ތ.ވޭމަންޑޫ މުދިމުގެ ބޮލަށް ގަހެއްގެ ގޮފިގަނޑެއް ވެއްޓި ސީރިއަސް އަނިޔާވެއްޖެ އެވެ.

ވޭމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީހް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށެވެ.

" މުދިމު މިއަދު ދިޔައީ އޭނާގެ އަންހެނުންގެ ތިމާގެ މީހެއްގެ ގެއަށް. އެގެއަށް ގޮސް ބަނބުކެޔޮ ގަހެއްގަ އެލުވާފައި އިން ޖޯއްޔެއްގެ އިނީ. އެހެން އިންދަ އެ ޖޯލި އެލުވާފަ އިން ގޮފިކޮޅު އޭނާގެ ބޮލަށް ވެއްޓުނީ." ނަސީހް ވިދާޅުވި އެވެ.

އެ ހާދިސާގައި މުދިމުގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެ ވަގުތުން ހޭނެތުނު ކަމަށްވެސް ނަސީހް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގުމާއެކު މުދިމު ވަނީ ވަގުތުން ވޭމަންޑޫގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްކަމުން މިއަދު މެންދުރު ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފައިވާ ކަމަށްވެސް ނަސީހް ވިދާޅުވި އެވެ.