04 Nov 2011, 18:37
އދ. ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާބެހޭ ޖަމާއަތް (ޔުނެސްކޯ) ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ފަލަސްތީނު ވުމަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރި ނުވުމަކީ ދިވެހި ސަރުކާރުގެ އިސް ވެރިންގެ ކިބައިން ފެނުނު ހީލަތްތެރި އަމަލެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޔުނެސްކޯ ވޯޓު ނެގީ މިދިއަ މަހުގެ 31 ވަނަ ދުވަހު އެވެ. ޖުމްހޫރީ ޕާޓީން އެހެން ބުނީ އިއްޔެގެ ތާރީހުޖަހާފައިވާ ނޫސްބަޔާނެއް މެދުވެރިކޮށެވެ.
ދެ ގަނޑުގެ ނޫސް ބަޔާނުގައި ބުނަނީ މި މައްސަލަ ފެންމަތިވުމުގެ ކުރިން ވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަމާޒު ހިފަމުންދިޔައީ އިސްލާމީ ގައުމުތަކާ ދުރަށް އެކަމަކު އިޒްރޭލާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުން ކަމަށެވެ.
"... ބޭސްފަރުވާއާ ދަނޑުވެރިކަމާ އަދި މިނޫން އެހެން މުހުތާދުތައް ދިވެހިންނަށް ފުއްދައި ދިނުމުގެ ނަމުގައި ޔަހޫދީ އިޒްރޭލުގެ އެކި ވަފުދުތައް މިދިޔަ ތިން އަހަރު ތެރޭގައި އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. ޔަހޫދީ އިޒްރޭލުގެ ފްލައިޓުތައް ރާއްޖެއަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ދިވެހި ސަރުކާރުން ފުރިހަމަ ކޮށްދޭންޖެހޭ އެންމެހާ ކަންތައްތަކެއް މިހާރު ވަނީ ފުރިހަމަ ކޮށްދީފައެވެ." ނޫސްބަޔާނުގައި ވެއެވެ. އަދި ބުނަނީ އެނޫނަސް ތަފާތު ކަންކަމުގައި އިޒްރޭލާއި ދިވެހި ސަރުކާރުން ސިއްރު އެގްރީމެންޓް ތަކެއް ވެފައިވާ ކަމަށެވެ.
މާމިގިލީ ދާއިރާގެ ގާސިމް އިބުރާހިމްގެ ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވެއެވެ: "... އޮޅުދޫ ކަރާގައި [ސްރީލަންކާ] ހުންނަ އެމެރިކަން އެމްބަސީގެ އިސްވެރިންނާ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު ބައްދަލު ކުރައްވައި އިޒްރޭލުގެ މަސްލަހަތާ ދެކޮޅަށް ދިވެހި ސަރުކާރުން ވޯޓެއް ދޭން ޖެހިއްޖެ ހިނދެއްގައި ބައްދަލުވުމަށް ޙާޒިރުނުވެ ފިލާނެ ކަމުގެ ޔަގީންކަން ދީފައިވާކަން ވެސް ވިކިލީކްސްގެ ލިޔުންތަކުން ވަނީ ބޭޒާރު ވެފައެވެ،"
ކަންކަން މިހެން ހިނގާފައި އޮތުމުން ޔުނެސްކޯ ވޯޓުގައި ބައިވެރިނުވެ ދިވެހި ސަރުކާރުން އެ ބައްދަލުވުމަށް "ފިލުމަކީ" ނޭނގިގެން ނުވަތަ ބަލަންވާ ވަރަށް ނުބެލިގެން، އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެ އެވެ.
ޔުނެސްކޯ ވޯޓުގައި ބައިވެރިނުވެ ދިވެހި ވަފުދު "ފިލާފައިވާ ކަމަށް" އިދިކޮޅު ފަރާތްތަކުން ބުނަމުން ދާއިރު ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެއީ އޮޅުމަކުން ހިނގި ކަމެއް ކަމަށެވެ.
އަދި އެ މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހަންމަދު ވިދާޅުވެފައި ވަނީ ވޯޓު ނެގި ޖަލްސާގައި ބައިވެރިވެ ވަޑައި ނުގެންނެވުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވަޑައިގަތުމަށް އަންގަވާފައިވާތީ ވޯޓު ލުމުގެ ކުރިން ރާއްޖެ ވަޑައިގަންނަވަން ޖެހުމުން ކަމަށެވެ. ނަމަވެސް ކޮންފަރެންސްގައި ފަލަސްތީނާ އެއްކޮޅަށް ރާއްޖެއިން ކެމްޕޭން ކުރައްވާފައިވާ ކަމަށެވެ.
ޔުނެސްކޯ ވޯޓުގައި ބައިވެރިނުވެ އިހުމާލުވީ ފަރާތްތަކާމެދު ފިޔަވަޅު އަޅައި އެ ފަރާތްތައް ވަޒީފާއިން ވަކި ކުރުމަށް ޖުމްހޫރީ ޕާޓީން ގޮވާލިއިރު ޑީއާރްޕީން ވެސް ވަނީ ހަމަ މިގޮތަށް ގޮވާލާފަ އެވެ. އަދާލަތު ޕާޓީން ވެސް ސަރުކާރުގެ އެ އަމަލު ކުށްވެރިކޮށް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ގޮވާލާފައިވާއިރު ޕީޕީއެމުންވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.