26 Aug 2019, 10:41
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން، އާލާސްކަންފުޅާ އުޅުއްވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރައްވާ ސުވާލަކަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ފުރަތަމަ ކަމަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމެވެ.
މިނިސްޓަރާ ކުރެއްވުމަށް ޖާބިރު ހުށަހަޅުއްވާފައިވާ ސުވާލަކީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހައެއް، ހަތެއް އަދި އަށްވަނަ ދުވަހު ހިނގައިދިޔަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ފުލުހުންގެ ތެރެއިން ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯއާއި އަދި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތައް ސާފުކޮށްދިނުމަށް އެދިއެވެ.
ނަމަވެސް މިއަދުގެ މަޖިލީހަށް އިމްރާން ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ މިނިސްޓަރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"މިނިސްޓަރު އެބަ އޮތް އަޅުގަނޑަށް ސިޓީއެއް ފޮނުއްވާފައި. ވިދާޅުވަނީ ހައްޖު ރޯގާގެ ތުރާގައި އުޅުއްވާކަމަށް. އެހެންވީމާ މިއަދު ވަޑައިގަނެވެން ނެތް ވާހަކަ،" ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން ދެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރާނީ، ފުރިހަމަ ސިއްހަތަކަށް ވަޑައިގަތުމުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މި އަހަރު ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް މައްކާއަށް ވަޑައިގެންނެވިއެވެ. ރާއްޖޭގެ ފަރާތުން އަމީރުލްހައްޖުގެ ގޮތުގައި ހައްޖަށް ވަޑައިގަތީ ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމެވެ.