05 Nov 2011, 21:54
ކުރީގެ ރައީސް އިބުރާހިމް ނާސިރުގެ ދައުރުގައި ޖަލެއް ހަދައިގެން އުޅުނު ވިލިނގިލި، (ވިލިމާލެ) އިން ގިނަ އަދަދެއްގެ މިނިކަށި ފެނިއްޖެ އެވެ. މާލޭގެ ފަސް ވަނަ އަވަށް، ވިލިމާލެއިން މިނިކަށިތަކެއް ފެނުނީ އެ ރަށުގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އުތުރަށް އޮންނަ ހުސްބިމުގައި ޕްރީސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތުގައި ކޮންނަމުން ދަނިކޮށެވެ.
ޕްރީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތްކުރާ އެސްޖޭ ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ މީހަކު މިއަދު ބުނީ އެ ސަރަހައްދުގައި އެކި ފަހަރު މަތިން އެ ކުންފުނިން ކޮނުނު ހަތަރު ވަޅުގަނޑެއްގެ ތެރެއިން ދެ ވަޅު ގަނޑަކުން ގިނަ އަދަދެއްގެ މިނިކަށި ފެނިފައިވާ ކަމަށާއި ކަށިތައް ފެނުނު ގޮތުން އިތުރު ކަށިތައް އެ ސަރަހައްދުގައި ހުރެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން އެތާނގައި [ސްކޫލް އިމާރާތުގެ] ތަނބުތައް ޖަހަން ވަޅު ކޮނުނުއިރު އެތަނުން ދެ ވަޅުގަނޑަކުން ކަށި ފެނުނީ. އެ ކަށިތަށް ފެނުނީ ދެ ފޫޓު އަޑިން،" މަސައްކަތުގައި އުޅުނު އެ މީހާ ނަން ނުޖެހުމަށް އެދި ބުންޏެވެ.
ސަންގެ ނޫސްވެރިން މިއަދު ވިލިމާލޭގެ އެ ސަރަހައްދަށް ދިޔައިރު ޕްރީ ސްކޫލް އަޅާ ސަރަހައްދުން ނެގި ކަމަށް ބުނާ މިނި ކަށިތައް ހުރީ އެ ސައިޓްގައި މަސައްކަތް ކުރާ ބިދޭސީން ގޯންޏަކަށް އަޅައިފަ އެވެ. އެ މީހުން ބުނީ ކަށިތައް ފެނުމުން ފުލުހުންނަށް އެކަން ރިޕޯޓް ކުރި ކަމަށާއި އަދި ކަށިތައް "އާސަހަރާއާ ހާވާލު ކުރާށޭ" ފުލުހުން ބުނެފައިވާ ކަމަށެވެ. ގޯނި ފުރެންދެން ހުރި މިނި ކަށިތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑު އެއްވެސް ވަރަކަށް ނެތެވެ. މުޅިން ވެސް ހުރީ އެހެން ގުނަވަންތަކުގެ ކައްޓެވެ. ފެންނަ ފެނުމަށް ކަށިތަކަށް ވަނީ ވަރަށް ގިނަ ދުވަސް ވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިނިކަށިތަކެއް ފެނުނު ކަމަށް އެފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ މާލޭ ސިޓީ ކައުންސިލާއި ކޯޑިނޭޓް ކޮށްގެން އެ ކަށިތަށް އާ ސަހަރާ އާއި ހަވާލުކުރުމަށް އެފަރާތަށް ފުލުހުން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ މޭޔާރު މައިޒާން އަލިމަނިކު މިއަދު ވިދާޅުވީ އެކަހަލަ އެއްވެސް މައުލޫމާތެއް މިހާތަނަށް ސިޓީ ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ.
ސެޕްޓެމްބަރު 19، 2009 ގައި ކ. ހިންމަފުށީ ގާމާދޫ ޖަލު ސަރަހައްދުން މިނިކަށިތަކެއް ފެނުމުން ފުލުހުން ވަނީ އެ ކަށިތައް ތަހުގީގުކޮށްފަ އެވެ. އެ ކަށިތަކަކީ ވ. ކެޔޮދޫ ބަށި ގަސްދޮށުގޭ އަބްދުﷲ އަނީސް )އައްބަޅޭ( ގެ ކަށިތައް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަނީސް ޖަލުގައި ހައްޔަރުކޮށްފައި ވަނީ ރައީސް މައުމޫންގެ ދައުރުގައެވެ.
ކުރިން ޖަލު ހިންގުމަށް ފަހު ފަހުން ރިސޯޓެއް ހިންގައި މިހާރު މީހުން އާބާދުވެފައިވާ ވިލިމާލޭގެ ވަލުގެ އެކި ދިމަ ދިމާއަށް ބެހިގެން ދާ ގޮތަށް ޖަލުގޭގެ ގޮޅިތަކެއް ހަދައި މީހުން ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު އެވެ.
އެ ޖަލުގައި 11 މަސް ދުވަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަދި ތާރީހު ލިޔުންތެރިޔާ، ސިއްކަގޭ މުހައްމަދު ނަސީމް (ނ ދ ޝ ޢ) ވިދާޅުވީ ވިލިމާލޭ ދެނުކު ފަރާތު އިރުމައްޗަށްވާ ބޮޑު ސަރަހައްދެއްގައި ނާސިރު ހެއްދެވި ޖަލުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 1967 ވަނަ އަހަރުގެ ތެރޭ ތިބި ބައެއް މީހުންނަށް ބޮޑެތި އަނިޔާކޮށް އޭގެ ތެރެއިން މަރުވި ދެމީހަކު 1967 ވަނަ އަހަރު ޖަލުގެ ކޮންމެ ވެސް ހިސާބެއްގައި ވަޅުލާފައިވާ ކަމަށެވެ.
އޭރުގެ ސަރުކާރާ ދެކޮޅު ހަރަކާތްތަކެއްގައި ބައިވެރިވި ޒުވާން ވިޔަފާރިވެރިޔާ ހީރާ މުހައްމަދު ރަޝީދު ވިލިނގިލީ ޖަލުގައި ހައްޔަރުކޮށް ސިފައިން އޭނާއަށް އަނިޔާކޮށް ޒަހަމް ކޮށްލުމަށް ފަހު އަނދަގޮނޑި ޖަހާ ބާވައިފައި އޮއްވާ މަރުވި ހާދިސާގެ ޑައިރީ ޖަލުގައި އިންނަވައިގެން ލިޔުއްވެވި ނަސީމް ވިދާޅުވި ގޮތުގައި އޭރު ޖަލުގައި ގިނައިން ތިބީ ހުވަދޫ ބަޣާވާތުގެ މީހުން ކަމަށެވެ. އަދި ވިދާޅުވީ ވިލިމާލެއިން މިއަދު ފެނުނު ކަށިތަކާއި އެ ރަށުގެ ޖަލުގެ ހާދިސާތަކާ ގުޅުވަން ނޭނގޭ ކަމަށެވެ.
ހީރާ ރަޝީދާއެކު ވިލިނގިލީ ޖަލުގައި ދެން ސިފައިން އަނިޔާ ކޮށްގެން މަރުވީ ސިނކުޑި މުހައްމަދު މޫސަ މަނިކެވެ.
"ހީރާ މުހައްމަދު ރަޝީދު މަރުވެގެން ވަޅުލީ ވިލިނގިލީ ދެކުނު، ކުޑަކޮށް އިރުމަށްޗަށް ޖެހި، ގާތް ގަނޑަކަށް އަޅުގަނޑަށް ހީވަނީ 200 ވަރަށް ފޫޓު އިރުމަށްޗަށް ޖެހިފަ، ހަމަ ސީދާ ވިލިނގިލީ ދެކުނުގައި ހުރި ތަނެއްގައި ވަޅުލީ. ޖަލުތަކުގައި އަނިޔާ ދިނުމުގައި އިސްކޮށް ހުރި މީހާ މިއަދު ވެސް ދުނިޔޭގަ އެބަހުރި،" ނާސިރުގެ ސަރުކާރާ ދެކޮޅަށް 'ދިވެހި ގައުމު' ގެ ނަމުގައި ސިޔާސީ ހަރަކާތްތަކެއް ހިންގައިގެން ވިލިނގިލީ ޖަލަށް ލުމުން ޖަލުގައި ހޭދަ ދުވަސްތަކުގެ މައްޗަށް "އަޅުގަނޑު ޖަލުގެ ތޭރިތަކު ބިއްދޮށުގައި" އެނަމުގައި ފޮތެއް ލިޔުއްވަމުން ގެންދަވާ ކުރީގެ ނޫސްވެރިޔާ ވިދާޅުވި އެވެ.