އިންފްރާސްޓްރަކްޗާގެ މަސައްކަތަކަށް މިއަހަރު ކަނޑައެޅި 2.5 ބިލިއަން ރުފިޔާގެ ތެރެއިން، 1.5 ބިލިއަން ރުފިޔާގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށް ދިޔަ "ބީލަންވެރިންގެ މަހާސިންތާ"ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތައް ހަވާލުކުރި ފަހުން އަދި މާގިނަ ދުވަސްތަކެއް ނުވާނެ ކަމަށާއި، އަމަލީ މަސައްކަތް އަދި ފެށިގެން ނުދާކަމަށެވެ.

އެހެން ނަމަވެސް މި އަހަރުތެރޭގައި މަސައްކަތްތައް ފެށި، ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މަސައްކަތްތަކުގެ ތެރެއިން އެންމެ ޕްރޮޖެކްޓެއް ފިޔަވާ އެހެން ހުރިހާ ޕްރޮޖެކްޓެއްވެސް ހަވާލުކުރެވިފައި ވާނީ ހުޅުވާލެވިފައިވާ އޯޕަން ޓެންޑާއަކުން ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން ދިމާވާ އެންމެ ބޮޑު ދައްޗަކީ ޓެންޑަރިން ޕްރޮސެސްގެ ތެރެއިން ކަންކަން ލަސްވެގެން ދިއުން ކަމަށެވެ.

އެގޮތުން ބައެއް ފަރާތުން ސައްހަ މައުލޫމާތު ފޯރުކޮށްނުދިނުމުގެ ސަބަބުން، ޓެންޑާ އެވޯޑު ކުރުމަށްފަހު، އަލުން ބާތިލުކުރަން ޖެހޭ ފަހަރު ވެސް އަންނަކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

"މިހެން ކަންތައްވީމާ ލަސްވޭ އެބަ މަސައްކަތް. އެކަމަކު ރައްޔިތުން ޕްރޮސެސް ބަލާކަށް ބޭނުމެއް ނުވޭ. ބަލަން ބޭނުންވަނީ މަސައްކަތް ކުރިއަށް ދަނީ ކޮން ސްޕީޑެއްގައިތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހުރިހާ ކަމެއް ގެންދަން ޖެހޭ ކަމާށާއި، މަސައްކަތް ހަވާލުކުރާ ފަރާތަކީ އެ މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ފަރާތެއްކަން ކަށަވަރު ކުރުމާއެކު، ފެއާ އިވެލުއޭޝަން އެއް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ޒިންމާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.