04 Nov 2011, 21:31
ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ބައްދަލުކުރެއްވުމަށް މާލެ ވަޑައިގެންނެވި ގއ. ގެމަނަފުށީ ކައުންސިލުގެ މެންބަރުން 17 ދުވަހު މާލޭގައި މަޑު ކުރުމަށް ފަހު ރައީސާ ބައްދަލު ނުވެ، ހުސް އަތާ ފުރައިގެން ހިނގައްޖެ އެވެ.
ގެމަނަފުށީ ކައުންސިލުގެ ފަސް މެންބަރުން ރައީސް ނަޝީދާ ބައްދަލު ކުރައްވަން މާލެ ވަޑައިގަތީ މިދިއަ މަހުގެ 18އިގަ އެވެ. މެންބަރުން ރަށަށް ވަޑައިގަތީ އިއްޔެ އެވެ. އެ ބޭފުޅުން އިއްޔެ ރަށަށް ފުރާވަޑައިގެންނެވިއިރު ރައީސް ނަޝީދު ވެސް ވަނީ ސާކް ސަމިޓް ނިމެންދެން އައްޑޫގައި މަޑު ކުރައްވާ ގޮތަށް އިއްޔެ އައްޑުއަށް ވަޑައިގެންފަ އެވެ.
ގެމަނަފުށީ ކައުންސިލްގެ ނައިބު ރައީސް އަޖުވަދު މުހައްމަދު ވިދާޅުވީ އެ ބޭފުޅުން މާލެ ވަޑައިގަތުމުގެ ކުރިން ގައުމީ އިދާރާ މެދުވެރިކޮށް ރައީސް ނަޝީދާއި ބައްދަލުކުރެއްވުމަށް އެޕޮއިންޓްމެންޓެއް ހެއްދި ކަމަށާއި ރައީސާ ބައްދަލު ކުރެއްވޭނެ ކަމުގެ ޔަގީން ކަން ވެސް ގައުމީ އިދާރާއިން ދިން ކަމަށެވެ.
"އަޅުގަޑުމެން ވަރަށް މަސައްކަތްކުރިން ރައީސާ ބައްދަލުކުރެވޭތޯ. މާލެ ދިއުމުގެ ކުރިން ގައުމީ އިދާރާ މެދުވެރިކޮށް އަޅުގަނޑުމެން އެޕޮއިންޓްމެންޓް ވެސް ހެދިން. ނަމަވެސް ރައީސް އާއި ބައްދަލުކުރެވޭނެ ގޮތެއް ނުވި. އެކަމަކު ގައުމީ އިދާރާއިންވަނީ ރައީސް އާއި ބައްދަލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ،" އަޖުވަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މެންބަރުން ރައީސް އޮފީހަށް ވަޑައިގެން ވެސް ރައީސާ ބައްދަލު ކުރެއްވޭތޯ މަސައްކަތް ކުރެއްވެވި ކަމަށާއި އެގޮތުން ވެސް ކާމިޔާބުވާ ގޮތް ނުވި ކަމަށެވެ.
ގެމަނަފުށީގައި އޮންނަ ޑީއާރްޕީއަށް ނިސްބަތްވާ ކައުންސިލުގެ މެންބަރުން މާލެ ވަޑައިގަތީ ރަށުގެ ހާލަތު ރައީސް ނަޝީދާއި ކެބިނެޓްގެ މިނިސްޓަރުންނަށް ދަންނަވައި ރަށުގެ ހާލަތު ދައްކުވައިދޭ ވީޑިއޯއެއް އެރުވުމަށެވެ. ނަމަވެސް ކައުންސިލުން ބުނީ ދަތުރުގައި ބައްދަލުވީ ފިޝަރީޒް މިނިސްޓަރު ޑރ. އިބުރާހީމް ދީދީއާ އެކަނި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.