ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ މަސްވެރިކަމާ ބެހޭ ބިލަކީ، ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ބިލެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އައިޝަތު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެފައި ވަނީ، މަސްވެރިކަމުގެ ބިލަކީ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް ކަމަށާއި އެހެންކަމުން އެ ބިލް ދިރާސާ ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހި ތަކުލީފަކަށް ވެފައިވާ ކަމަށެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮންޑޭގެ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ، މަސްވެރިކަމާ ބެހޭ ބިލަކީ 2014 ވަނަ އަހަރުން ފެށިގެން އެކުލަވާލަން ފެށި ބިލެއް ކަމަށެވެ. އަދި އެ ބިލު މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލާފައިވަނީ ބިލް މާބޮޑަށް އޭރު ތަފްސީލުވުމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ފަހުން މިހާރު ބިލު ފަރުމާ ކުރެވިފައި މިވަނީ، ފްރޭމްވޯޯކް ލޯއެއްގެ (ގާނޫނީ އޮނިގަނޑެއްގެ] ގޮތުގައި. މި ބިލުގެ އަސާސްތަކަކީ، ދެމެހެއްޓެނެވި މަސްވެރިކަމެއް ބޭއްވުމުގެ އުސޫލުތަކާއި ޕްރިކޯޝަނަރީ އެޕްރޯޗާއި ތިމާވެއްޓާ ރައްޓެހި އުސޫލުތަކުގެ މައްޗަށް ބިނާވެ، މަސްވެރިކަމުގެ ސިނާޔަތަކީ، ކުރިމަގަށްވެސް ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ބަންޓަން ވެގެން އައި [ބިލެއްގެ ގޮތުގައި]،" މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަސްވެރިކަމާ ބެހޭ ބިލާ ގުޅޭ ގޮތުން މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޒަހާ ވާހަކަ ދައްކަވަނީ: މަސްވެރިކަމާ ބެހޭ ބިލަކީ ވަކި ސިޔާސީ ފިކުރެއްގެ ބިލެއް ނޫން ކަމަށް ވިދާޅުވި --- ސަން ފޮޓޯ

ޒަހާ ވިދާޅުވީ، ބިލު މަޖިލީހަށް ފޮނުވާފައިވަނީ، ކަމާ ބެހޭ ފަންނީ މަހިރުންގެ މަޝްވަރާއާއެކު، ދައުލަތުގެ ފަރާތުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވެވި ބިލެއްގެ ގޮތުގައި ކަމަށެވެ.

"މިއީ [މަސްވެރިކަމުގެ ބިލަކީ] ވަކި ސިޔާސީ ޕިކުރެއްގެ ނުނީ ވަކި ޕާޓީއެއްގެ ބިލެއް ނޫން. އަޅުގަނޑަކީ، އެމްއާރުއެމްގެ ފަރާތުން އައިސް އިން ވަޒީރެއް ނަމަވެސް މި ބިލަކީ، މި މިނިސްޓްރީގެ ފަންނީ ބޭފުޅުން އަދި ބޭރުގެ މާހިރުންނާއެކު، ތަފާތު ސިނާއަތުގެ ބޭފުޅުންނާއެކު މަޝްވަރާ ކުރެވިގެން ކުރިއަށް ގެންގޮސްފައިވާ ބިލެއް،" ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފަރާތުން ވަޒީރު ކަމަށް އައްޔަން ކުރެވުނު މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

ބިލާ ގުޅޭ ގޮތުން މަސްވެރިކަމާ ގުޅޭ ދާއިރާތަކުގެ ބޭފުޅުންނާއެކު އިއްޔެ މަޖިލީހުގައި ކުރިއަށްދިޔަ ކޮމިޓީގައި ބޮންޑާ ވިދާޅުވީ، މަސްވެރިކަމުގެ ބިލް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ފަސް ގަރާރަކަށް ބަހުސް ކޮށްފައިވާ ކަމަށާއި އެ ބަހުސްތައް ކޮށްފައިވަނީ އެޖެންޑާ19 ގެ ވިސްނުމުގައި ކަމަށެވެ.

"ނަމަވެސް ބިލް ފަރުމާކޮށްގެން އައި އިރުގައި ވިސްނުން ހުރީ އެމްއާރުއެމްގެ ވިސްނުމުގައި. އެހެންވީމަ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއީ ކޯލިޝަން ސަރުކާރެއް ކަން. ސަރުކާރުގެ ބައެއް މިނިސްޓްރީތަކަކީ އެއީ ގުޅިފައިވާ ޕާޓީތަކެއް ކަން. ދެން މިފަހަރު އަޅުގަނޑުމެނަށް ލިބުނީ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް. އެހެންވެ އަޅުގަނޑުމެނަށް ބޮޑު ތަކުލީފަކަށް ވެގެން މިދަނީ މި ބިލް ދިރާސާ ކުރުމުގައި ވަގުތު ހޭދަވެގެން މިދަނީ،" ބޮންޑާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދްލުވުމުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ، މަޖިލީހުން ހުށަހެޅި ގަރާރުތަކުގައި ހިމަނަފާވާ ކަން ކަމަށް ބިލުގައި އަލިއަޅުވާލާފައިވާނެ ކަމަށެވެ.

މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެ ބިލް މަޖިލީހަށް ބަލައިގަތީ 72 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު މިހާރު އަންނަނީ އިގްތިސާދީ ކޮމިޓީއިން ދިރާސާ ކަރުމުންނެވެ.