މަސް ގަނެ ބޭރު ކުރުމަށް މިހާރު ދިވެހި އަމިއްލަ ކުންފުނިތަކާއެކު ހަދާފައިވާ އެކްސްކުލޫސިވް އެގްރިމަންޓްތަކަށް ބަދަލު ގެނެސް، އިތުރު ކުންފުނިތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިހާރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވަނީ ހަތަރު ކުންފުންޏަކަށެވެެ. މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މިދޔަ ޖޫން މަހު ޖަޒީރާ ހޮޅުއަށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރާއްޖޭގައި މަސް ގަތުމަށް ޒޯން ތަކަކަށް ބަހާލާފައި އޮތް އޮތުން ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެކަމުން މަސްވެރިންނަށް ކުރާ ފައިދާ އިތުރުވެގެންދާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ފިޝަރީސް މިނިސްޓްރީގައި އިއްޔެ ބޭއްވި "ނުވަގަޑި-މީޑިޔާއާ އެކު" އިވެންޓުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު ވިދާޅުވީ، މަސްވެރިންނަށް ހަމަ އަގު ހޯދުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއް ކަމަކީި، މިހާރު ރާއްޖޭގައި މަސްގަތުމަށް ކަނޑައަޅާފައި ސަރަހައްދީ ޒޯންތައް އުވާލައި މުޅި ރާއްޖޭގެ ހުރިހާ ސަރައްހައްދެއްގައި ވެސް މަސް ގަނެ ބޭރު ކުރުމަށް އިތުރު ކުންފުނިތަކަށް ހުޅުވާލުން ކަމަށެވެ.

"މަސްވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރު އެ ހުރިހާ މަހެއް މި ކުންފުނިތަކަށް ނުގަނެވޭ. އެހެންވުމުގެ ސަބަބުން މަސްކޮޅު އުކާލަން ޖެހެނީ، ކިއުގައި ދެދުވަސް ތިންދުވަސް ވަންދެން އޮންނަން ޖެހެނީ. މިކަން ހައްލުކުރުމަށް ސަރުކާރުގެ ސިޔާސަތަކީ، މިހާރު ހަތަރު ކުންފުންޏަށް ދީފައިވާ އެކްސްކުލޫސިވިޓީ އުވާލުން. އެ އެގްރިމަންޓްތަކުން ނުކުމެ އިތުރު ކުންފުނިތަކަށް މަސް ގަތުމުގެ ހުއްދަ ދިނުން،" ޒިޔާދު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނުވަ ގަޑީގެ މީޑިއާގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ

ޒިޔާދު ވިދާޅުވީ، އެގޮތަށް އިތުރު ކުންފުނިތަކަށް ހުއްދަ ދޭން ފެށުމުން މަސްގަންނަ ކުންފުނިތަކާ ދެމެދު މަސްވެރިކަމުގެ ވާދަވެރި މާކެޓެއް އުފެދި މަސްވެރިންނަށް ހަމަ އަގު ލިބިގެންދާނެ ކަމަށެވެ.

މިހާރު ކުންފުނިތަކާ އެކު ވެފައިވާ އެގްރިމަންޓްގެ ދަށުން ހުއްދަ ދީފައިވާ ކުންފުނިތަށް ފިޔަވާ އިތުރު ކުންފުނިތަކަށް މަސްވެރިކަން ނުކުރެވޭނެ އެވެ.

ޒިޔާދު ވިދާޅުވީ، އެންމެ ފުރަތަމަ ރައީސް މައުމޫންގެ ސަރުކާރުގައި 2002 ވަނަ އަހަރު ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިން ބާނާ ހުރިހާ މަހެއް ވިއްކަން އުނދަގޫވުމުގެ ސަބަބުން، އޭރު ބިޑް ކޮށްގެން ރާއްޖޭގެ ހަތަރު ސަރަަހައްދަކުން ހަތަރު ކުންފުންޏަކަށް މަސް ގަތުމުގެ ހުއްދަ ދިން ކަމަށެވެ. ފަހުން ހަތަރު ޒޯން، ދެ ޒޯނަށް ބަދަލުކޮށް ދެ ކުންފުންނަކަށް ކޮންމެ ޒޯންއެއްގައި މަސް ގަނެވޭނެ ގޮތް ހެދި ކަމަށެވެ.

ހަތަރު ކުންފުނީގެ ތެރެއިން މިހާރު މަސްގަންނަމުން ދަނީ ހޮރައިޒަން ފިޝަރީޒް އިން އެކަނިި ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަނެއް ތިން ކުންފުނި މިހާރު މަސް ގަތުން ހުއްޓާލާފައިވާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އަމިއްލަ ހަތަރު ކުންފުންޏަކާ އެކު ހަދާފައިވާ އެގްރިމަންޓަށް ބަދަލުގެނައުމާއި އިތުރު ކުންފުނިތަކަށް ހުޅުވާލުމަށް ސަރުކާރުން މިހާރު އެ ހަތަރު ކުންފުންޏާ އެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

"ކުންފުނިތަކާއެކު މިހާރު ހެދިފައިވާ އެކްކުލޫސިވް އެގްރިމަންޓްތަކުން ނުކުންނަ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. މަޝްވަރާތައް ފެށިއްޖެ، ކުރިއަށް އޮތްތާގައި އެގްރިމަންޓްތަކުން ނުކުމެވުނީމަ އިތުރު ފަރާތްތަކަށް ހުޅުވާލެވިގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު މަސްގަންނަ ކުންފުނިތަކާއި ޒޯންތައް:

  • ށ. ކިކިމިނީ: އައިލެންޑް އެންޓާޕްރައިޒަސް

  • ހއ. ހޫހަންދޫ: ޖައުސާ ފިޝަރީޒް ( ފަހުން ލައިސެންސް ބައްލަވައިގަތީ އިކޯ ފިޝަރީޒް)
  • ލ. މާންދޫ: ހޮރައިޒަން ފިޝަރީޒް
  • ތ. ފުނައްޑޫ؛ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް (ފަހުން ލައިސެންސް ބައްލަވައިގަތީ އައިއޯއެފް ކޯޕަރޭޝަން)

މަސްގަތުމުގެ އެންމެ ދަށް އަގު ކަނޑައެޅުން!

މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށް ސަރުކާރުގެ އަނެއް ސިޔާސަތަކީ، މަސް ގަންނަ އެންމެ ދަށް އަގު ނުވަތަ "ފްލޯ ޕްރައިޒް"އެއް ކަނޑައެޅުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"މަސްވެރިންގެ ޝަކުވާއަކީ، މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ކުންފުނިތަކުން ރާސްލާފައި މަހުގެ އަގު ވައްޓާލަނީއޭ. ބާނާލައިގެން އައިސް ވިއްކަންވާއިރަށް އަގު ހުންނަނީ ދަށްކޮށްފައޭ. [އެކަމަށް] ކޮންމެސް ހަމައެއް ދެން އޮންނާނީ. އެއަށްވުރެ ދަށަކަށް ނުދެވޭނެ،" ޒިޔާދު ވިދާޅުވި އެވެ.

މަސްގަތުމުގެ އެންމެ ދަށް އަގު ކަނޑައަޅާނީ، މަސްވެރިންނަށް ވެސް އަދި ކުންފުނިތަކަށްވެސް ގެއްލުން ނުވާ މިންވަރަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް ދަށް އަގު ކަނޑައަޅާނީ ކޮންއިރަކު ކަމެއް ޒިޔާދު ވިދާޅެއް ނުވެ އެވެ.

މިހާރު ކުންފުނިތަކާއެކު ވެފައިވާ އެގްރިމަންޓްތަކުގެ ދަށުން ކަޅުބިލަ މަހަށް އެންމެ ދަށް އަގު މިހާރުވެސް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރިންނަށް ރަނގަޅު އަގު ލިބުމަށް މަސްވެރިންނަށް ބޭނުން މިންވަރަށް ފަސޭހައިން އައިސް ލިބުންވެސް އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.