ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ 52 މެމްބަރުންގެ ވޯޓުންނެވެ.

މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި އަދި އަންހެނުންނާ ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލު ކުރެވޭ މީހާވެސް ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފައި ވާކަމަށެވެ.

އެއީ ހުއްދަ ކަމެއް ނޫންކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް ބުނަމުން އަންނަ ދަނޑިވަޅެއްގައި ސުޕްރީމު ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރައީސް ލަފަޔަކަށް އެދިވަޑައިގަތުމަކީ އިސްލާމް ދީނުގެ އަސްލުތަކާ އަދި ޝަރީއަތާ ހިލާފުކަމެއް ކަމަށް މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވެއެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު މެމްބަރު ނަޝީދު ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ ވަރަށް ގިނަ ފޮތްތައް ކިޔާ ދިރާސާ ކުރެއްވުމަށްފަހު، އެއީ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ ކަމަށެވެ. އަދި އިސްލާމީ ތާރީހުގެ ވޭތުވެދިޔަ ފަސް ޖީލުގައި ވެސް އަންހެނަކު ފަނޑިޔާރުކަން ކޮށްފައި ނުވާ ކަމަށާއި އެޒަމާނުގައި "ޝުޖޫން އާއި އަޒްމިރަލްޑާ ފަދަ ބޭފުޅުން" އުފެދިފައި ނުވަނީތޯ މެމްބަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލައިގައި ބޮޑު އޮޅުމެއް އަރާފައި ވާތީ އެކަން އޮތް ގޮތް މަޖިލީހުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލައިގައި ލިބެން ހުރި ބައެއް މައުލޫމާތުތައް މަޖިލީހުގެ މެމްބަރުންގެ ޕޯޓަލްގައި ހިމަނާފައިވާނެ ކަމަށާއި، އަދި ފަތުވާ މަޖިލީހުގެ ފަތުވާ ވެސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.