25 Aug 2019, 11:52
ޚުރްތޫމް (އޮގަސްޓް 25): ކޮރަޕްޝަނުގެ ދައުވާކޮށްފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު ހަސަން އަހުމަދުލް ބަޝީރު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އޭނާގެ ވަކީލުން އެދިއްޖެ އެވެ.
ސޫދާންގައި 26 އަހަރުވަންދެން ވެރިކަން ކުރެއްވި ބަޝީރުގެ ވެރިކަން މިދިޔަ އޭޕްރިލް މަހު ވައްޓާލި ފަހުން އޭނާ ހުންނެވީ ޖަލުގަ އެވެ. އޭރު އޭނާގެ ގެކޮޅު ފާސްކުރުމަށް ފަހު ސޫދާންގެ އަސްކަރިއްޔާއިން ވަނީ ބަޝީރުގެ ގެކޮޅުން 113 މިލިއަން ޑޮލަރުގެ އަގު ހުރި، އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށް ބުނެފަ އެވެ.
އަދި މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބަޝީރުގެ ޝަރީއަތުގެ ފުރަތަމަ އަޑު އެހުމުގައި އިންވެސްޓިގޭޓަރުން ވަނީ ސައުދީ ޝާހީ އާއިލާގެ މެމްބަރުން އޭނާއަށް 113 މިލިއަން ޑޮލަރުގެ ފައިސާ ދިން ކަމަށް ބުނެފަ އެވެ. ނަމަވެސް ބަޝީރު ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނުގެ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
އަދި ބަޝީރު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އޭނާގެ ވަކީލުން އެދުމުން ފަނޑިޔާރު ވަނީ އެކަން ލިޔުމުން ހުށަހެޅުމަށް ވިދާޅުވެފަ އެވެ. އެ މައްސަލައިގެ އަޑު އެހުމެއް ދެން ބާއްވާނީ މިމަހުގެ 31ގަ އެވެ.
ސޫދާންގެ އަސްކަރިއްޔާއިން ބަޝީރު ވެރިކަމުން ދުރުކުރީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އޭނާއާ ދެކޮޅަށް އެގައުމުގެ އެތައް ހާސް މީހުން މުޒާހަރާ ކުރަމުން ދަނިކޮށެވެ. އޭގެ ފަހުން އެގައުމުގެ އަސްކަރިއްޔާއިން ވެރިކަން ކުރަން ފެށުމުން އެސަރުކާރާ ދެކޮޅަށް ވެސް ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަމުން ގެންދިޔައީ އެވެ. އޭގެ ސަބަބުން ސޫދާންގެ އަސްކަރިއްޔާގެ ޖެނެރަލުންނާއި މުޒާހަރާގެ ލީޑަރުން ވަނީ ގުޅިގެން ވެރިކަން ކުރުމަށް ކައުންސިލެއް އުފައްދައިފަ އެވެ.