25 Aug 2019, 14:11
އޭޑީކޭ ހޮސްޕިޓަލްއިން ކުރާ ކަކުލު ހުޅުގެ އޮޕަރޭޝަނުގެ ވެސް ބޮޑު ބައެއް އާސަންދައިން ކަވަރުކޮށްދޭން ނިންމައިފިއެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޭޑީކޭއިން ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްދެނީ 63،500 ރުފިޔާއަށް ކަމަށެވެ. އަދި އޭގެ ތެރެއިން 60،000 ރުފިޔާ އާސަންދައިން ކަވަރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ އޮޕަރޭޝަނަކަށް ބަލިމީހާ ދައްކަން ޖެހޭނީ 3500 ރުފިޔާ ކަމަށެވެ.
އަފްއާލް ވިދާޅުވީ އޮޕަޜޭޝަންއަށް ކަނޑައެޅި 63،500 ރުފިޔާއަކީ ޕެކޭޖްއެއްގެ ގޮތުގައި ކަނޑައެޅި އަގެއް ކަމަށެވެ. އަދި ބަލިމީހާ ޑޮކްޓަރަށް ދެއްކުމުން ފެށިގެން ހޮސްޕިޓަލްގައި ހޭދަކުރާ ދުވަސްތަކާއި އޮޕަރޭޝަން މުޅި ޖުމްލަ ހަރަދު ޕެކޭޖްގައި ހިމެނޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާސަންދައިގެ މޭނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގާ ވިދާޅުވީ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކަށް 60،000 ރުފިޔާގެ މަގުން އާސަންދަ ދިނުމަށް މިހާރު ރަސްމީކޮށް ކަނޑައަޅާފައިވާ ކަމަށެވެ.
ދާދި ފަހުން އާސަންދައިން ވަނީ މެޑިކެއާ ހޮސްޕިޓަލަށާއި އަދި ޓްރީޓޮޕް ހޮސްޕިޓަލްތަކުން ކަކުލު ހުޅު ބަދަލުކުރަން ކުރާ އޮޕަރޭޝަންތަކުންވެސް އާސަންދަ ހިދުމަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. ނަަމަވެސް މިއީ އައިޖީއެމްއެޗްގެ ކިއު ދިގުވެގެެން އެ އޮޕަރޭޝަންތައް ޓްރީޓޮޕްއާއި މެޑިކާއިން ކުރާގޮތަށް އެކުލަވާލި އެއްބަސްވުމެކެވެ. މެޑިކާ އަދި ޓްރީޓޮޕްއާއެކު އާސަންދައިން ވި އެއްބަސްވުމުގެ ދަށުން ކަކުލުހުޅު އޮޕަރޭޝަންއަށް ދައްކަން ޖެހޭ 65،000 ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ބަލިމީހުންގެ އަތުން ދައްކާކަށް ނުޖެހެއެވެ.