05 Nov 2011, 18:37
އަޟުޙާ އީދަކީ ޤައުމާއި މުޖްތަމައުގެ މަސްލަހަތު އިސްކޮށްގެން ކުރިއަށް ދިޔުމުގެ އަޒުމް ކަނޑައެޅުމުގެ ދުވަހެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށް ގޮސްތިބި ހުރިހާ ހައްޖާޖީން ހިމެނޭ ގޮތަށް އީދުގެ ތަހުނިޔާ ވިދާޅުވެ އައްޑޫ ސިޓީގައި ހުންނަވައިގެން ފޮނުވެއްވެވި މެސެޖުގަ އެވެ.
ރައީސް ވިދާޅުވީ އަޟްހާ އީދަކީ، މުސްލިމުންގެ ތެރޭގައި ތިބި އެހީއަށް ބޭނުންވެފައިވާ މީހުންގެ މަތިން ހަނދާންކޮށް، އެހީތެރިވެދިނުމުގެ މުނާސަބަތެއް ކަމަށާއި އީދަކީ ކެރިފޯރުންތެރިކަން ހުރި މިންވަރުން ހޭދަކުރުމުގެ ދުވަސް ކަމަށާއި އީދުގެ ދުވަސްތަކުގެ ބޭނުން، ރަނގަޅު ގޮތުގައި ހިފުމަކީ، އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
"[އަޟްޙާ ޢީދަކީ] ޤައުމާއި މުޖްތަމަޢުގެ މަޞްލަޙަތު އިސްކޮށް، އަޅުގަނޑުމެން ކުރާ ކަންކަމުގައި ކުރިއަށް ދިޔުމުގެ ޢަޒުމް ކަނޑައެޅުމުގެ ދުވަހެވެ. އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ހޭދަކުރުމުގެ ދުވަހެކެވެ. އެހެންކަމުން، މިދުވަސްތަކުގެ ބޭނުން، ރަނގަޅު ގޮތުގައި ހިފުމަކީ، އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ޢީދުގެ ދުވަސްތަކަކީ، ރާއްޖޭގެ ރައްޔިތުންނަށް އިތުރު އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ދުވަސްތަކެއް ކަމުގައި އެ ކަލާނގެ ލެއްވުމެވެ. އަޅުގަނޑުމެންނަށް މިދުވަސްތަކުގެ ހެޔޮ ބަރާކާތާއި ދަރުމަ މިންވަރު ކުރެއްވުމެވެ،" ރައީސް ނަޝީދުގެ ތަހުނިޔާ މެސެޖުގައި ވެއެވެ.
ރައީސް އޮފީހުން ބުނީ އީދުގެ މުނާސަބާގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް ރައީސް ތަހުނިޔާ ފޮނުއްވަމުން އަންނަ ކަމަށާއި އަދި އެ ގައުމުތަކާއި ޖަމްޢިއްޔާ، ޖަމާޢަތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވެސް ތަހުނިޔާ ފޮނުއްވަމުން އަންނަ ކަމަށެވެ.