ޓްރެފިކް ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކު ކޮށްގެން މިދިޔަ ހަފްތާގެ ތެރޭގައި 700 އަށްވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އިދާރާ އިން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 17 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ގަވައިދާ ހިލާފަށް ޕާކް ކޮށްގެން ސްޓިކާ ޖަހައިފައި ވަނީ 769 އުޅަނދެއްގަ އެވެ.

މިއީ އޭގެ ކުރީ ހަފްތާއާ އަޅައި ބަލާއިރު ވަރަށް ބޮޑު ތަން އިތުރު އަދަދެކެވެ. އީދު ބަންދު ހަފްތާގައި ގަވާއިދާ ހިލާފުވެގެން ސްޓިކާ ޖަހާފައި ވަނީ 44 އުޅަނދެއްގައެވެ.

އީދު ބަންދު ހަފްތާގައި ސްޓިކާ ޖެހި އަދަދު އެހާ ބޮޑުތަން ދަށް ވެފައި ވަނީ، ޗުއްޓީއަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އިން ބޭރަށް ދިއުމުންނެވެ.

ސްޓިކާގެ ޖޫރިމަނާ ފައިސާ:

- ފުރަތަމަ ފަހަރަށް: 250 ރުފިޔާ

- ދެވަނަ ފަހަރަށް: 500 ރުފިޔާ

- ތިން ވަނަ ފަހަރަށް: 750 ރުފިޔާ

އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި 769 އުޅަނދެއްގައި ސްޓިކާ ޖެހިއިރު، 250 ގެ ރޭޓުން ބެލި ނަމަވެސް އެއީ ޖޫރިމަނާގެ ގޮތުގައި ހަފްތާއެއްގެ ތެރޭ 192،250 ރުފިޔާ އެވެ. އެ ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ.

ޓްރެފިކް ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ ހަފްތާ ފުލުހުން ވަނީ މާލޭ ސަރަހައްދުގައި 557 އުޅަނދެއް ޗެކް ކޮށްފަ އެވެ. މި އުޅަނދުތައް ދުއްވި މީހުންގެ ތެރެއިން 107 މީހުން ދުއްވާފައިވަނީ ލައިސެންސް އޮތް ނަމަވެސް އުޅަނދު ދުއްވި ވަގުތު އަތުގައި ލައިސަންސް ނެތި އެވެ. އަދި ލައިސެންސް ނުނަގައި 140 މީހަކު ވެހިކަލް ދުއްވާފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ ހަފްތާގައި މަގުމަތީގެ 43 އެކްސިޑެންޓެއް ރިޕޯޓުކޮށްފައި ވާއިރު، އެކްސިޑެންޓުތަކުގައި 13 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އެކްސިޑެންޓުތަކާ ގުޅިގެން 13 މީހެއްގެ ލައިސެންސް ވަނީ ހިފަހައްޓައިފައެވެ.

ކަނޑައަޅާފައިވާ މިނަށް ވުރެ ބާރަށް ދުއްވި 52 ވެހިކަލެއް ފުލުހުން ހުއްޓުވި އެވެ. ޓްރެފިކް ސިގްނަލްތަކަށް ސަމާލުކަން ނުދީ ދުއްވި 17 ވެހިކަލަކާއި 18 އަހަރުން ދަށުގެ ކުދިން އުޅަނދު ދުއްވި ތިން މައްސަލައެއް ވެސް މިދިޔަ ހަފްތާ ފާހަގަވި ކަމަށް ފުލުހުން ބުނެއެވެ.

ހެލްމެޓު އަޅަން ޖެހޭ ސަރަހައްދުތަކުގައި ހެލްމެޓު ނާޅައި ދުއްވި 22 މައްސަލައަކާއި ފޯނުން ވާހަކަ ދައްކަމުން ނުވަތަ ހެޑްސެޓު އަޅައިގެން ދުއްވި 38 މައްސަލައެއް ވެސް އެ މުއްދަތުގައި ފާހަގަ ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.