ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމަށްވާ އެމެޒޯން ހިމާޔަތް ކުރުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމެޒޯން ރޯވެ އަނދަމުންދާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.

އަދި ދުނިޔެއަށް ބޭނުންވާ އޮކްސިޖަންގެ 20 ޕަސެންޓު އުފެދިގެން އަންނަނީ އެމެޒޯން ޖަންގަލިން ކަމަށާއި، އެއީ ދުނިޔޭގެ "ފުއްޕާމޭ" ކަމަށެވެ. އަދި ކާބަން ޑައިއޮކްސައިޑް ޖައްވަށް ބޭރުވިޔަ ނުދީ ހިފަހައްޓައިދޭ ގުދުރަތީ އެންމެ ބޮޑު "ދަލަކީ" ވެސް އެމެޒޯން ޖަންގަލި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރާ އެއް ގައުމަށް ވާއިރު، އެމެޒޯން ހިމާޔަތް ކުރުމަށް އިތުރަށް މަސައްކަތް ކޮށްދިނުމަށް ހުރިހާ ދިވެހިން ގޮވާލަން،" ރައީސް ވިދާޅުވިއެވެ.

އެމެޒޯން ޖަންގަލީގައި ރޯވެ އަނދަމުން އަންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެއީ ގާތްގަނޑަކަށް ތިން މިލިއަން ބާވަތުގެ ގަސްގަހާގެއްސާއި ޖަނަވާރާއި ތަފާތު ގަބީލާތަކަށް ނިސްބަތްވާ އެއް މިލިއަން މީހުން ދިރިއުޅޭ ޖަންގައްޔެކެވެ.

މިހާރު ބްރެޒިލް ސަރުކާރުން ވަނީ ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ސިފައިން ފޮނުވަން ފަށައިފައެވެ. ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވިދާޅުވީ އެމެޒޯން ރައްކާތެރި ކުރުމަށްޓަކައި ސިފައިން ފޮނުވާނީ އެ ޖަންގަލީގެ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށާއި އިންސާނުން ދިރިއުޅޭ ސަރަހައްދުތަކަށާއި ގައުމުގެ ބޯޑަރު ކައިރިއަށް ކަމަށެވެ.

އަދި ސިފައިން މަސައްކަތް ކުރާނީ ތިމާވެއްޓާ ގުޅުން ހުރި ކުށް ކުރުން ހުއްޓުވައި، އަލިފާން ރޯވުން ހުއްޓުވުމަށް ކަމަށް ބޮލްސޮނާރޯ ވިދާޅުވިއެވެ. އެ ފިޔަވަޅުތައް އަޅަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 24އާ ހަމައަށެވެ.

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗް (އައިއެންޕީއީ)އިން ބުނި ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހާ ދޭތެރޭ އެގައުމުގެ ޖަންގަލިތަކުގައި ވަނީ 73،000 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގާފައެވެ. އަދި އޭގެ ތެރެއިން ގިނަ ހާދިސާތައް ހިނގީ އެމެޒޯންގައި ކަމަށާއި އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު 80 ޕަސެންޓު އިތުރު މިންވަރެއް ކަމަށް އައިއެންޕީއީން ބުންޏެވެ.