ޢަރަފާތު (އޮކްޓޯބަރ 5) މިއަދު ފަތިސްނަމާދަށްފަހު ޢަރަފާތުގެ މުޤައްދަސް ބިމަށް ޙައްޖުވެރިން ޖަމާވާން ފަށައިފިއެވެ. ޢަރަފާތުގެ ބިމަށް ޙައްޖުވެރިން ދަނީ ޙައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ ޢަރަފާތުގެ ބިމުގައި ތިބުމުގެ ވާޖިބު އަދާކުރުމަށެވެ.

ހައްޖުވެރިން ޢަރަފާތުގެ ބިމުގައި ތިބޭނީ ކީރިތި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުއާއާއި ޛިކްރު ކުރުމުގައެވެ. މިގޮތަށް އިރުއޮއްސެންދެން ތިބޭއިރު މެންދުރު ނަމާދާއި ޢަސްރު ނަމާދުކުރާނީ ޖަމްޢުކޮށްނާއި ޤަސްރު ކޮށެވެ. މެންދުރެއްހާއިރު ޢަރަފާތުގެ މަސްޖިދުއްނަމިރާގައި ހައްޖު ދުވަހުގެ ޚުތްބާ ކިޔާނެއެވެ. ޢަރަފާތުގެ ބިމުގައި ތިބުމަކީ ޙައްޖުގެ އެންމެމަތީ ރުކުނެވެ. މިއަދު މިނާއަށް ދިޔުމަށްފަހު މިރޭ ޙައްޖުވެރިން ތިބޭނީ މިނާގައެވެ.

މިއަދު ޙައްޖުވެރިން ޢަރަފާތުގެ ބިމުގައި މުޅި ދުވަސް ހޭދަކުރުމަށްފަހު ކައިރީގައިވަ ސަރަޙައްދެއް ކަމަށްވާ މުޒްދަލިފާއަށްގޮސް މިރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާގައި ޙައްޖުވެރިން މަޣްރިބް ނަމާދާއި ޢިޝާނަމާދު ކުރާނީ ޖަމްޢުކޮށްނާއި ޤަސްރުކޮށެވެ.

މިރޭ މުޒްދަލިފާގައި ތިބުމަށްފަހު މާދަމާ (ޢީދުދުވަހުގެ) އިރުއަރަން ކައިރިވުމާއެކު ޙައްޖުވެރިން އަނެއްކާވެސް ދާނީ މިނާއަށެވެ. އެތާގައި އުޟްޙިޔާ ކަތިލައި ޖަމްރާތަކަށް ހިލައުކުމުގައި ހައްޖުވެރިން މަޝްޣޫލުވާނެއެވެ. އަދި ބޯކޮށުމާއި ބޯބޭލުމުގެ ކަންތަކަށްފަހު އަވަހަށް ޙައްޖު ނިންމާލަން ބޭނުންވާ ޙައްޖުވެރިން (ތަޙައްލުލްއަސްޣަރު) ނުވަތަ އިޙްރާމް މޮހާނެއެވެ.

އެއަށްފަހު ގެފުޅުގެ ވަށައިގެން ތަވާފުލްއިފާޟާކޮށް ސަފާއާއި މަރްވާގައި ސަޢްޔު ކުރުމަށްޓަކައި ޙައްޖުވެރިން މައްކާއަށް ދާނެއެވެ. ޙައްޖުގެ އަޅުކަން މުޅިން ނިންމާލާނީ މައްކާގައި (ތަޙައްލުލްއަކްބަރު) ނުވަތަ އެއްކޮށް އިޙްރާމް މޮހެލުމުންނެވެ. (ސަޢޫދީ މީޑިޔާ)