05 Nov 2011, 11:37
މާލެ އިން ފުރައިގެން ތ. އަތޮޅަށް ދަތުރު ކުރި މެރީޑިއަމް ސާވިސްގެ ބޯޓެއް މ. އަތޮޅަށް އަޑިއަށް ހިނގައްޖެ އެވެ.
މެރީޑިއަމް އިން މިއަދު ބުނީ ހިލައާއި ހިލަވެލި ބަރުކޮށްގެން ތ. މަޑިފުއްޓަށް ދަތުރުކުރަނިކޮށް އެ ކުންފުނީގެ “ކަލަމިދި” ބޯޓު ރޭ ދަންވަރު އަޑިއަށް ދިޔައީ މ. ތުވަރުކައިރި އަށް ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ބޯޓް އަޑިއަށް ދިޔަ އިރު ބޯޓުގައި ތިބީ ހަ މީހުން ކަމަށާއި އެ ހާދިސާ ހިނގުމުން މިބޯޓުގައި ތިބި ހަ މީހުން ބޯޓުގެ ޑިންގީ އަށް އަރައިގެ ކައިރީގައި އޮތް މ. ތުވަރު ކިޔާ ފަޅުރަށަކަށް 12:50 އެހާކަންހާއިރު ގޮސްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މޯލްޑިވްސް ޕޮލިސް ސަވިސް މެދުވެރިކޮށް ރޭ 22:50 ހާއިރު އެވެ. އަދި ކޯސްޓްގާޑުގެ އިސްކަންދަރު ލޯންޗު އެ ސަރަހައްދަށް ދަތުރުކޮށް އެ ހަ މީހުން މިހާރު މާލެ ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހަ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށާއި މިބޯޓު އަޑިއަށް ދިޔައީ ކަނޑުގަދަވެ ބޯޓުގެ ޕަމްޕަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވާން ފެށުމުން ކަމަށް ކޯސްޓްގާޑުން މައުލޫމާތު ދިނެވެ.