ޖަކާޓާ (އޮގަސްޓް 22): އިންޑޮނޭޝިއާގެ ވެސްޓް ޕަޕުއާ ޕްރޮވިންސުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އެގައުމުގެ ސަރުކާރުން އެސަރަހައްދަށް އިންޓަނެޓުގެ ހިދުމަތް ކަނޑާލައިފި އެވެ.

އިންޑޮނޭޝިއާގެ އިންފޮމޭޝަން މިނިސްޓްރީން ބުނި ގޮތުގައި ވެސްޓް ޕަޕުއާއަށް ވަގުތީ ގޮތުން އިންޓަނެޓު ކަނޑާލަން ނިންމީ އެސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައި، އަމަން ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އަދި ވެސްޓް ޕަޕުއާ އާއްމު ހާލަތަށް ރުޖޫއަވަންދެން އެފިޔަވަޅު ދެމިއޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވެސްޓް ޕަޕުއާގައި މިހަފްތާ ތެރޭ ބޮޑެތި މުޒާހަރާތައް ފެށުނީ ޖާވާގައި ކިޔަވަމުންދާ އެޕްރޮވިންސުގެ ދަރިވަރުންތަކަކަށް ފުލުހުން އިހާނެތިކޮށް ހިތި ކަމަށް ބުނެ އެވެ.

އެމައްސަލަ ފެށުނީ އެދަރިވަރުން އިންޑޮނޭޝިއާގެ ދިދައިގެ ހުރުމަތް ކެނޑި ކަމަށް ބަޔަކު ތުހުމަތު ކުރުމުންނެވެ. އަދި އޭގެ ސަބަބުން އެދަރިވަރުން ދިރިއުޅެމުން ދިޔަ އިމާރާތް ކައިރިއަށް މިދިޔަ ހޮނިހިރު ދުވަހު ބަޔަކު އެއްވެ ނުރުހުން ފާޅު ކުރަން ފެށުމުންނެވެ.

ވެސްޓް ޕަޕުއާގައި މުޒާހަރާ ކުރާ މީހުން ޖަލެއްގައި ރޯކުރުމުން 250 ގައިދީން ވަނީ ފިލާފަ -- ފޮޓޯ: އޭއެފްޕީ

އިންޑޮނޭޝިއާގެ ފުލުހުން ބުނި ގޮތުގައި އޭރު އެދަރިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުންގެ ރައްކަލަށެވެ. އަދި ހަމަ އެދުވަހު އެދަރިވަރުން ވަނީ ދޫކޮށްލައިފަ އެވެ.

ނަމަވެސް އެމައްސަލާގައި ޕަޕުއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ފެށި މުޒާހަރާތަކުގައި ހަމަނުޖެހުން އުފެދި، އިމާރާތްތަކާއި ޖަލެއްގައި ރޯކޮށްފައިވެ އެވެ. އަދި އެޖަލުން ފިލި 250 މީހަކު ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެހަމަނުޖެހުންތައް ހުއްޓުވުމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ އެސަރަހައްދަށް އިތުރު ސިފައިން ފޮނުވާފަ އެވެ.

ނެދަލޭންޑްސްގެ އިސްތިއުމާރުގެ ދަށުގައި 1960ގެ އަހަރުތަކުގައި އޮތުމަށް ފަހު، ވެސްޓް ޕަޕުއާ އިންޑޮނޭޝިއާގެ ސަރަހައްދަކަށްވީ 1969ގައި ބޭއްވި ވޯޓަކަށް ފަހުގަ އެވެ. އެވޯޓުގައި ބައިވެރިވި 1،000 ވަރަކަށް މީހުން ތާއިދު ކުރީ ވެސްޓް ޕަޕުއާ މިނިވަންވުމުގެ ބަދަލުގައި އިންޑޮނޭޝިއާގެ ބަޔަކަށް ވުމަށެވެ.

ނަމަވެސް އެވޯޓަށް ފަހު ވެސްޓް ޕަޕުއާގެ ގިނަ އަދަދެއްގެ މީހުން ވަނީ އެއީ އިންސާފުވެރިކޮށް ބޭއްވި ވޯޓެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެސަރަހައްދުގެ މިނިވަން ކަމަށް ގޮވާލާ ހަރަކާތްތައް އޭރުން ފެށިގެން ދަނީ ކުރިއަށްގެންދަމުންނެވެ.

ވެސްޓް ޕަޕުއާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ވެސް ގިނަ އަދަދެއްގެ މީހުން ދަނީ އެސަރަހައްދުގެ މިނިވަންކަމަށް ގޮވާލަމުންނެވެ.