ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ މަރާމާތުގެ މަސައްކަތަށް، އެ މިނިސްޓްރީގެ ހިންގުން، އެމްޓީސީސީގެ ސޯމިލް ރީލޮކޭޝަން އިމާރާތަށް ބަދަލުކޮށްފިއެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ހިްގާ އިމާރާތާ ޖެހިގެން ހުންނަ އެމްޓީސީސީގެ އާ އިމާރާތަށް ފޮރިން މިނިސްޓްރީގެ ހިންގުން ބަދަލުކޮށްފައިވާއިރު މިނިސްޓްރީ އިން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައްވެސް މި އިމާރާތުން ދޭނެއެވެ.

ފޮރިން މިނިސްޓްރީގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޗައިނާގެ އެހީގައެވެ.

ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި އެއްބަސްވުމުގެ ދަށުން، ފޮރިން މިނިސްޓްރީގެ އިމާރާތް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރާނެއެވެ.

މި މަސައްކަތް ނިމުމުން، އެ މިނިސްޓްރީން ދިވެހިންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.