ކުވައިތު ފަންޑުގެ ދެ މިލިއަން ޑޮލަރުގެ ފަންޑުން ލޯނަށް އެދުމުގެ ފުރުސަތު ދަނޑުވެރިންނަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ގެޒެޓްގައި އިކޮނޮމިކް މިނިސްޓްރީ އިން ހޯމަ ދުވަހު ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނަނީ އެ ލޯނަކީ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ދޫކުރާ ލޯނެއް ކަމަށާއި މިހާރު އިއުލާންކޮށްފައި ވަނީ ދެ ވަނަ ބުރުގެ ދަށުން ދޫކުރާ ލޯނުތަކެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ލޯނުގެ 75 ޕަސެންޓް ހާއްސަކޮށްފައި ވަނީ 50،000ރ. 320،000 ރ. އާ ދެމެދުގެ ލޯނަށް އެދޭ ފަރާތް ތަކަށެވެ. އަދި އެ އަދަދަށް ލޯނަށް އެދޭ ފަރާތްތަކުން ލޯނު ނަގައިގެން ކުރަން ކަނޑައަޅާ މައްސަކަތްތަކުގެ15 ޕަސެންޓް އަމިއްލަ އަށް ހަރަދު ކުރަން ޖެހެ އެވެ.

އެ ލޯނުގެ ބާކީ 25 ޕަސެންޓް ހާއްސަކޮށްފައި ވަނީ 50،000ރ. އިން ދަށުގެ ލޯނުތަކަށެވެ. އަދި ލޯނުގެ 40 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެނުން ހިއްސާވާ ވިޔަފާރިތަކާއި އަންހެނުންނަށް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ލޯނަށް އެދުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހުޅުވާލާފަ އެވެ. ލޯނަށް އެދުމުގައި ބޭންކުގެ ގޮފިތަކަށް ފޯމު ހުށަހަޅާ ނަމަ ފޯމު ލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ދޯނިތަކަށް ލޯނަށް އެދޭ ފޯމު ހުށަހަޅާ ނަމަ، ފޯމު ހުށަހަޅަން ޖެހެނީ އަންނަ މަހު އަށަކަށެވެ.
ދަނޑުވެރިންނަށް ހުޅުވާލާފައިވާ މި ލޯނު ދޫކުރަން ނިންމާފައި ވަނީ 6.83 ޕަސެންޓްގެ އިންޓްރެސްޓަކާ އެކު އަށް އަހަރު ތެރޭ ލޯނު ދައްކާ ނިންމާ ގޮތަށެވެ.