05 Nov 2011, 11:53
މާދަމާ ]އީދު ދުވަހު[ ހަވީރުން ފެށިގެން މެންދަން ވަންދެން މާލޭގައި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނަނީ މާދަމާ ހަވީރު 4:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ޖެހޭނީ ހިނގައިފައި އުޅެން ކަމަށެވެ. އެ ގަޑިތަކުގައި މަގުތަކުގައި ދުއްވޭނީ ޕަބްލިކް ބަސްތަކާއި އެމްބިއުލާންސްގެ އިތުރުން ހުއްދަ ދީފައިވާ ވެހިކަލްތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި އީދު އުފާ ފާހަގަ ކުރުމަށް މާލޭގެ މަގުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަނީ އެ ކައުންސިލުން އާންމުކޮށް ހުޅުވާލައިފަ އެވެ. އަދި ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް މާލޭގެ ސަރަހައްދުތައް ހުޅުވާލާފައިވާ ކަމަށާއި ވަކި ހާއްސަ ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ ފައިމަގުގައި އުޅޭ ގަޑިތަކުގައި، އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށް ބަހުގެ ހިދުމަތް ކުރިއަށް ގެންދާނެ ކަމަށާއި އިމަޖެންސީ ކަމެއް ދިމާވެދާނެތީ ބައެއް ޓެކްސީ ސެންޓަރުތަކަށް ކޮންމެ ވެސް ވަރަކަށް ދަތުރުތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.