25 Aug 2019, 10:24
ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ 1.7 ބިިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓަށް އިތުރު ކުރަން ކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީއިން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވައި މިއަދު ތަޅުމަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓްގައިވާ ގޮތުން ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަނީ، މިއަހަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ 30.2 ބިލިއަން ރުފިޔާއަށް ވުރެ ހަރަދުތައް އިތުރުވާނެތީ އެވެ. ސަރުކާރުން އިތުރަށް ހަރަދު ކުރަން ހުށަހެޅީ 1.7 ބިލިއަން ރުފިޔާ އެވެ.
އޭގެ ތަފްސީލްތަކެއް މަޖިލީހުން ވެސް އަދި ފިނޭންސް މިނިސްޓްރީއިން ވެސް ހާމަކޮށްފައެެއް ނުވެ އެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމެވީ އެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އެކުލަވާލާ ކޮމިޓީއިން ދިރާސާކުރުމަށެވެ. ދައުލަތުގެ ބަޖެޓް ދިރާސާ ކުރަނީ މިދެކޮމިޓީއިން އެވެ.
މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބަޖެޓް ޑެފިސިޓް 4.9 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
މިހާތަނަށް މިއަހަރުގެ ބަޖެޓުން 15.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި ވަނީ 14.5 ބިލިއަން ރުފިޔާ ލިބިފަ އެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގަތީ، މާދަމާ ރޭ ސަޕްލިމަންޓްރީ ބަޖެޓް ފާސްކުރެވޭ ވަރަށް ކޮމިޓީއިން މަސައްކަތް ކޮށްދެއްވުމަށެވެ.