ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަން ލާޒިމު ކުރާ ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުންގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ކުޑަކުދިންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ދިނުމެވެ.

ބިލުގައި ހިމަނާފައިވަނީ ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްޗަށް އަމަލުކުރަން ޖެހޭނެ ގޮތްތަކެވެ. އެގޮތުން ކުރުމުއްދަތަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމް ކުރަން ޖެހޭނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ބިލުގައި ވަނީ ބުނެފަ އެވެ.

އަދި ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް އަދި ކަރެކްޝަނަލް މަރުކަޒެއް ގާޒިމް ކުރަން ޖެހޭނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ބިލުގައި ވަނީ ބުނެފަ އެވެ.

އަދި އެ މަރުކަޒުތައް ހިންގުމުގައި ކުޑަކުދިންގެ ރައްކާތެރި ކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅިގެން އެކަން ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އަދި މިނިސްޓްރީއިން އެ މަރުކަޒުތައް ގާއިމް ކުރުމުގެ އިތުރުން އަމިއްލަ ފަރާތަކުން އެފަދަ މަރުކަޒެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ އެފުރުސަތު ދޭންވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް

ޖުވެނައިލް ޑިޓެންޝަން ސެންޓަރު- ކަރެކްޝަނަލް މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ ދެވައްތަރެއްގެ މަރުކަޒެވެ. އޭގެތެރެއިން އެއްވައްތަރަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ.

ލޯންގް ޓާމް ސެކިއޯ ފެސިލިޓީ - ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަންޖެހޭނަމަ ބަހައްޓަން ޖެހޭނީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީ މަރުކަޒެއްގަ އެވެ.

އޭގެ އިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނަށް ހާއްސަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރަން ވާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފަ އެވެ.

ކުޑަކުދިންނަށް ހާއްސަ މަރުކަޒުތަކުގައި ބަހައްޓަން ވާނީ އެ މަރުކަޒުގައި ކުއްޖާ ބެހެއްޓުން އެއީ ފަހުފިޔަވަޅަށް ވާނަމަ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަށް ވާން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެ ގާނޫނުގެ ދަށުން އުފައްދާ މަރުކަޒުތައް ވާންވާނީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާއި ވަކިން ހަދާފައިވާ ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާއި އެކަށޭނަ ތަނަކަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މަރުކަޒުތަކުގައި ކުދިންނާ މެދު އަމަލުކުރަން ޖެހޭ ގޮތާއި، ދޭން ޖެހޭނެ ފަރުވާ އާއި އެހެން ވެސް ގިނަ ތަފްސީލުތަކެއް ބިލުގައި ހިމަނާފައިވެ އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު ގާނޫނަކަށްވެސް އަމަލުކުރަން ފެށުމާއެކު ކުޑަކުދިންގެ ކުށުގެ މައްސަލަތައް ތަހުގީގުކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި ގާއިމް ކުރާ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމަށް ހާއްސަ ޑިޕާޓްމެންޓަކުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އަދި އެ ޑިޕާޓްމެންޓުގައި މަސައްކަތް ކުރަންވާނީ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަކޮށްފައިވާ އަދި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ފުލުހުން ކަމަށް ބިލުގައިވަނީ ބުނެފަ އެވެ.

އަދުލުގެ ބިލުން ކުއްޖާއަށް ލިބިދޭ ހައްގުތައް

ކުޑަކުދިންގެ އަދުލުގެ ބިލުން ކުށުގެ ތުހުމަތު ކުރެވޭ ކުއްޖާއަށް ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ކުއްޖާއަށްވެސް ގިނަ ހައްގުތަކެއް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ކުއްޖާގެ ކަރާމާތް ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

  • ކުއްޖާއަށް އެއްވެސް ޖިސްމާނީ އަދި ނަފްސާނީ ހާނިކައެއް ލިބޭނެ އަދަބެއް ނުދިނުން

  • ކުއްޖާ ދައްކަން ޖެހޭ ޖޫރިމަނާގެ ނުވަަތަ އެނޫންވެސް ފައިސާއެއް ކުއްޖާގެ ފަރާތުން ނުދެއްކުމުން އޭގެ ބަދަލެއްގެ ގޮތުގައި ކުއްޖާ ބަންދު ކުރުމަށް އެއްވެސް ހާލެއްގައި އަމުރު ނުކުރުން
  • ކުއްޖާގެ އުމުރާ ނުގުޅޭ މަސައްކަތެއް ކުރުމަށް އަމުރު ނުކުރުން
  • އެންމެ ފަހު ފިޔަވަޅެއް ގޮތުން މެނުވީ ކުއްޖާ ހައްޔަރު ނުކުރުން
  • ކުއްޖަކު ހައްޔަރު ކުރެވުމާއެކު ލަސްނުކޮށް ގާޒީއެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއި އެފަދަ މައްސަލަތައް އަވަސް މައްސަލައިގެ ގޮތުގައި ކޯޓުން ބެލުން
  • ކުއްޖާއާ ގުޅޭ ކަންކަމުގެ ކުއްޖާގެ މަސްލަހަތައް އިސްކަން ދިނުން

އޭގެ އިތުރުންވެސް ގިނަ ހައްގުތަކެއް ކުއްޖާއަށް އަދުލުގެ ބިލުން ކަށަވަރު ކޮށްދެ އެވެ. އަދުލުގެ ބިލު މިހާރު އޮތީ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މަރުހަލާގަ އެވެ.