އދ. ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް ނެގި ވޯޓުގައި ރާއްޖެއަށް ބައިވެރި ނުވުމުން އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމަށް ޑީއާރްޕީން ގޮވާލައްވައިފި އެވެ.

ޑީއާރްޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނާއިބު ލީޑަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ އެ ވޯޓުގައި ރާއްޖެއަށް ބައިވެރި ނުވެވުނީ އެޑިޔުކޭޝަން މިނިސްޓަރު ބައްލަވަންވާ ވަރަށް ނުބެއްލުވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު އިހުމާލުވެވަޑައިގެންފައިވާތީ މިނިސްޓަރު ޝިފާ މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް، އަމިއްލަ އަނގަފުޅުން [ދޫފުޅުން] ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ ބައްލަވަންވާވަރަށް ނުބައްލަވާ ކަމަށް. އެހެންކަމަށްވަންޏާ އެ ޒިންމާ ނަންގަވަން ތިއްބެވި ބޭފުޅުން މިއަދު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކޭތީ ޑީއާރްޕީން އެޑިޔުކޭޝަން މިނިސްޓަރު ޝިފާ އިސްތިއުފާ ދިނުމަށް ގޮވާލަން،" އަންޑޭ ވިދާޅުވިއެވެ.

ރާއްޖެއިން އެ ވޯޓުގައި ބައިވެރިނުވީ ސަރުކާރާއި އިޒްރޭލާ ދެމެދު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް ވެސް އަންޑޭ ތުހުމަތުކުރެއްވި އެވެ. ވިދާޅުވީ ޔުނެސްކޯއިން ފަލަސްތީނަށް ދާއިމީ މިނިވަންކަން ދިނުމަށް ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިވާ ކަމަށް ވިދާޅުވެ ކަމާބެހޭ ފަރާތްތަކަށް ސިޓީއަކުން ދަންނަވައި ދިނުމަށް މިނިސްޓަރު ޝިފާ އަށް އަންގަވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް އަދި ސިޓީއަކުން އެކަން ދެންނެވި ނަމަވެސް ދެން އެ ވޯޓުގައި ބައިވެރިވެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.\
~
"މިކަމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ބަލާއިރު މިހާރު ތިމަންނަމެންވާނީ އެޑިޔުކެޝަން މިނިސްޓަރު ޝިފާއަށް ދަންނަވާފައޭ ތިމަންނަމެން މި ވޯޓުގައި ބައިވެރިވާ ވާހަކަ ސިޓީއަކުން ދަންނަވައި ދިނުމަށް. ސިޓީއަކުން ދެންނެވިޔަސް ދެން އެ ވޯޓަކު ބައިވެރިއެއް ނުވެވޭނެ. އެކަންތައް އެ ނިމުނީ،" އަންޑޭ ވިދާޅުވިއެވެ.

ސާކްސަމިޓު ނިމެންދެން އައްޑޫގައި މަޑުކުރެއްވުމަށް ރައީސް ނަޝީދު އިއްޔެ އަޑޫއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޔުނެސްކޯ އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް ނެގި ވޯޓުގައި ރާއްޖެއަށް ބައިވެރިނުވެވުނީ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދަށް އެރި އޮޅުންތަކެއްގެ ސަބަބުންކަމަށާއި އެއީ ވަރަށް ދެރަކޮށްވީ ކަމެއް ކަމަށެވެ.

ޔުނެސްކޯ ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުމުގެ ފަހަތުގައި ރިޝްވަތުގެ މައްސަލަތަކެއް އެބަހުރި ކަމަށް ލަފާ ކުރެވޭ ކަމަށް ޕީޕީއެމުން އިއްޔެ ވަނީ ބުނެފައެވެ.