޮތަކަށް ކޮންމެވެސް ކަހަލަ މެކޭނިކަލް ސިސްޓަމެއް ބޭނުންކޮށްގެން ދަގަނޑު ދޫކުރާ ނަމަ އެއީ މަނާވާނެ މަސްވެރިކަމެއް،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ، ސްޕިއާގަން މަނާ ކުރުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޒިޔާދު ވިދާޅުވީ، އެ ފަދަ ގޮތަކަށް މަސްވެރިކަން ކުރާ ނަމަ ފަރުތަކުގައި އުޅޭ މަސްތައް އެއްކޮށް ނެތި ދިޔުމުގެ ބިރު އޮންނާނެ ކަމަށެވެ.

ބިލުގައި އިތުރަށް މަނާ ކޮށްފައިވާ މަސްވެރިކަމަކަކީ، ބޮޑު ދަލުގެ މަސްވެރިކަން، އޮޔާދާ ދަލުގެ މަސްވެރިކަން، ދަމާދާ މަސްވެރިކަން އަދި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވާ ދާ ބޭނުންކޮށްގެން ކުރާ އެއްވެސް މައްސްވެރިކަމެއް މި ބިލުގެ ތެރެއިން މަނާވާނެވެ.