ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށާއި އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން (އޭޑީއާރް) ނިޒާމެއް ރާއްޖެއަށް މުހިންމު ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އޭޑީއާރު އަކީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެކެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ފެށުނު "ޖުޑީޝަލް އެކްސްޗޭންޖް އޮން އޯލްޓަނޭޓިން ޑިސްޕިއުޓް ރިޒޮލިއުޝަން" މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އަންނަ އިރު، އަދި އިންޓަނޭޝަނަލް ޓްރޭޑް އިތުރުވެ، ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓު ކުރާ މިންވަރު އިތުރުވެފައި ވާއިރު، ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތައް ވެސް އިތުރުވަމުން އަންނަ ކަމަށެވެ.

އަދި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 63 ޕަސެންޓު ކޭސްތައް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ތެރެއިން ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

އޭޑީއާރް ނިޒާމުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައި ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެއީ ވަގުތު ސަލާމަތް ކުރެވޭ، ހަރަދު ކުޑަ ނިޒާމެއް ކަމަށެވެ. އަދި މައްސަލަތަކުގައި ހިމެނޭ ދެ ފަރާތުން ބޭނުންވާ ވަރަކަށް ސިއްރުވެރިކަން ހިފެހެއްޓި، ދެފަރާތުގެ ގުޅުން ހީނަރުވުން ކުޑަކުރެވިގެންދާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ރާއްޖޭގައި މިހާރު އުފެދިފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަކީ ހޯދުނު ވަރަށް ބޮޑު ކާމިޔާބެއްގެ އިތުރުން ކުރިމަގަށް އެޅިގެން ދިޔަ ވަރަށް ރަނގަޅު ބިންގަލެއް ކަމަށެވެ.

އަދި އެ ސެންޓަރުގެ ޗެއާމަން ގާނޫނީ ވަކީލް މުހައްމަދު ޝަހުދީ އަންވަރު، އާއި ވައިސް ޗެއާ އަކަށް ވަކީލު ހުސެން ސިރާޖަކީ އެކަމަށް އެންމެ ގާބިލް ދެ ބޭފުޅުން ކަމަށް ވިދާޅުވެ، ސެންޓަރުގެ މަސައްކަތްތަކަށް ތައުރީފު ކުރެއްވި އެވެ.

ރާއްޖެއިން ވަނީ މި މަހުގެ ކުރީކޮޅު ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން މުއާހަދާގައި ވެސް ސޮއިކޮށްފަ އެވެ. އެއީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ ވިޔަފާރީގެ މައްސަލަތަކުން އުފެދޭ ބައިނަލްއަގްވާމީ ސެޓްލްމަންޓް އެގްރީމަންޓުތައް، މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ބަލައިގަނެ، އެ ގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުސޫލުތަކަކާއި އިންތިޒާމްތަކެއް ގާއިމުކުރުމަށް އެކުލަވާލެވިފައިވާ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑެކެވެ.

އޭގެ އުތުރުން ރާއްޖެއިން މިހާރު އަންނަނީ ނިއުޔޯކް ކޮންވެންޝަން މުއާހަދާގައި ވެސް ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެ މުއާހަދާގައި ސޮއި ކުރާނެ ކަމަށް ބުންޏެވެ.