05 Nov 2011, 14:00
އަންނަ އަހަރުގެ ޖެނުއަރީ މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސޯޅަ ސަތޭކައެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ވިލާ ކޮލެޖުން ބުނީ އަންނަ އަހަރު ޖުމްލަ14 ދާއިރާއަކުން ކޯސްތައް ކުރިއަށް ގެންދާ އިރު ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެމްބަރު ހަތަރަކާ ހަމައަށް އޮންނާނެ ކަމަށެވެ.
ވިލާ ކޮލެޖުން ބުނި ގޮތުން އަންނަ އަހަރު އެތަނުން މާސްޓާސް ފެންވަރުގެ ހަތަރު ކޯހަކާއި ބެޗްލާސް ޑިގްރީގެ ދިހަ ކޯހަކާއި ޑިޕްލޮމާ އާއި އެޑްވާންސް ސެޓްފިކެޓް އަދި ޑިގްރީ ފައުންޑޭޝަނުގެ އަށް ކޯހެއް ކުރިއަށް ގެންދާނެ އެވެ.
މީގެ އިތުރަށް އެކޮލެޖުން އަންނަ އަހަރު ފުރުސަތު ހުޅުވާލައިފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި މަލްޓިމީޑިއާ ޓެކްނޮލޮޖީ އާއި ޓީޗިން އާއި އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަނާއި ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ކޯސްތައް އިތުރަށް، ޑައިވިނާއި ހޮސްޕިޓަލިޓީ މެނޭޖްމެންޓާއި ޓޫރިޒަމް ސްޓަޑީޒް އާއި ލައިފް ސްކިލްސް އަދި ހިއުމަން ރިސޯސް މެނޭޖްމެންޓްގެ އިތުރުން އެކައުންޓިން އާއި އޭސީސީއޭ އަދި ސީއައިއެމްގެ ކޯސްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެ އެވެ.
މި ކޯސްތަކަށް ވަނުމަށް ދޫކުރާ އެޕްލިކޭޝަން ފޯމު އެ ކޮލެޖުން ލިބެން ހުންނާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.