05 Nov 2011, 14:06
ޔުނެސްކޯގައި ނެގި ވޯޓުގައި ރާއްޖޭ އިން ބައިވެރިނުވި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދި ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ޕީޕަލްސް ޕާޓީ (ޕީޕީ)ން ގޮވާލައިފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އދ.ގެ ގަރާރުތަކަށް ބޯނުލަބައި މުޅި ދުނިޔޭގެ ގާނޫނުތަކަށް ގޮންޖަހަމުންދާ އަނިޔާވެރި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް އިންސާނިއްޔަތުކަމާ ހިލާފު ޖަރީމާތައް ހިންގަމުން ދާއިރު ވެސް ދިވެހި ސަރުކާރުން އިޒުރޭލާ އެއްކޮޅަށް ޖެހިފައިވާ ކަމަށެވެ. އަދި ޔުނެސްކޯގައި ފަލަސްތީނާ އެއްކޮޅަށް ވޯޓު ދޭންޖެހުނު ވަގުތު ދިވެހި ސަރުކާރުން އެވޯޓަށް ފިލާފައިވާ ކަމަށާއި އެކަމަކީ ސަރުކާރުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ޕީޕީގެ އެ ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނު ވޯޓުގައި ބައިވެރިނުވެ ސަރުކާރުގެ ވެރިން ދައްކަވާ ވާހަކަތަކަކީ "ދެކޮޅުނު ޖެހޭ މަކަރުވެރި ވާހަކަތަކެއް" ކަމަށެވެ. އަދި "މިފަދަ މަކަރުވެރި ގޮތަކަށް ރައީސް އާއި ސަރުކާރުގެ އިސްވެރިންގެ އަމަލުތައް ހުންނާތީ ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދި ރައީސް ކަމުން މާފަށް އެދި ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް" ގޮވާލާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ފަލަސްތީން މިނިވަން ކުރުމަށް ޔުނެސްކޯގައި ނެގި ވޯޓުގައި ރާއްޖެ އިން ބައިވެރިވެފައި ނުވާތީ އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ނަމަވެސް އެ ވޯޓުގައި ރާއްޖެ ބައިވެރި ނުވީ މިނިސްޓަރު ކުއްލި އަކަށް ރާއްޖެ ވަޑައިގަންނަން ޖެހިގެން ކަމަށް އެޑިޔުކޭޝަނުން ވަނީ ބުނެފަ އެވެ. އަދި ފަލްސަތީން ޔުނެސްކޯގެ މެންބަރަކަށް ހެދުމަށް ރާއްޖެ އިން މަސައްކަތް ކުރި ކަމަށް ވެސް އެމިނިސްޓްރީންބުނެފައިވެ އެވެ.