05 Nov 2011, 10:38
ރައީސް މުހައްމަދު ނަޝީދު ވެރިކަން ފެށުމާ އެކު ކުރެވެން ފެށި ބޮޑު އެއް ތުހުމަތަކީ ރާއްޖެއާއި އިޒްރޭލާ ދެމެދު ހާއްސަ "ލޯތްބެއް" އުފެދި، ގުޅުން ބަދަހިވަމުންދާ ވާހަކަ އާއި މުސްލިމުންގެ ވިންދާ ގުޅިފައިވާ ފަލަސްތީނާއި ގުދުސްގެ މައްސަލައަށް ދިވެހިން ފުރަގަސްދީ، ފެއަށް ޖެހި، ބީރައްޓެހި ވަމުންދާ ވާހަކަ އެވެ. އެކަން ރައްޔިތުންނަށް ސާބިތުކޮށްދޭން އިދިކޮޅު ފަރާތްތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ތުހުމަތުތަކަށް ބޮޑު "އެހީއެއް" ލިބެމުން ދިޔައީ މަޝްހޫރު "ވިކިލީކްސް" އިން ބޭޒާރު ކުރަމުންދިޔަ ލިޔުންތަކުންނެވެ.
އިދިކޮޅު ފަރާތްތަކުން ބޭޒާރު ކުރަމުން ދިޔަ ބައެއް ލިޔުންތަކާއި މީޑިޔާގައި އާންމު ވަމުން ދިޔަ ޑޮކިއުމެންޓްތަކުގައި، ސަރުކާރުގެއިސްބޭފުޅުން އިޒްރޭލަށް ކުރެއްވި ދަތުރުފުޅުތަކާއި އިޒްރޭލުގެ އިސްވެރިން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުތަކާއި މޮސާޑާ އެކު ރާއްޖޭގެ ޑިފެންސްމިނިސްޓްރީން ހަދަން ބޭނުންވި އެއްބަސްވުމަކީ "ސިއްރު" ގޮތުގައި ހިނގާފައިވާ ކަންތައްތަކެއް ކަމަށް ފާހަގަވެފައި އޮތް އިރު ފަލަސްތީނު މަސްލަހަތާ ގުޅޭ ވޯޓުތައް ދޭން ޖެހޭ ހިސާބުން އެ ވޯޓުތަކުގައި ދިވެހި ރާއްޖެ ބައިވެރި ނުވާނީކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައިވާ ކަމަށް ވެސް ވިކިލީކުން ލީކުކޮށްލި ޑޮކިއުމެންޓުތަކުގައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެހެން ނަމަވެސް ސަރުކާރުން ބުނަމުން އައީ "ވިކިލީކްސް"ގައި ކޮންމެއެއްޗެއް ލިޔެފައި އޮތަސް "ރާއްޖެ އިން އެކަހަލަ ކަމެއްކޮށްފައި ނޯންނާނެ،" ކަމަށެވެ. ހަމައެއާ އެކު ސަރުކާރުގެ "އަނގަ"، ޕްރެސް ސެކްޓަރީ މުހައްމަދު ޒުހައިރު ވަރަށް ކުޅަދާނަ އެވެ. އޭނާ ވަނީ މިހާތަނަށް ވެސް އެކަންކަން ވަށައިޖެހޭ ގޮތަށް ވާހަކަ ތަރުޖަމާ ކޮށްދެއްވާފަ އެވެ.
ދިވެހި ސަރުކާރުން އިޒްރޭލްގެ ޔަހޫދީ ކަމުގައި ޖެހި، ރަނގަޅަށް ބަނދެއްވިޖެ ކަމަށް ދެކެވެމުން އައި ވާހަކަތަކުގައި ސަރުކާރުން ކޮންމެ ފޭރާމެއް ލެއްވިއަސް އދ.ގެ ތައުލީމާއި ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް އޮކްޓޯބަރު 31، 2011 ގައި ނެގި ވޯޓުގައި ރާއްޖެ ބައިވެރި ނުވުމުން މުސްލިމް ފަލަސްތީނަށް ވުރެ ދިވެހި ސަރުކާރަށް ޔަހޫދީ އިޒްރޭލު މުހިންމު ވެއްޖެކަން ސާބިތުވާ ކަމަށް އިދިކޮޅު ފަރާތްތައް ބުނެ އެވެ. ކަން ހިނގައި ދިޔަ ގޮތަށް ބަލާ އިރު އެހެން އެކަން މާނަ ނުކުރެވެންވީ ސަބަބެއް ވެސް ނެތެވެ.
ޔުނެސްކޯގެ ދާއިމީ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ނެގި ވޯޓުގައި107 ގައުމަކުން ފަލަސްތީނަށް ތާއީދުކުރި އެވެ. ދެކޮޅަށް14 ގައުމަކުން ވޯޓު ދިން އިރު ވޯޓުގައި ބައިވެރި ނުވަނީ52 ގައުމަކުންނެވެ. ރާއްޖެ ހިމެނެނީ އޭގެ ތެރޭގަ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި ރާއްޖެ، ރިޒޮލިއުޝަން ކޯސްޕޮންސާ ކުރި އެވެ. ނަމަވެސް އެއްވެސް ރަސްމީ ލިޔުމަކުން ނުވަތަ ލިސްޓަކުން ރާއްޖޭގެ ނަމެއް ނުފެނެ އެވެ.
މައްސަލައާ ބެހޭ ގޮތުން ސަރުކާރުން ދެއްކި ވާހަކަތަކުގައި ފުށު އެރުން އުޅެ އެވެ.ފަލަސްތީނު މައްސަލައިގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށާއި ވޯޓު ނުދިނީ އިޒްރޭލް ބޭނުންވާ ގޮތް ހަދައި ދިނުމަށް ކަމަށް އިދިކޮޅު ފަރާތްތައް ބުނާނެ ޖާގަދީ ސުވާލު އުފައްދަން މަގު ފަހި ކޮށްދިން އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ.
ޔުނެސްކޯ ވޯޓުގައި ރާއްޖެ ބައިވެރި ނުވުމުގެ މައްސަލަ ފެންމަތިވުމާ އެކު ސަރުކާރުން ބުނެފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ކުއްލި ގޮތަށް ވަޑައިގަންނަވަން ޖެހުނީ ކަމަށެވެ. އެއީ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވާން ޖެހިވަޑައިގަންނަވާތީ ކަމަށެވެ. އެހެން ނަމަވެސް ދިވެހި- އިޒްރޭލް ގުޅުމާ މެދު ތުހުމަތުގެ އިނގިލި ދިއްކުރަމުންދަނިކޮށް، ހައްސާސީ މައްސަލައެއްގެ ގޮތުގައި ދިވެހިން ދެކޭ، ފަލަސްތީނުގެ މައްސަލައިގައި ވޯޓު ނުދެއްވާ މަޖިލީހުގެ ކޮމެޓީއެއްގައި ބައިވެރި ވަޑައިގަތުމަށް މިނިސްޓަރު މާލެ ވަޑައިގަތުމަކީ ހައިރާންވާވަރުގެ ކަމެކެވެ. ދިވެހިން ތިބީ އެކަމާ ނުރުހިފަ އެވެ.
"ވޯޓުގައި ބައިވެރިވާން ޖެހޭތީ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވެވެން ނެތް ކަމަށް ސިޓީ އަކުންދަންނަވާލި ނަމަވެސް އެކަން ހަމަޖެހޭނެ. ކޮންމެހެން ވޯޓު ނުލައި ދޫކޮށްލައްވާކަށް ނުޖެހޭ، އަދި މިނިސްޓަރު ވަޑައިގަތް ނަމަވެސް އެތަނުގައި ޖެނީވާގައި ހުންނަ ދިވެހި ސަފީރު ވެސް ބައިވެރިކުރެއްވޭނެ،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއެއް މެންބަރުން ވިދާޅުވި ގޮތުގައި ކޮމެޓީއަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުގެ ވާހަކައަކީ މައްސަލަ އިތުރަށް ގޮތް ގޮތަށް ފުރޮޅާލައި އޮޅުވައިލުމަށް ސަރުކާރުން ނެރުނު ބަހަނާއެކެވެ.
އަނެއް ކަމަކީ މައްސަލައާ ބެހޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު މުޅިން ތަފާތު ވުމެވެ. ރައީސް ނަޝީދު ވިދާޅުވީ ޔުނެސްކޯވޯޓުގައި ރާއްޖެ އަށް ބައިވެރިނުވެވުނީ އެބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް "ބަލަންވާ ވަރަށް ނުބެލިގެން" ކަމަށާއި އެއީ "ދެރަކޮށް ހިނގި ކަމެއް" ކަމަށެވެ. ދެން ވިދާޅުވީ ވެސް ތަފާތު ވާހަކަފުޅެކެވެ؛ އެއީ ފަލަސްތީނަށް ޔުނެސްކޯގެ މެމްބަރުކަން ދޭން ފާސްވި އިރު،ރާއްޖޭގެ ވޯޓަކީ ނަތީޖާ ނެރޭ ވޯޓަކަށް ނުވިކަން އެއީ ނަސީބެއް ކަމަށް ވިދާޅުވެ، "ކިރިޔަ ކިރިޔާ ދާ ވޯޓެއް ނަމަ އަޅުގަނޑުމެން ވަކިން އިތުރަށް ރައީސް އޮފީހުން ވެސް ބަލާނެ" ކަމަށް ވިދާޅުވި ވިދާޅުވުމެވެ.
"އެއީ ވަރަށް ބޮޑު ދެރައެއް. ވަރަށް ބޮޑު ހިތާމައެއް. އެއީ އޮޅުމެއް. އެހެންވީމާ މިނިސްޓަރު އަރިހު އަޅުގަނޑު އެދިފައި އޮންނާނެ ދިވެހި ސަރުކާރާއި ދިވެހި ރާއްޖޭގެ ރައްޔިތުން އެ ވޯޓުގައި ބައިވެރިވާކަމަށް،" ރައީސް ވިދާޅުވި އެވެ. "އެއީ އަޅުގަނޑުމެން ދޭން ބޭނުންވާ ވޯޓެއް ކަމަށް އަލުން އަނބުރާ ޔުނެސްކޯ އަށާއި ކަމާގުޅޭ ފަރާތްތަކަށް ސިޓީފުޅަކުން ދަންނަވައި ދެއްވާށޭ،"
ރާއްޖޭގެ ވޯޓަކީ ނަތީޖާ ނެރޭ ވޯޓަކަށް ނުވިކަން އެއީ ނަސީބެއް ކަމަށް ރައީސް ވިދާޅުވި އިރު ވޯޓު ނުދެއްވުން އެ އެރުނީ ކޮން ގޮޅިއަކަށްތޯ ވެސް ވިސްނާލަން ޖެހެ އެވެ. މުސްލިމުންނަށް ވެތިބެ، ރާއްޖެ އޮންނާނީ ފަލަސްތީނާ އެކު ކޮނޑާ ކޮނޑު ޖައްސައިގެން ކަމަށް ބުނަމުން އައިސް ފަހު ވަގުތު ވޯޓު ނުދިނުމުން ފަލަސްތީނާ މެދު އެމެރިކާ ދެކޭ ގޮތާއި އިޒްރޭލް ދެކޭ ގޮތާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ދިވެހިންނަށް ވެސް އެރެވުނީ ފަލަސްތީނު ނައްތާލަން ބޭނުންވާ މީހުން ގޮޅިއަށެވެ.
އިދިކޮޅު ބައެއް ފަރާތްތަކުން ސިފަކުރަނީ ރައީސްގެ ވާހަކަފުޅަކީ "ހެއްވާ" ވާހަކަތަކެއް ކަމަށެވެ. ޑީއާރްޕީގެ ނައިބު ލީޑަރު ވިދާޅުވި ގޮތުގައި ސިޓީއަކުން ދެންނެވިއަސް ވޯޓު ދިން ކަމަކަށް ނުވާނެ އެވެ. އަދި ރައީސް ނަޝީދަށް ވޯޓު ދިން މީހުން ސިޓީއަކުން ދަންނަވައިފިއްޔާ އެވޯޓު އަނބުރާ ލިބޭނެތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
ދެކުނު އެމެރިކާ ފަދަ މުސްލިމް ނޫން ގައުމުތަކުން ވެސް ފަލަސްތީނުގެ މައްސަލައިގައި އިޒްރޭލާ ދެކޮޅަށް ވާހަކަ ދައްކަ އެވެ. ވޯޓު ވެސް ދިނީ ފަލަސްތީނު ކޮޅަށެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ފަރަންސޭސި ވިލާތުން ވެސް ވޯޓު ދިނީ ފަލަސްތީނާ އެއްކޮޅަށެވެ. ދެކުނު އެމެރިކާގެ ގައުމުތަކުން ބުނާ ގޮތުގައި އެމީހުން ފަލަސްތީނާ އެއްބައި ވަނީ އިޒްރޭލު މީހުންގެ އަމަލުތަކަކީ މުޅި އިންސާނިއްޔަތަށް ވެސް ހުތުރު އަމަލުތަކަކަށް ވާތީ އެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމުގައި ދައުވާ ކުރަމުންދާ އިރު ދިވެހިރާއްޖެ އަށް ފަލަސްތީނުގެ ހައްގުގައި އަތް ވެސް އުފުލައި ނުލެވި، ހަދާނެ ނަހަދާއެއް ނޭނގި، އޮޅުން އަރާފައިތިބެވުނު ކަމީ ވަރަށް ވެސް ލަދުހުތުރު، ދެރަވަރު ކަމެކެވެ. މިހާރުގެ ގޮތަށް ނަމަ ތީތި ހަބޭހެއް ނޫނެވެ. އޮބިއެއް ވެސް ނޫނެވެ. ހަމަ ތީތި ކަޑަ އެވެ.
ޔުނެސްކޯ ވޯޓުގައި އިޒްރޭލަށް ވިކި ސަރުކާރުން "ހީލަތްތެރި އަމަލެއް" ހިންގާފައިވާ ކަމަށާއި މިނިސްޓަރު ޝިފާ އިސްތިއުފާ ދެއްވުމަށް އިދިކޮޅު އެންމެން ފުލުފުލުގައި ބަޔާންތައް ނެރެ، އެކަމުގައި ސަރުކާރު މާފަށް އެދުމަށް ގޮވަމުންދާ އިރު، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު "ކޮނޑާއި ކޮނޑު ޖައްސައިގެނޭ" ފަލަސްތީނުގެ ކަންކަމުގައި "އިޒްރޭލުގެ ނުފޫޒު" ދިވެހި ސަރުކާރަށް ހުރަސްއަޅައިފ ިނަމަ، އިޒްރޭލާއި ރާއްޖެއާ ދެމެދުއޮތް ގުޅުމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ފޮރިން މިނިސްޓަރު ނަސީމް ވިދާޅުވި ވާހަކަތަކަށް ފަހު ކަންތައް ހިނގައި މިދިޔަ ގޮތުން ދިވެހި ސަރުކާރު އޮތީ ފަލަސްތީނާ އެކު ކޮނޑާ ކޮނޑު ޖައްސައިގެންތޯ ނޫނީފަލަސްތީނުގެ "ކޮނޑު" ގައި ކަނޑި ޖައްސައިގެންތޯ ސުވާލެއް ނޫފެދޭ ހެއްޔެވެ؟