14:30


އައްޑޫ އަތޮޅު ގޭން އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމަށް ނިންމައި، އަންނަ ބުރާސްފަތި ދުވަހު އެގްރީމަންޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިވިލްއޭވިއޭޝަން މިނިސްޓަރ މަހްމޫދޫ ރާޒީ ވިދާޅުވެއްޖެ އެވެ.


ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްމޫދު ރާޒީ މިއަދު ވިދާޅުވީ ގޭން އިންޓަނޭޝަނަލް އެއާޕޯޓް އަމިއްލަ ފަރާތަކާ ހިންގުން ހަވާލުކުރުމުގެ ގޮތުން އިޢުލާންކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ދުބާއީގައި ހުންނަ "ސުޕްރީމް" ނަމަކަށް ކިޔާ ކުންފުންޏަކާ އެ އެއާޕޯޓް ހިންގުން ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މީހުންނާއެކު ކޮންޓްރެކްޓްގެ އެންމެ ފަހު މަޝްވަރާތައް މާދަމާ ބޭއްވުމަށްފަހު ޖެހިގެން އަންނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށްވެސް ރާޒީ ވިދާޅުވި އެވެ. އަންނަ ބުރާސްފަތި ދުވަހު އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރި ނަމަވެސް އެއާޕޯޓުގެ ހިންގުމާ ހަވާލުވާނީ 45 ދުވަސް ފަހުން ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.


"ސުޕްރީމް" ކުންފުންޏަކީ މީގެ ކުރިން އެއާޕޯޓް ހިންގުމުގެ ތަޖުރިބާ ނެތް ކުންފުންޏެއް ނަމަވެސް، އެ ކުންފުންޏާ އެއާޕޯޓް ހިންގުން ހަވާލުކުރުމަށް ނިންމެވީ އެ މީހުންނަކީ މާލީ ގޮތުން ޤާބިލްކަން ހުރި ކުންފުންޏަކަށް ވާތީ އާއި އެމީހުންނާއެކު އެއާޕޯޓް ހިންގުމުގައި އެއާޕޯޓް ހިންގުމުގެ ތަޖުރިބާ ހުރި ކެނެޑާގެ ބަޔަކު ބައިވެރިވާތީ  ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.


ގޭން އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމާ "ސުޕްރީމް" ކުންފުނިން ހަވާލުވި ނަމަވެސް އެއާޕޯޓްގެ ޓްރެފިކް ކޮންޓްރޯލާއި ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓާނީ ސަރުކާރުން ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.


ގޭން އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ހަވާލުކުރާ ކުންފުންޏަކަށް، އައްޑޫ އަތޮޅު ގަމުގައި ސިފައިންނަށާއި ފުލުހުންނަށް އަދި ދޫގަސް ހިންގުމަށް ދީފައިވާ ސަރަހައްދުތައް ނޫން ހުރިހާ ތަނެއް ދިނުމަށް އެ އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.


ރާޒީ ވިދާޅުވީ އެކުންފުންޏާ އެއާޕޯޓް ހިންގުމަށް ހަވާލުކުރެވޭއިރު އެ ތިން ތަން ފިޔަވާ ހުރިހާ ތަނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ގަމުގެ ބައެއްގައި ހުންނަ އީކުއޭޓަރ ވިލެޖަކީ ޓޫރިޒަމް މިނިސްޓްރީން ބަޔަކަށް ކުއްޔަށް ދީފައިވާ ތަނަކަށް ވާތީވެ، އެތަނުގެ ލީސް އެގްރީމަންޓް ހަމަވާނީ 2018 ވަނަ އަހަރު ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ. އަދި އެ މުއްދަތަށްފަހު ދުބާއީގެ ސުޕްރީމް ކުންފުނިން ސަރުކާރަށް ދައްކަންޖެހޭނީ އެ ކުންފުންޏަށް ލިބޭ އާއްމުދަނީއެއްގެ 15 ޕަސެންޓް ކަމަށާއި ނަމަވެސް އޭގެ ކުރިން އެ ކުންފުނިން ދައްކާނީ އެއަށްވުރެ ކުޑަ މިންވަރެއް ކަމަށް ރާޒީ ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް ރާޒީ ނުދެއްވަ އެވެ.