04 Nov 2011, 17:14
ކުޑަ އަންހެންކުއްޖެއްގެ ނުރުހުމުގައި ފިރިހެނެއްގެ ގާތަށް ފޮނުވައި ހަށިވިއްކުވި މަންމައަކު ބަންދުކުރަން ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އައްބާސް ޝަރީފާއި ޑރ. އަޒުމިރާލްދާ ޒާހިރާއި އަބްދުއް ރައޫފު އިބުރާހިމް ސޮއިކުރައްވައި އިއްޔެ އިއްވެވި ހުކުމުގައި ބުނެފައި ވަނީ ހުވަދު އަތޮޅުގެ ބޮޑު ރަށެއްގެ އަންހެނަކު އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅުގެ ނުރުހުމުގައި ދަރިފުޅަށް މަޖުބޫރުކުރުވައިގެން ހަށިވިއްކުމަށް އެ ރަށެއްގެ މީހެއްގެ ގާތަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނާ ކަމަށެވެ.
އަދި އަންހެންކުއްޖާ ފިރިހެން މީހާ ގާތަށް ފޮނުވައި ގަދަކަމުން ހަށި ވިއްކުވުމަށްފަހު އޭނާގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުން ބުނާތީ އެ އަންހެންމީހާ ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އިއްޔެއިން ފެށިގެން 15 ދުވަސް ވަންދެން ހޯމް މިނިސްޓްރީން އަންގާ ތަނެއްގައި އެ އަންހެން މީހާ ބަންދު ކުރުމަށް ހުކުމް ކުރީ ކަމަށެވެ.
މި މައްސަލައިގައި މެޖިސްޓްރޭޓް ކޯޓުން އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ނިންމި ނަމަވެސް ސެޕްޓެމްބަރު 28،2011 ގައި އޭނާ ބަލަންޖެހޭ އިތުރު ކުދިންތަކެއް ތިބުމާއެކު އަންހެން މީހާ މިނިވަން ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
ހައިކޯޓުން އަމުރެއް ނެރުނީ ތަހުގީގު ނިމެންދެން އަންހެން މީހާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އެދުމުންނެވެ. ނަމަވެސް ހައިކޯޓުން ކުރި ހުކުމްގައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ ގަވާއިދުގައިވާ ގޮތުން މީހަކު ބަންދުގައި ބެހެއްޓީ ގިނަވެގެން 15 ދުވަހަށް ކަމަށެވެ.
އެ މައްސަލައިގައި ހައި ކޯޓުން ކޮށްފައި ހުކުމުގައި ބުނެފައި ވަނީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި މި ނޮވެމްބަރު 2 އިން ފެށިގެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ވެސް ފުލުހުންގެ މައްޗަށް ހައި ކޯޓުން އަމުރު ކުރި އެވެ.