14:30


ގައުމީ ސިއްހީ ފަރުވާގެ އިންޝުއަރެންސާ ބެހޭ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފައްޓައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިހާބީ ވައުދު ފުއްދުމަށާއި، ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓުވައިލުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް އެހީތެރިވުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ. އަދި ގައުމީ ސިއްހީ ހިދުމަތުގެ އު ސޫލުތަކެއް ކަނޑައަޅައި އެ އުސޫލުތައް މޮނީޓަރ ކޮށް ބަލަހައްޓާނެ ބޯޑެއް ކަނޑައަޅައި، އެ ބޯޑުގެ ދަށުން ފައިސާ ލިބޭނެ ގޮތްތަކެއް ކަނޑައަޅައި އެ ފައިސާ ހޭދަ ކުރާނެ އުސޫލުތަކާއި، ފަރުވާދޭނެ ބައިތަކަށް މި ބިލުގައި ބަލައިލެވިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ހިޮދުމަތުގައި ވީހާ ވެސް ބޮޑަށް ރައްޔިތުންގެ ޝާމިލުވުން ލިބެންޖެހޭނެކަމަށް ވިދާޅުވެ ބިލާބެހޭ ބައެއް ތަފްސީލްތައް ވެސް ނަޝީދު ދެއްވި އެވެ.


މި ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ބިލަށް ތާއީދު ކުރެއްވި ނަމަވެސް، މި ބިލުން ބައެއް އިހްތިޔާރުތައް މިނިސްޓަރަށް ލިބިދީފައިވާތީ ބައެއް މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ. އަދި މިފަދަ ފަސޭހަ ސިއްހީ އިންޝުއަރެންސް ހިދުމަތަކީ ރައްޔިތުންނަށް ވަރަށް ބޭނުންތެރި ހިދުމަތެއް ކަމަށް ވިދާޅުވެ، މަދަނައިގެ ދަށުން ސަރުކާރުން މިހާރު ދެމުންގެންދާ ސިއްހީ ހިދުމަތަށް ވެސް ބައެއް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.


ބިލުގައި ބައެއް އިހްތިޔާރުތައް ހެލްތު މިނިސްޓަރަށް ދިނުމަށް އޮތްކަން ފާހަގަކުރައްވައި ބައެއް މެންބަރުން ވިދާޅުވީ، އެފަދަ އިހްތިޔާރުތަކެއް މިނިސްޓަރަށް އޮތުމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށެވެ. އަދި އާއްމުންނަށް މިފަދަ މުހިއްމު ހިދުމަތްތަކެއް ދޭ ޕްރޮގްރާމެއްގައި އިސްތިސްނާ ހާލަތްތަކެއް ހިމަނައި، ހިދުމަތް ނުދެވޭނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް އޮތުމަކީ މިކަމުން ރައްޔިތުންނަށް ފައިދާވުމުގެ ބަދަލުގައި ގެއްލުންވާނެ ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ބިލަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން، އެންސްޕާގެ މަދަނަ ޕްރޮގްރާމުން ދޭ ސިއްހީ ހިދުމަތަށް ފާޑުވިދާޅުވި މެންބަރުންގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، އެ ޕްރޮގްރާމް ހިންގެވުން އިބްރާހިމް ވަހީދާ ސަރުކާރުން ހަވާލު ކުރައްވާފައި ވަނީ، މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް އާމިރު ވިދާޅުވި އެވެ. އެހެންކަމުން އޭނާގެ އަތުން އެ ވުޒާރާ ނަންގަވައި، ރައްޔިތުންނަށް އެ ހިދުމަތް ލިބޭނެ ގޮތެއް ހެދުމަށް ސަރުކާރަށް ބަޖުބޫރު ކަމަށް ވިދާޅުވެ އެކަން ކުރުމަށް ސަރުކާރަށް ގޮވައިލެއްވި އެވެ.