ބެންކޮކް (އޮކްޓޯބަރ 5) : ތައިލެންޑްގެ ވެރިރަށް ބެންގކޮކްގެ މައި އެއަރޕޯޓާއި މެދުތެރޭގައިވާ ވިޔަފާރި ސަރަޙައްދުތައް ފެނުންސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންގެންދިޔަ ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ އެސަރަޙައްދުތަކުގައި ފެންބޮޑުވެއްޖެވެ.

ތައިލެންޑްގައި އިނގިރޭސިބަހުންނެރޭ ނޫހެއްކަމަށްވާ "ބެންގކޮކް ޕޯސްޓް" ބުނިގޮތުގައި ބެންގކޮކްގެ މެދުތެރޭގައިވާ ވިޔަފާރީގެ މުހިއްމު އަދި ޙައްސާސީ ތަންތަނާއި މަރުކަޒުތައް ފެނުންސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންގެންދިޔަ ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ އެސަރަޙައްދުތައް ފެނުން ސަލާމަތްކުރުމަށް ސަރުކާރުން ބިނާކޮށްފައިވާ ހުރަސްތަކާއި ބިޔަ ވެލިބަސްތާތަކުގެ ބެރިއަރތައް ފޫއަޅުވާލުމަށްފަހު ބެންގކޮކްގެ މެދުތެރެއަށް މިއަދު ފެންގަނޑު ދެމިގަތުމުންނެވެ.

ބިންތިރި ސަރަޙައްދެއް ކަމަށްވާ ބެންގކޮކްގެ މެދުތެރެއަށް ދެމިގެންފައިމިވަނީ ތައިލެންޑްގެ އުތުރުގައިވާ އުސްސަރަޙައްދުތަކުން ބާރުމިނެއްގައި ދެމިގެން އަންނަ ފެނުގެ ވަރުގަދަ ސައިލެކެވެ. ބެންގކޮކްގެ މެދުތެރެއަށް ފެންގަނޑު ދެމިގަތުމާއެކު ވިޔަފާރީގެ މައިމަރުކަޒުތަކަށްވެސް ފެންވަދެ ބެންގކޮކްވަނީ ކާރިޘާގެ ނުރައްކާތެރި ޙާލަތަކަށް ގޮސްފައި ކަމަށާއި މުޅި ބެންގކޮކްގައި ކުއްލި ޙާލަތު އިޢްލާންކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ބެންގކޮކްގެ މެދުތެރޭގައި މިހާރު ފެންބޮޑުވެފައިވާ ޙައްސާސީ ތަންތަނުގެ ތެރޭގައި ލެތްޕާރޯ ސަރަޙައްދާއި ބިމުއަޑިން ދަތުރުކުރާ މިޓްރޯ ރޭލްވޭ ސްޓޭޝަންތައްވެސް ހިމެނެއެވެ. ބާރުމިނެއްގައި ދަތުރުކުރަމުންދާ ފެންގަނޑު ބެންގކޮކްގެ ސެންޓަރުގައިވާ ސަވާން ޚުވާއި ސަރަޙައްދަށްވެސް ވާސިލްވެފައިވާ ކަމަށްވެސް ތައި މަސްއޫލުވެރިން ވިދާޅުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ބެންގކޮކްގެ މެދުތެރެއަށް ދެމިގެންދިޔަ ފެންގަނޑަކީ މަރުވެފައިވާ ޖަނަވާރުތަކާއި އިންސާނުންގެ ކުނިވެފައިވާ ހަށިތަކާއި ނަޖިހާއި ސިނާޢީ ވިހައާއި އެކިބާވަތުގެ ކުނިބުންޏާއި މުޅަތަކެއްޗާއި އެނޫންވެސް އިންސާނުންގެ ސިއްޙަތަށް ނުރައްކާކުރާ އެތަށް ބާވަތެއް އެކުވެ ތަޣައްޔަރުވެފައިވާ ފެންގަނޑެކެވެ.

ކުނިވެފައިވާ މިފެންގަނޑު ދެމިގެން ބެންގކޮކްގެ މެދުތެރޭގައި ފެތުރިގެން ދިޔުމާއެކު އިޤްތިސާދީ ގެއްލުންތަކުގެ އިތުރުން އެރަށުގައި ދިރިއުޅޭ 12 މިލިޔަން މީހުންގެ ޢާންމު ސިއްޙަތަށްވެސް ނުރައްކާވެފައިވާ ކަމަށް ތައި ސިއްޙީ ދާއިރާއިން ބުނެއެވެ. -- ނޫސްއެޖެންސީތައް