22 Aug 2019, 18:02
ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުޚާނާގެ މެޝިނެއްގެ ބްޓޮލިން ޕްލާންޓަށް ދިމާވެފައިވާ މައްސަލަ ދެ ހަފްތާ ތެރޭ ހައްލުވާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ބޮޓްލިން ޕްލާންޓްގައި މައްސަލަ ޖެހިގެން އުޅޭތާ މިހާރު ދެ ދުވަސް ވެދާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މައްސަލަ ޖެހުނީ ފުޅިތަކުގައި ލޭބަލްކުރުމުގައި ކަމަށެވެ.
"އަޅުގަނޑުމެން އެކަން ކުރަނީ އައިއެސްއޯ ވަކި ސްޓޭންޑެޑަކަށް. އެހެންވެ އެގޮތަށް ނުކުރެވޭތީ ފެންބަންދުކުރުން ވަގުތީ ގޮތުން ހުއްޓާލީ،" އޮފިޝަލް ވިދާޅުވިއެވެ.
ބޮޓްލިންގެ މަސައްކަތް ހުއްޓިފައިވާތީ އެރަށަށް މާލެއިން ފުޅި ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ބޮޓްލިން ޕްލާންޓުން ފެން އުފައްދައި ބާޒާރަށް ފެން ނެރެން ފަށީ މިދިޔަ މަހުއެވެ.
އެ ޕްލާންޓްގައި ގަޑިއަކު 9000 ފުޅި ބަންދުކުރުމުގެ ގާބިލްކަން ލިބިގެންވެއެވެ.