25 Aug 2019, 12:09
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް ރައްޔިތުން އެދުނު ގޮތަށް ފަނޑިޔާރުގެ އިސްލާހު ކުރުމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގޮވާލައިފި އެވެ.
ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމާފައިވާ 17 މައްސަލައެއް ހިމަނައި ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޔައުގޫބު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުބާރު ނެތް ކަމާއި ފަނޑިޔާރުގެ ސާފުކުރަން ޖެހޭ ކަން ރައްޔިތުންގެ ރިޕޯޓުން ވަރަށް ސާފު ކަމަށެވެ. އެއީ ޖޭއެސްސީއިން އަލުން ރިޕޯޓެއް އެކުލަވާލައި ނިންމަން ޖެހޭ ކަމެއް ނޫން ކަމަށް ޔައުގޫބު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނެއް ނުޖެހޭ އިތުރަށް މިރާއްޖޭގެ ފަނޑިޔާރުންނާއި އަދި ހާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ އިތުރު ދިރާސާއެއް ކުރާކަށް. އިތުރު ރިޕޯޓެއް ހަދާކަށް. އިތުރު އިންވެސްޓިގޭޝަނަކަށް ދާކަށް." ޔައުގޫބު ވިދާޅުވި އެވެ.
ޔައުގޫބު ވިދާޅުވީ ރައްޔިތުން މެމްބަރުންނަށް ވޯޓު ދިނީ ފަނޑިޔާރުގެ ސާފުކުރުމަށް ކަމަށެވެ. އެކަމަކު މަޖިލިސް މަސައްކަތް ފެށިތާ ތިން މަސް ފަހުން އަނެއްކާވެސް ރިޕޯޓެއް އެކުލަވާލައިގެން މަޖިލީހުގައި ބަހުސް ކުރެވެނީ ކީއްވެތޯ ޔައުގޫބު ސުވާލު ކުރެއްވި އެވެ. ޔައުގޫބު ވިދާޅުވީ "ދެން ކުރަންވީ ކަމަކީ އެމީހުން ވަކި ކުރުން" ކަމަށެވެ.
ރިޕޯޓުތައް ތަހުގީގުކޮށް ހުށަހަޅައިގެން ބަހުސް ކުރުމަކީ ވަގުތު ބޭކާރު ކުރުމުގެ ކަމެއްގެ ގޮތުގައި ޔައުގޫބު ސިފަކުރެއްވި އެވެ.
"އަޅުގަނޑު ހިތައް އަރާ އަޅުގަނޑުމެން ތިން މަހުގެ މުސާރަ ނަގައިގެން ގެއަށް ދާއިރު ދިވެހި ރައްޔިތުން އަދިވެސް އެތިބީ މަގުމަތީގައޭ. ދިވެހި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތް ނުނިންމާ މިދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުން އެންމެ ދުވަހަކުންވެސް ނިންމާލެވޭނެ މަސައްކަތެއް މި މަސައްކަތަކީ." ޔައުގޫބު ވިދާޅުވި އެވެ.
ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ޕްލޭނަކީ ކޮބައިތޯ ޔައުގޫބު ސުވާލު ކުރި އެވެ. ޔައުގޫބު ވިދާޅުވީ ފެށުނީއްސުރެ އެ ސުވާލު ކުރަމުން ދާ ކަމަށާއި އަދިވެސް މިއަދާ ހަމައަށްވެސް ޕްލޭނަކީ ކޮބައިކަން ނޭންގޭ ކަމަށެވެ.
"އަދި އަދާ ހަމައަށްވެސް އަޅުގަނޑަކަށް ނޭންގޭ ފަނޑިޔާރުގެ އިސްލާހު ކުރުމަށް އަޅުގަނޑުމެންގެ ޕްލޭނަކީ ކޮބައި ކަމެއް." ޔައުގޫބު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ފަނޑިޔާރުގެ އިސްލާހުކޮށް ސާފުކުުރުމަށް ޔައުގޫބު ގޮވާލި އެވެ. އަދި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވަކި ކުރުމަށްވެސް ޔައުގޫބު ގޮވާލި އެވެ.
"މިގޮތަށް ގެންނަ ރިޕޯޓުތަކަށް ވާހަކަ ދައްކާ ވަގުތު ދުއްވާލުމަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ވެވޭ ހިޔާނާތެއް. އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެކު އެދެން ކުރިއަށް އޮތީ މަޖިލިސް ޗުއްޓީ ކަމަށް ވާތީ އަޅުގަނޑު އެދެން ޗުއްޓީއަށް ދާން މިހުރިހާ ކަމެއް ނިންމާފައި." ޔައުގޫބު ވިދާޅުވި އެވެ.
ފަނޑިޔާރުގެ އިސްލާހުކޮށްފައި ނޫނީ ޗުއްޓީއަށް ނުދާން އެދިލައްވަމުން ޔައުގޫބު ވިދާޅުވީ އޭނާ މިހުރީ އެކަމަށް ތައްޔާރަށް ކަމަށެވެ.
އެންމެ އިސްކަމެއް ދީގެން އެންމެ ފުރަތަމަ ކުރުމަށް ނިންމާފައި އޮތީ ޝަރުއީ ދާއިރާ އިސްލާހުކޮށް ފަނޑިޔާރުގެ ސާފު ކުރުމުގެ މަސައްކަތް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރުގެ އިސްލާހު ނުކޮށް އެހެން މަސައްކަތަކާއި ދިމާލަށް ދިއުމަކީ މީގެ ހައެއްކަ މަސް ކުރިން ވެސް ނިންމާފައި އޮތް ގޮތަށް ބުއްދިވެރި ކަމެއް ނޫން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ހުރިހާ ކަމެއް ވެސް ކުރިއަށް ދަނީ ތާވަލް ކޮށްފައިވާ ގޮތަށް ކަމަށެވެ.