އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް )އައިއެފްއެމް( ބުނީ މާދަމާ އުޟުހިއްޔަ ކަތިލުމުގެ ގޮތުން 300 ބަކަރި އާއި ދެ ގެރި ކަތިލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްލާމިކް ފައުންޑޭޝަނުގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވީ މާދަމާ ޢީދު ނަމާދަށް ފަހު ބަކަރި ކަތިލުމުގެ ކަންތައް ފެށިގެން ދާނީ ޕޮލިސް ޓޯޔާޑާއި އިންވެގެން އޮތް ކުރީގެ މުނިސިޕަލްޓީގެ އާއްމު ހިދުމަތްތަކާ ބެހޭ ކޮށީގައިކަމުގަ އެވެ.
އަދި އެބޭފުޅުން މާދަމާ ބަކަރި ކަތިލައި ނޮޅައި ހަދައިދިނުމަށް އެއްވެސް އަގެއް ނެގުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން [އައިއެފްއެމް] ފަރާތުން މާދަމާ މިކަތިލަނީ 65 ބަކަރި އާއި ދެގެރި. އަދި އަޅުގަނޑުމެން ގެ ރައްޓެހި ބައެއް ބޭފުޅުންގެ ބަކަރިތަކަކާ އެކު ގާތްގަނޑަކަށް 300 ބަކަރި ކަތިލުމަށް ވަނީ ހަމަޖެހިފައި،" ފައުޒީ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ މާދަމާ ހެދުނު ބަކަރިކަތިލަން ބޭނުން ވެލައްވާ ބޭފުޅުންނަށް އެ ސަރަހައްދުގައި ހިލޭ އެބޭފުޅުން އެކަން ކޮށްދެއްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

"ބަކަރި ހިފައިގެން އެބޭފުޅަކު ވަޑައިގަތީމާ ބަކަރި ކަތިލައިފައި އެބޭފުޅެއްގެ ކުރީމަތީގައި ހަންނޮޅާފައި މަސްކޮޅު ކޮތަޅަށް އަޅާފައި ހަވާލުކޮށްލާނަން. އެ ބޭފުޅެއްގެ ކަމެއް އެއީ އޭގެ މަސް ސޮދަގާތް ކުރުން ނުވަތަ ގެއަށް ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

އަދި ފައުޒީ ވިދާޅުވީ އިސްލާމިކް ފައުންޑޭޝަނުގެ ފަރާތުން ކަތިލާ ބައެއް ބަކަރި އާއި ގެރިމަސް ބޮނޑިބަތާ އެކު މާދަމާ ރޭ މާފަންނު މަދަރުސާގައި ބާއްވާ އުޟުހިއްޔަ ކެއުމުހަފުލާއެއް އޮންނާނެ ކަމަށެވެ.

"މާދަމާ ރޭ 8:30ގައި ފަގީރުންނަށާ އެކަމުގައި ބައިވެރިވި ފަރާތްތަކަށް މާފަންނު މަދަރުސާގައި ބޮނޑިބަތާއި ބަކަރި މަސް ސޮދަގާތް ކުރުން އޮންނާނެ،" ފައުޒީ ވިދާޅުވި އެވެ.

އުޟުޙިޔާ ކަތިލުމަކީ ދުނިޔޭގެ މުސްލިމް ވަރަށް ގިނަ ގައުމުތަކުގައި އީދު ދުވަހު އޮންނަ ކަމެކެވެ. ދީނީ ގޮތުން ބަލާ އިރު، ކަންބަޅި، ބަކަރި، ގެރި ނުވަތަ ޖަމަލު ފަދަ ޖަނަވާރެއް ﷲ އަށް ގުރުބާންކޮށް އޭގެ މަސް ފަގީރުންނަށް ބެހުމަކީ ބޮޑުވެގެންވާ ސުންނަތެކެވެ.

މުސްލިމުން އަޟްޙާ އީދު ދުވަހު ގުރުބާނީ ކުރަނީ އިބްރާހިމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމްގެ ގުރުބާނީގެ މަތިން ހަނދާން އާކުރުމުގެ ގޮތުންނެވެ.