23 Aug 2019, 17:41
ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް، ޕްލޭނިން މިނިސްޓްރީއިން އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ ތަސައްވަރެއް މިއަދު އެމްޑީޕީގެ ކައިންސިލަރުންގެ ކޮންފަރެންސުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހިށަހަޅުއްވައިފިއެވެ.
މި ތަސައްވަރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް 20 އަހަރު ތެރޭގައި މާލެ ފަދަ އިގްތިސާދީ ވަރުގަދަ ސެންޓްރަލް ރަށްތަކެއް އަތޮޅު ތެރޭގައި އުފެއްދުމަށެވެ. މި ޕްލޭނަށް ކިޔަނީ "މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" އެވެ.
ޕްލޭނިން މިނިސްޓްރީއިން ވަނީ ރަށްރަށުގެ އިގްތިސާދީ ބާރަށް ބެލުމަށް ފަހު އިގްތިސާދީ ގޮތުން އެންމެ ބާރުގަދަ ރަށްތަށް ކަނޑައަޅައިފައެވެ. މި ގޮތަށް ކަނޑައަޅާފައި ވަނީ ފާއިތުވި ހަތަރު އަހަރު ކޮންމެ ރަށެއްގެ އާބާދީގެ ބޮލަކަށް ޖީއެސްޓީ ދައްކާފައިވާ ވަރު ބެލުމަށްފަހު އެވެ.
މިނިސްޓްރީއިން ވިސްނާފައި ވަނީ އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ ރަށްތައް ސެންޓްރަލް ރަށްތަކަށް ހަދައި، އިތުރަށް ތަރައްގީކޮށް، ކައިރީގައި ހުންނަ ކުދި ރަށްތަކަށް ހިދުމަތް ދެވޭނެ ގޮތް ހެދުމަށެވެ.
މިގޮތަށް ވިސްނި ނަމަވެސް، މާލޭ ސަރަހައްދު އޮންނާނީ ގައުމުގެ އެންމެ ސެންޓްރަލް ސަރަހައްދުގެ ގޮތުގައެވެ. މާލެގެ ވަށައިގެން 100 ކިލޯމީޓަރުގެ ސަރަހައްދު ކަނޑައަޅާފައި ވަނީ "ގްރޭޓާ ސެންޓްރަލް ރީޖަން" ކަމުގައެވެ. މާލެ ވަށައިގެން 100 ކިލޯމީޓަރުގެ ތެރޭގައިވާ ރަށްތަކަށް ހިދުމަތް ދޭން ވިސްނާފައި އޮތީ މާލެއިންނެވެ.
"މި ކަމުގައި އަޅުގަނޑުމެން ބޭނުން ކުރި ތިއަރީއަކީ ސެންޓްރަލް ޕްލޭސް ތިއަރީ ކިޔާ ތިއަރީއެއް. މީގެ މާނައަކީ ގުދުރަތީ ގޮތުން ކޮންމެ ނިޒާމެއްވެސް މަސައްކަތްކުރަނީ ކޮންމެވެސް އެއްޗެއް ވަށައިގެން. ރާއްޖެއަށް ދިމާވެގެން މި އުޅޭ ގޮތަކީ މުޅި ރާއްޖެ މަސައްކަތް ކުރަނީ މާލެ ވަށައިގެން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޑީސެންޓްރަލައިޒްޑް އިކޮނޮމިކް ގްރޯތު ގެންނަން މި އުޅެނީ ރީސެންޓްރަލައިޒް ކޮށްގެން. މާނައަކީ މާލެ ނޫން އެހެން ތަންތަކަށްވެސް ސެންޓްރަލް ތަންތަނެއް އަންނާނެއޭ. އަންނަން ޖެހޭނެއޭ. އައިސްގެންނޭ ވާނީ،"
އެންމެ ވަރުގަދަ ފަސް ރީޖަނަލް އާބަން ސެންޓަރު
ޕްލޭނިން މިނިސްޓްރީއިން ވަނީ އިގްތިސާދީ ގޮތުން ރާއްޖޭގެ އެންމެ ވަރުގަދަ ފަސް ރަށް މިހާރު ކަނޑައަޅާފައެވެ. އެ ފަސް ރަށް ކެޓަގަރައިޒްކޮށްފައި ވަނީ "ރީޖަނަލް އާބަން ސެންޓަރ"ގެ ގޮތުގައެވެ.
ރީޖަނަލް ސެންޓަރުތައް:
ހދ. ކުޅުދުއްފުށި
- ޅ. ނައިފަރު
- ލ. ގަން
- ގދ. ތިނަދޫ
- ސ. ހިތަދޫ
މިނިސްޓްރީގެ ވިސްނުނަކީ މި ފަސް ރަށުގެ ވަށައިގެން 40 ކިލޯމީޓަރުގެ ސަރަހައްދުގައި ހުރި ހުރިހާ ރަށްތަކަކީ އެއީ އެ ރަށުގެ "ސެޓަލައިޓް" ރަށްތަކެއްގެ ގޮތުގައި ހެދުމަށެވެ. މާނައަކީ އެ ކުދި ރަށްތަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް މައި ރަށުން ދެވޭނެ ގޮތް ހެދުމެވެ.
"މެދަށް މި އަންނަނީ ނިއުކްލިއަސްއެއް. އެއީ ހޯސްޓް ރަށް،" އަސްލަމް ކިޔައިދެއްވި އެވެ.
ނުވަ ސަބް-ރީޖަބަލް އާބަން ސެންޓަރު
އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ ފަސް ރަށަށް ފަހު އެއަށް ވުރެ އިގްތިސާދީ ދިރުން ދަށް ނުވަ ރަށެއް ސެންޓްރަލް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް މިނިސްޓްރީއިން ވަނީ ނިންމައިފައެވެ. އެއީ ސަބް ރީޖަންތަކެކެވެ.
"ދެން މި ނެގީ ތަންކޮޅެއް އިކޮނޮމިކް ސްޓްރެންތު ދަށް، އެހެން ނަމަވެސް ގްރޯތު ޕޮޓެންޝަލް ހުރި ރަށްރަށް އަޅުގަނޑުމެން ބެލީ. ބަލާފައި އަޅުގަނޑުމެން މި ނެގީ ސަބް ރީޖަންތަކެއް،" އަސްލަމް ވިދާޅުވިއެވެ.
ސަބް ރީޖަންތައް:
އުތުރުގެ ސަބް ރީޖަން (އަދި ކަނޑައެއް ނާޅާ)
- ށ. ފުނަދޫ
- ނ. މަނަދޫ
- ރ. ދުވާފަރު
- ބ. އޭދަފުށި
- ދ. ކުޑަހުވަދޫ
- ތ. ތިމަރަފުށި
- ގއ. ވިލިނގިލި
- ފުވައްމުލައް ސިޓީ
މި ރަށްރަށްވެސް ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ ސެންޓްރަލް ކޮށެވެ. އެއިން ކޮންމެ ރަށެއްގެ ވަށައިގެން 35 ކިލޯމީޓަރު ތެރޭގައި ހިމެނޭ ހުރިހާ ރަށްރަށަކީ އެ ރަށާ ގުޅިގެން އެއް ޔުނިޓެއްގެ ގޮތުގައި މަސައްކަތް ކުރާ ރަށްރަށްކަމުގައިވާ ގޮތަށެވެ.
އެންމެ އުތުރު ސަބް ރީޖަންގެ އެންމެ މައި ރަށް އަދި މިނިސްޓްރީއިން ނިންމާފައި ނުވެއެވެ. އެއީ އުތުރުގައި އެއްވަރަކަށް ވަރުގަދަ ދެތިން ރަށެއް ކައިރި ކައިރީގައި އޮތުމުންނެވެ.
ނުވަ ކްލަސްޓާއެއް
ފަސް ރީޖަނަލް ހަބާއި ނުވަ ސަބް ރީޖަނުގައި ހިމެނޭ ރަށްތައް ވަކި ކުރުމުން، ބޮޑު ރަށަކާ ކައިރީގައި ނުހުންނަ ކުދި ކުދި ރަށްތަކެއް ބާކީވެ އެވެ. މިނިސްޓްރީއިން ވިސްނާފައި ވަނީ އެފަދަ ކުދި ރަށްރަށުގެ ތެރެއިން ގާތްގާތުގައި ތިބި ރަށްރަށް މައި ރަށެއް ނުހުންނަ ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. އެފަދަ ސަރަހައްދުތަކަށް ކިޔާފައި ވަނީ "ކްލަސްޓާ" އެވެ.
ފ. ނިލަންދޫ
- އދ. މާމިގިލި
- މ. މުލި
- މ. ކޮޅުފުށި
- ގދ. ފަރެސްމާތޮޑާ
- ގދ. ގައްދޫ
- އއ. ރަސްދޫ
- އދ. މަހިބަދޫ
- ވ. ފެލިދޫ
މި ނުވަ ރަށް ވަށައިގެންވާ ކުދި އިގްތިސާދީ ބާރު ދަށް ރަށްތައް ތަރައްގީ ކުރަން ނިންމާފައި ވަނީ އެކީ އެކައްޗަކަށެވެ. ސެންޓްރަލް ރަށެއް ނެތިއެވެ.
މި ނުވަ ރަށުގެ ތެރެއިން އއ. ރަސްދޫ ވަށައިގެންވާ ރަށްތަކާއި، އއ. މަހިބަދޫ ވަށައިގެންވާ ރަށްތަކާއި އަދި ވ. ފެލިދޫ ވަށައިގެންވާ ރަށްތައް ހިމެނެނީ މާލޭގެ 100 ކިލޯމީޓަރު ސަރަހައްދުގައެވެ. މި ފުށޫ އެރުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.
އެންމެ މުހިންމީ ހުރިހާ ސަރަހައްދެއް ގުޅުވާލުން
މިނިސްޓަރު އަސްލަމް ވިދާޅުވީ، މި ނިޒާމު މަސައްކަތް ކުރަން އެންމެ މުހިންމީ ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ.
"އެންމެ ފަންޑަމެންޓަލް ކަމަކީ އެއް ރަށް އަނެއް ރަށާ ގުޅުވާލުން، އެގޮތަށް ނުވާނަމަ ހިދުމަތްތައް ނުދެވޭނެ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ކޮންމެ ރަށަކުންވެސް ތިރީހަކަށް މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓު އަޅަން ސަރުކާރުން ބޭނުން ނަމަވެސް، ކޮންމެ ދުވަހަކު މީހުން މަތިންދާބޯޓުގައި ދަތުރު ނުކުރާނެއެވެ. އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެހެންވެ، ފަސޭހައިން ބޭނުން ކުރެވޭ، އަގުހެޔޮ، ފެންވަރު ރަނގަޅު ފެރީ ނިޒާމެއް ގާއިމު ކުރަން ވިސްނާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެ މުޅި ފެރީ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ކަވަރު ކުރެވޭ ފެރީ ނެޓުވޯކަކާއި އެއް ހަބުން އަނެއް ހަބަށް ދަތުރު ކުރެވޭނެ ނެޓުވޯކުތަކާއި އެއް ހަބުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނެޓުވޯތައް ހިމެނޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، މީގެ ކުރިން ދަތުރުފަތުރުގެ ނިޒާމަށް ބޭނުން ކުރި ފެރީތައް ކަމަކު ނުދާ ކަމަށެވެ. ބޭނުން ވަނީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުން ކުރާ ފަދަ ޒަމާނީ ފެރީތަކެއް ކަމަށެވެ. ކަނޑު ގަދަ ވިޔަސް ފަސިންޖަރަށް ބޮޑު އަސަރެއް ނުކުރާނޭ ފެންވަރަށް ހަދާފައިވާ ފެރީތަކެއް ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މި ޕްލޭނުގެ ދަށުން ސަރުކާރުން ރީޖަންތަކުގެ ދަތުރުފަތުރުގެ ކަންކަމުގެ އިތުރުން، އެޑިއުކޭޝަން ދާއިރާ، ސިއްހީ ދާއިރާ، ގާނޫނީ ދާއިރާ، ވިޔަފާރީގެ ދާއިރާ އަދި އެހެނިހެން ދާއިރާތައް ވަރުގަދަކޮށް އެ ރީޖަންތަކަށް މީހުން ޖަމާ ކުރާނެއެވެ. އޭގެ ސަބަބުން ރާއްޖޭގެ ވަސީލަތްތައް މާލޭ ސަރަހައްދަށް އެއްވެފައި އޮތް މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެކަމަކު، މި ޕްލޭނަކީ އަދި ކެބިނެޓުން ފާސް ޖަހާފައިވާ ޕްލޭނެއް ނޫނެވެ. އެކަމަކު، ކެބިނެޓުގައި މި ޕްލޭންގެ ވާހަކަ ދެކެވިފައިވެއެވެ. އަސްލަމް ވިދާޅުވަނީ، މި ޕްލޭނުގެ މަސައްކަތް ފަށައި، މި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެންމެ ކުޑަ މިނުން މި ނިޒާމުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ.