05 Nov 2011, 10:54
ވޮޝިންގޓަން (އޮކްޓޯބަރ 4) : އިޤްތިސާދު ދަށަށް ދާންފެށުމާއެކު އެމެރިކާގައި ފަގީރުންގެ ނިސްބަތް އިތުރުވަމުންދާކަން ދިރާސާއަކުން ހާމަވެއްޖެވެ. ބްރޫކިންގްސް އިންސްޓިޓިއުޓުން ކުރި ދިރާސާއެއް ބުނާގޮތުން އެމެރިކާ ރައްޔިތުންގެ ގާތްގަނޑަކަށް 12% އަކީ ފަގީރުންނެވެ. މީގެތެރެއިން 7% އަކީ އިންތިހާއަށް ފަގީރުކަން ބޮޑު ނުވަތަ އެބްޒޮލިއުޓް ޕަވަރޓީގެ މީހުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގައި ޝާއިޢުކުރި މިދިރާސާއިން ހާމަވާގޮތުގައި އިންތިހާއަށް ފަގީރުކަން ބޮޑު ނުވަތަ އެބްޒޮލިއުޓް ޕަވަރޓީގެ މީހުންގެ ގޮތުގައި 20 މިލިޔަން މީހުން އެމެރިކާގެ ކަންކޮޅުތަކުގައި އެބަތިއްބެވެ. ވޭތުވެދިޔަ ތިން އަހަރު ފަގީރުންގެ ނިސްބަތް އެމެރިކާގައި އާދަޔާ ޚިލާފަށް އިތުރުވެފައިވާކަންވެސް މިދިރާސާއިން ހާމަވެއެވެ.
އެމެރިކާގައި ފަގީރުންގެ ގޮތުގައި ބަލަނީ ހަތަރު މީހުންގެ އާއިލާއަކަށް އަހަރަކު 22 ހާސް ޑޮލަރު ނުލިބޭ ޢާއިލާތަކެވެ. އެމެރިކާގައި ތަކެއްޗާއި ޚިދްމަތުގެ އަގުތައް ހުންނަގޮތުން ހަތަރު މީހުންގެ އާއިލާއަކަށް އެންމެ އާދައިގެ ދިރިއުޅުމެއް އުޅެވޭނީވެސް އެވްރެޖްގޮތެއްގައި އަހަރަކު 30 ހާސް ޑޮލަރުގެ އާމްދަނީއެއް ލިބިގެން ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.
މިދިރާސާއިން ހާމަވާގޮތުގައި އެމެރިކާގައި ފަގީރުންގެ އަވަށްތައް އެންމެ ގިނައީ ޓެކްސަސް، ލޫޒިޔާނާ، ބީޓޮން އަދި ރޯޖް ގައެވެ. އެމެރިކާއަކީ މުއްސަނދިން އިންތިހާއަށް މުއްސަނދި، ފަގީރުން އިންތިހާއަށް ފަގީރު ޤައުމެކެވެ. މެދުފަންތީގެ މީހުންނާއި މުއްސަނދިންނާ ދެމެދުގެ ތަފާތުވެސް އެމެރިކާގައި އިންތިހާއަށް ބޮޑެވެ.
އެމެރިކާގެ މުއްސަނދިކަން މަދުޢަދަދެއްގެ ބައެއްގެ އަތްމަތީގައާއި ދަހިވެތި ކުންފުނިތަކުގެ އަތްމަތީގައި އޮންނައޮތުން ނިމުމަކަށް ގެނަސް އެމެރިކާގައި އިޖްތިމާޢީ ޢަދާލަތާއި އިންސާފު ޤާއިމް ކުރުމަށްއެދި ވޯލްސްޓްރީޓާ އަތްދަށުލުމަށް ގޮވާލައި އެމެރިކާގެ ރައްޔިތުންވަނީ މުޒާހަރާކުރަން ފަށާފައެވެ. (ރޮއިޓާސް)